ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިތުރު މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކާ ހަވާލުކޮށްފި


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކާއި ހަވާލުކޮށްފިއެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ހިލޭ ސާބަހަށް ތަފާތު އެކި ކަންކަމުގައި މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ ފަރާތެއް ކަމަށްވާ ސަޢުދު ޔޫސުފާއެވެ. މި މަސައްކަތް ހަވާލުކުރުމަށް އެޗް.ޑީ.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކުންފުނީގެ ޑިރެކްޓަރ އޮފް ލީގަލް އެފެއަރޒް ޑރ. ފާތުމަތު ޝިޢުނީއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ މި މިސްކިތަކީ އެއް ފަހަރާ 650 މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެއްކަމަށް އެޗް.ޑީ.ސީން މަޢުލޫމާތުދެއެވެ. މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރާ ދެވަނަ މިސްކިތެވެ. އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅުގައިވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިސްކިތެއް ބިނާކުރުމަށް އަމިއްލަ ބަޔަކާއި ހަވާލުކޮށްފައެވެ.

ހުޅުމާލޭގައި މީހުން އާބާދުވަމުންދާ ނިސްބަތަށް ބަލާ، ކޮންމެ ނެއިބަރހޫޑެއްގައިވެސް މަދުވެގެން ސްކޫލަކާއި، މިސްކިތެއް ބިނާކޮށްފައި ހުރުމަކީ އެޗް.ޑީ.ސީގެ އަމާޒެކެވެ. އެގޮތުން މިހާތަނަށް ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި 7 މިސްކިތެއް ބިނާކޮށްފައިވާއިރު، މީގެ ތެރެއިން 4 މިސްކިތެއް ބިނާކޮށް، ހުޅުވާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައެވެ.