ލައިފް ސްޓައިލް

އެންމެ ބޮޑެތި އެއަރކްރާފްޓްތަކަށް ނަޒަރެއް

2019 ވަނަ އަހަރު "ސްޓްރެޓޯލޯންޗު"ގެ ފުރަތަމަ ޓެސްޓު ދަތުރު ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށްގޮސްފިނަމަ، އެދަތުރާއެކު އޭވިއޭޝަން ސިނާޢަތުގެ 71 އަހަރުވީ ދިގު ރެކޯޑެއް މުގުރާލާނެއެވެ. އެންމެ ދިގު ވިންގްސްޕޭން ނުވަތަ ބޯޓުގެ ދެ ފިޔަގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ދިގުމިނުގެ ރެކޯޑް "ސްޓްރެޓޯލޯންޗު" ނަމަކަށް ކިޔާ އެއަރ ކްރާފްޓް މުގުރާލުމަށް ތައްޔާރުވަމުންދާއިރު، މިއީ 1947 ގައި ތަރައްޤީކުރީ "ހިއުސް އެޗް-4 ހަރކިއުލިސް" އެއަރކްރާފްޓުން ޤާއިމްކޮށްފައިވާ ރެކޯޑެކެވެ. މީގެ 71 އަހަރުކުރިން ތަރައްޤީކުރި "ހިއުސް އެޗް-4 ހަރކިއުލިސް" މަތިންބޯޓުގެ ވިންގްސްޕޭންގައި 97.54 މީޓަރު ހުންނައިރު، އަންނަ އަހަރު ފުރަތަމަ ދަތުރުކުރުމަށް ހަމަޖެހިފައިވާ "ސްޓްރެޓޯލޯންޗު"ގެ ވިންގްސްޕޭންގައި 117 މީޓަރު ހުންނާނެއެވެ. ނަމަވެސް ވިންގްސްޕޭންއަކީ އެއަރކްރާފްޓްތަކުގެ ބޮޑުމިން ބަލާ މިންގަނޑެއް ނޫނެވެ. އެއަރކްރާފްޓެއްގެ ބޮޑުމިން ބެލުމުގައި ވިންގްސްޕޭންގެ އިތުރުން، ބަރުދަނާއި ދިގުމިނާއި އުފުލޭ މުދަލުގެ މިންވަރަށްވެސް ބަލައެވެ. އެހެންކަމުން ވައިގެ އުދުހުމަށް މިހާތަނަށް ތަރައްޤީކޮށްފައިވާ އެންމެ ބޮޑެތި އުޅަނދުތަކަށް ބަލާލާނަމެވެ.

ސްޓްރެޓޯލޯންޗު

ތަރައްޤީކުރުމުގެ މަރުހަލާގައި އޮތް މި އުޅަނދަކީ އަދި މިހާތަނަށް އުދުހިފައިވާ އުޅަނދެއް ނޫނެވެ. ބޯޓު ތަރައްޤީކުރަމުންދަނީ އާއްމުކޮށް ފެންނަ މަތިންދާބޯޓުތަކާ ޚިލާފަށް، އެންމެ ފިއުސެލާޖެއްގެ ބަދަލުގައި ދެ ފިއުސެލާޖު ގުޅުވާލައިގެނެވެ. އެންމެ ފުޅާ ވިންގްސްޕޭންގެ ރެކޯޑް މިއުޅަނދުން މުގުރާލުމަށް ތައްޔާރުވަމުންދާއިރު މިއީ ޖައްވަށް އުޅަނދުތައް ފޮނުވާލުމަށް އެހީތެރިވެދިނުމަށް ތަރައްޤީކުރާ އުޅަނދެކެވެ. މައިކްރޯސްފްޓްގެ އެއް ބާނީކަމަށް ޕޯލް އެލަން ޚަރަދުކުރާ މިޕްރޮޖެކްޓް ނިންމާ، ބޯޓުގެ ފުރަތަމަ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.

ހިއުސް އެޗް-4 ހަރކިއުލިސް

1942 ވަނަ އަހަރު މިއުޅަނދު ތަރައްޤީކުރުމުގެ މަސައްކަތް އެމެރިކާގެ ކުންފުންޏަކުން ފެށީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި، ކާގޯ އުފުލުމަށެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރުވެސް ބޯޓުގެ މަސައްކަތެއް ނުނިމެއެވެ. 8 އިންޖީނު ހިމެނޭ ބޯޓުގެ ޓެސްޓު ދަތުރުގައި ވައިގެ ތެރޭގައި އުދުހިފައިވަނީ އެންމެ 26 ސިކުންތަށެވެ. އޭގެ ފަހުން އެބޯޓުގެ ބޭނުމެއް ނުކުރެއެވެ.
އެންމެ ފުޅާ ވިންގްސްޕޭންގެ ރެކޯޑް އޮންނަ މިބޯޓުގެ ބަރުދަން ލުއިކުރުމަށްޓަކައި ބޯޓު ހެދީ ލަކުޑިންނެވެ. އެންމެ ފުޅާ ވިންގްސްޕޭންގެ އިތުރުން، މިއީ މިހާތަނަށް ބިނާކުރި ކަނޑަށް ޖައްސާ އެންމެ ބޮޑު ބޯޓެވެ. މިބޯޓު މިހާރު އޮތީ އާއްމުންނަށް ފެންނާނެހެން އެމެރިކާގެ އޮރިގަން ސްޓޭޓްގެ އެވަރގްރީން އޭވިއޭޝަން އެންޑް ސްޕޭސް މިއުޒިއަމުގައި ބާއްވާފައެވެ.

އެންޓޮނޯވް އޭ.އެން 225 މިރްޔާ

6 އިންޖީނާއެކު އޮޕަރޭޓްކުރާ އެންޓޮނޯވް އޭ.އެން 225 އަކީ މިހާތަނަށް ތަރައްޤީކުރި އެންމެ ބަރު އެއަރކްރާފްޓެވެ. ބޯޓުގެ ބަރުދަނުގައި 285 ހާސް ކިލޯ ހުންނައިރު، ބޯޓުގެ ވިންގްސްޕޭންގައި 88.4 މީޓަރު ހުރެއެވެ. އެހެންކަމުން 1988 ވަނަ އަހަރު އުދެހެން ފެށި މިބޯޓަކީ، މިހާރު އޮަޕަރޭޓްކުރަމުން އަންނަ ބޯޓުތަކުގެ ތެރެއިން އެންމެ ބޮޑު ވިންގްސްޕޭން ހުންނަ ބޯޓެވެ. ސޯވިއެޓް ޔޫނިއަނުން ތަރައްޤީކުރި މިބޯޓުގެ ދެވަނަ އުޅަނދެއް ތަރައްޤީކުރުމަށް ސޯވިއެޓް ޔޫނިއަނުން މަސައްކަތްކުރިއެވެ. ނަމަވެސް އޭގެ ކުރިން ސޯވިއެޓް ޔޫނިއަން ވެއްޓުނީއެވެ. ބައެއް ފަރާތްތަކުން ބުނަނީ ޗައިނާއިން އުޅެނީ މިބޯޓު އުފެއްދުމުގެ ޕްރޮގްރާމް އަލުން ފަށަންށެވެ. ނަމަވެސް އެކަން ޔަޤީނެއް ނުވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބޮޑެތި މުދާ އުފުލުމަށް މިހާރުވެސް ބޭނުންކުރާ އެންޓޮނޯވް އޭ.އެން 225 އަކީ ޔޫކްރެއިންގެ އޮންޓޮނޯވް އެއަރލައިނުން އޮޕަރޭޓްކުރާ އުޅަނދެކެވެ.

އެއަރބަސް އޭ 380 - 800

2005 ވަނަ އަހަރު އެއަރބަސްއިން ވައިގެ އުދުހުމަށް ނެރުނު، ދެބުރިއަށް ހަދާފައިވާ އެއަރބަސް އޭ380 އަކީ ވައިގެ ދަތުރުފަތުރުގެ ޑިމާންޑް ބޮޑުވަމުންދިއުމާ ގުޅިގެން ތަރައްޤީކުރި ބޯޓެކެވެ. މިއީ އެއްފަހަރާ 850 ފަސިންޖަރުން އުފުލޭ ބޯޓެކެވެ. ބޯޓުގެ ދިގުމިނުގައި 72.72 މީޓަރު ހުންނައިރު، ބޯޓުގެ ވިންގްސްޕޭންގައި 79.75 މީޓަރު ހުރެއެވެ. ދުބާއީގެ އެމިރޭޓްސް އެއަރލައިންއަކީ އޭ380ގެ ބޯޓުތައް އެންމެ ގިނައިން އޮޕަރޭޓްކުރާ އެއަރލައިނެވެ. ނަމަވެސް މިބޯޓުގެ ވިޔަފާރި އަންދާޒާކޮށްފައިވާ މިންވަރާ ގާތަށް ނުދިއުމުން، އެއަރބަސްއިން އޭ380ގެ ބޯޓުތައް އެއަރބަސްއިން އިތުރަށް އުފައްދާނެތޯ އޮތީ ސުވާލެއްގެ ތެރޭގައެވެ.

ބޮއިންގ 8-747

1970ގެ އަހަރުތަކުގައި އޭވިއޭޝަން ސިނާޢަތަށް ތަޢާރަފްވެގެންދިޔަ ބޮއިންގ 8-747 މަރުކާގެ ބޯޓުތަކަކީ "ކުއީން އޮފް ދަ ސްކައިސްގެ" ލަޤަބު ލިބިފައިވާ ބޯޓެކެވެ. ގިނަ އެއަރލައިންތަކަކުން ބޮއިންގ 8-747 މަރުކާގެ ބޯޓުތައް ބޭނުންކުރަމުން އަންނައިރު، 76.3 މީޓަރު ދިގުމިނުގެ މިބޯޓަކީ ވައިގެ ދަތުރުފަތުރުގައި ބޭނުންކުރާ އެންމެ ދިގު އެއް އެއަރކްރާފްޓެވެ.

އެންޓޮނޯވް އޭ.އެން 124

އެންޓޮނޯވް އޭ.އެން 225 އާ އެއް ކަހަލަ ގޮތަކަށް ތަރައްޤީކޮށްފައިވާ އެންޓޮނޯވް އޭ.އެން 124 އަކީ މިލިޓަރީ ކާގޯ އުފުލާ އެންމެ ބޮޑު އެއަރކްރާފްޓެވެ. 1982 ވަނަ އަހަރު ބޭނުންކުރަން ފެށި އެންޓޮނޯވް އޭ.އެން 124 އަކީ ރަޝިޔާގެ އެއަރ ފޯސްގެ އުޅަނދެކެވެ. ކާގޯ އުފުލުމުގެ އިތުރުން، ޖައްވީ ޕްރޮގްރާމްތަކަށް އެހީވުމަށްވެސް މިއުޅަނދު ބޭނުންކުރެއެވެ.

ލޮކްހީޑް ސީ-5 ގެލެކްސީ

އެމެރިކާގެ އެއަރ ފޯސްއަށް ނިސްބަތްވާ މިބޯޓަކީ، މިވަގުތު ދުނިޔޭގައި އޮޕަރޭޓްކުރަމުން އަންނަ އެންމެ ބޮޑު އެއް މިލިޓަރީ އެއަރ ކްރާފްޓެވެ. އަޕޭޗޭ މަރުކާގެ ހަނގުރާމަމަތީ 6 ހެލިކޮޕްޓަރު މިބޯޓުގައި އުފުލޭނެއެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ އެމެރިކާ ސިފައިންނަށް ބޭނުންވާ ހަތިޔާރާއި އުޅަނދުތައް ފޯރުކޮށްދިނުމުގައި މުހިއްމު ދައުރެއް މި އެއަރކްރާފްޓް އަދާކުރެއެވެ.

ޓުޕޮލެވް ޓީ-ޔޫ 160

54.10 މީޓަރު ދިގުމިނުގައި ހުންނަ، ބޮން އަޅަން ބޭނުންކުރާ މި އެއަރކްރާފްޓަކީ ހަމަލާދިނުމަށް ބޭނުންކުރާ އެންމެ ބޮޑު ކޮމްބެޓް އެއަރކްރާފްޓެވެ. މީގެ އިތުރުން ރަޝިޔާގެ އެއަރ ފޯސްއަށް ނިސްބަތްވާ މިއެއަރކްރާފްޓަކީ އެންމެ ބޮޑު ސުޕަރސޮނިކް އެއަރކްރާފްޓެވެ. 1981 ވަނަ އަހަރު ތަރައްޤީކުރުމަށްފަހު ބޭނުންކުރިނަމަވެސް، މިދިޔަ އަހަރު ވަނީ ފަހުގެ ޓެކްނޮލޮޖީއާއެކު އިތުރަށް ތަރައްޤީކުރުމަށްފަހު މިބޯޓުގެ އެހެން މަރުކާއެއް ޚިދުމަތަށް ނެރެފައެވެ.