ޚަބަރު

ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ފޯމު ހުށަހަޅުއްވައިފި


ވެރިކަންކުރާ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް ޔާމީންގެ ފަރާތުން ކެނޑިޑަސީ ފޯމް އިލެކްޝަންސްއަށް ހުށަހެޅުއްވީ ޕީޕީއެމްގެ ނައިބު ރައީސް، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރުއެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ރަނިންގ މޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ ކެނޑިޑަސީ ފޯމު ހަވާލުކުރެއްވުމަށްފަހު މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕީ.ޕީ.އެމްގެ ނާއިބު ރައީސް މޫސާ ޒަމީރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑަސީ ބަލައިގަތުމާއެކު ރިޔާސީ އިންތިޚާބުގެ ޤާނޫނާއީ ޤަވާއިދުތަކުން ތަންދޭ އެންމެ ފުޅާދާއިރާއެއްގައި އިންތިޚާބަށް ކެމްޕެއިން ކުރުމުގެ ކަންކަން ޕީ.ޕީ.އެމުން ކުރިއަށް ގެންދާނެކަމަށެވެ. އަދި ފޯމް ހުށައެޅުމުގެ ކަންކަން އާންމު އުސޫލުގައި އޮންނަގޮތުގެ މަތީން ކުރިއަށްގެންދިޔައީ ބޮޑު ހަރަކާތަކާއެކު އެކަން ބާއްވައިގެން އެއްވެސް ފަރާތަކަށް އުނދަގޫވާނެ ފަދަ ކަމެއް ނުކުރުމުގެ މަގުސަދުގައިކަމަށް ޒަމީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މެންބަރުން ވަރަށް ބޮޑަށް އެދުނު ވަރަށް ބޮޑު ޕްރޮސެޝަނެއް ބާއްވައިގެން މިކަންތައް ކުރަން. އެކަމަކު އަޅުގަނޑުމެން ވިސްނީ މާލޭގެ މަގުތައްފުރި، މިކަހަލަ ގަޑިއެއްގައި އަޅުގަނޑުމެން މިތަނަށް އަންނައިރުގައި ދިމާވާނެ ދަތިތަކާއި ރައްޔިތުންނަށް އެކަމުން ވެދާނެ އުނދަޤޫތަކަށް ވިސްނާފައި. އޭގެއިތުރުން އަޅުގަނޑުމެން ޕާާޓީގައި ތިއްބެވި ހުރިހާ އިސް ބޭފުޅުންނަކީ ސަރުކާރުގެ އިސް މަޤާމުތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއް އެހެންވީމަ އަޅުގަނޑުމެންނަށް އާންމު އުސޫލުގެ ތެރެއިން ކުރަން ނިންމީ" ޒަމީރު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމުގެ ފޯމް ހަތް ފަރާތަކުން ނަންގަވާފައިވާއިރު، މިހާތަނަށް ފޯމް ހުށައަޅާފައިވަނީ ތިން ބޭފުޅުންކަމަށެވެ.
"މިއަދު މިބަލައިގަތީ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ރިޔާސީ އިންތީޚާބަށް ކުރިމަތިލައްވާކަމުގެ އެޕްލިކޭޝަން ފޯމް. މިއެޕްލިކެޝަން ޗެކްކުރުމަށްފަހު ގޮތެއް ނިންމާނީ ކުރިއަށްއޮތް 48 ގަޑިއިރުތެރޭގައި. ހަމަ މައުލޫމާތައްޓަކައި ދަންނަވާލަން މިހާތަނަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިފައިމިވަނީ 3 ކެނޑިޑޭޓެއްގެ ފޯމް. މާދަމާ 4 ގެ ނިޔަލަށް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނެ. މިހާތަނަށް ހަތް ފަރާތަކުން ފޯމް ގެންދަވާފައިވާތީ އުންމީދުކުރަން އަދިވެސް އިތުރު އެޕްލިކޭޝަން ފޯމް ލިބޭނެކަމަށް."
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ރަސްމީކޮށް އަރުވާފައިވަނީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ.