ޚަބަރު

އާބާދީގެ 75 އިންސައްތައަށް މިހާރުވަނީ ނަރުދާމާގެ ޚިދުމަތް ފޯރުކޮށްދެވިފައި


ރާއްޖޭގެ އާބާދީގެ 75 ޕަސެންޓަށް މިހާރު ނަރުދަމާ ގެ ޚިދްމަތް ފޯރުކޮށްދެވިފައިވާކަމަށް، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ގއ. ގެމަނަފުއްޓާއި، މާމެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓަރާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ގއ. ގެމަނަފުއްޓާއި، މާމެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިއަދު ވަނީ މިނިސްޓްރީއާއެކު ސޮއިކޮށްފައެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވީ 9 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަރުދަމާ ނިޒާމު ގެ ޢަމަލީ މަސައްކަތް ފެށުމުން މި ދެ ރަށުގެ ރައްޔިތުންގެ ނަރުދަމާ ނިޒާމަކަށް ކުރި އުންމީދު އާލާވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިފަދަ މަސައްކަތް ރަށުތެރޭގައި ކުރިއަށްދާއިރު، އާއްމު ރައްޔިތުންނަށް ދަތި އުނދަގޫތަކާއި ކުރިމަތިވާނެކަން ފާހަގަކުރައްވާ މިނިސްޓަރވަނީ މަސައްކަތްކުރާ ކުންފުންޏަށް އެއްބާރުލުން ދިނުމަށް، ދެ ރަށުގެ ރައްޔިތުންނަށާއި ކައުންސިލްތަކަށް އިލްތިމާސް ކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ ފެނާއި ނަރުދަމާއަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޙައްޤެއް ކަމުން ، ރައީސުލްޖުމްހޫރިއްޔާ މިކަމަށް ވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަމަށެވެ. އެގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި މިޚިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކޮށް މިސަރުކާރުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ،

" މި މަސައްކަތް މިހާ ހަލުވި ސްޕީޑެއްގައި ކުރެވެމުން މިދަނީ ރަޢީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ފެނާއި ނަރުދަމާ (ނިޒާމް) ރާއްޖޭގައި އަޅައިދެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތުގެ ނަތީޖާ.. އެހެންވީމަ އެގޮތުން މިއަދު މިވަނީ ރާއްޖޭގައި ނަރުދަމާ ގެ ނިޒާމަށް ބަލައިލައިކަމުގައިވާނަމަ،،އަޅުގަނޑުމެންނަށް މިހާރުވެސް މިވަނީ 75 ޕަސެންޓު ގެ އާބާދީއަށް.. މިހާރު(ސޮއި) ކުރެވުނު ކޮންޓްރެކްޓުގެ ދަށުން އެޗީވް( ޙާޞިލް) ވެފައި." އެންވަޔަރަންމަންޓް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ގއ. ގެމަނަފުއްޓާއި، މާމެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ކޮންޓެރެކްޓަރާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާ ގެ މެންބަރު ޖަމީލް އުޘްމާން ވިދާޅުވީ، މިހާރު ގެ ސަރުކާރުން ގެމަނަފުށީގައި ޒަމާނީ ބަނދަރަކާއި ބޭންކެއްގެ އިތުރުން، މަސްވެރިންނަށް ޚާއްޞަކޮށް އައިސް ޕްލާންޓެއް ޤާއިމްކޮށްދެއްވާފައިވާކަމަށެވެ. ނަމަވެސް ނަރުދަމާ ގެ ނިޒާމަކީ އެ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ޚިދްމަތް ކަމަށާއި، މިކަން ޙަޤީޤަތަކަށްވުމާއި ގުޅިގެން ވަރަށް އުފާކުރާކަމަށް އޭނާ ވިދާޅުވިއެވެ.

" ރައްޔިތުން ގެ ފަރާތުން އެންމެ ގިނައިން އައި ރިކުއެސްޓަކީ މިއީ. އެގޮތުން ރަޢީސުލް ޖުމްހޫރިއްޔާ އަށް ދެންނެވީމަ މި އަހަރުގެ ބަޖެޓަށް ލެވިގެން، ސަރުކާރުން ޚަރަދުކުރާ ގޮތަށް މި ނަރުދަމާ ހިމެނިގެން މިއައީ." ގެމަނަފުށީ ދާއިރާ ގެ މެންބަރު ޖަމީލް އުޘްމާން ވިދާޅުވިއެވެ.

ގއ. ގެމަނަފުއްޓާއި، މާމެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ކޮންޓެރެކްޓަރާ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާ ގެ މެންބަރު އަޙްމަދު އަސްޢަދު ވިދާޅުވީ، ސުނާމީ ގެ ގެތަކުގައި ބެހެއްޓި ޖަންކްޝަންތަކުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް އުދަގޫވެ، ވަރަށް ބޮޑަށް ނަރުދަމާ ގެ ނިޒާމަކަށް ބޭނުންވެފައި ތިބިކަމަށެވެ. އެހެންނަމަވެސް ކުރީގެ ސަރުކާރުތަކުން އެޚިދްމަތް ފޯރުކޮށްދިނުމުގައި ފޭލިވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"މާމެންދޫގައި ރައްޔިތުން ނަރުދަމާ ނެތުމުގެ ސަބަބުން ދަތިތަކެއް ތަޙާއްމަލުކުރަމުން ދިއައީ.އެއީ އެމީހުން ސުނާމީ ގެތަކާއި އެ އަޅާފައި ހުރި ޖަންކްޝަންތަކުގެ ސަބަބުން އަމީހުންނަށް ވަނީ ވަރަށް ބޮޑަށް ނަރުދަމާ އަށް ބޭނުންވެފައި...ހުއްޓާ މި ސަރުކާރުން ...މިއަދު ގެ ރަޢީސް ރައްޔިތުންނަށް މިފަދަ ކަމެއް ކޮށްދެއްވީމަ، ނަރުދަމާ އެޅުމުގެ ފުރުޞަތު ހޯއްދަވާދެއްވީމަ އަޅުގަނޑުމެން ރަޢީސްއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން" ދާންދޫ ދާއިރާ ގެ މެންބަރު އަޙްމަދު އަސްޢަދު ވިދާޅުވިއެވެ.

ގއ. ގެމަނަފުއްޓާއި ގއ. މާމެންދޫ ގެ ނަރުދަމާ ގެ މަސައްކަތްކުރުމަށް ޙަވާލުކޮށްފައިވަނީ އެސް.ޖޭ ކޮންސްޓަރަކްޝަން ކުންފުންޏާއެވެ. އެ ކުންފުންޏަކީ މިހާރުވެސް 6 ރަށެއްގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ޙަވާލުކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހީމް ވިދާޅުވީ މިހާރުވެސް ގއ. ގެމަނަފުއްޓާއި، މާމެންދޫ ނަރުދަމާ ނިޒާމުގެ ޢަމަލީ މަސައްކަތްފަށަން ތައްޔާރަށް އޮތްކަމަށާއި، ކޮންޓެރެކްޓުގައި ބަޔާންކޮށްފައިވާ މުއްދަތުގެތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް އުންމީދުކުރައްވާކަމުގައެވެ.

ގއ. ގެމަނަފުއްޓާއި، މާމެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޠާރިޤް އިބްރާހީމެވެ. އަދި އެސް.ޖޭ ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޝިހާދް އިބްރާހީމެވެ. ގއ ގެމަނަފުށީގެ މަސައްކަތައް 11.4 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު، ގ.އ މާމެންދޫއަށް ކަނޑައަޅާފައިވާ ބަޖެޓަކީ 10.08 މިލިއަން ދިވެހި ރުފިޔާއެވެ.