ޚަބަރު

ޞިއްޙީނިޒާމު ހަރުދަނާވުމުގައި "ސީ އެމްބިއުލާންސް"ގެ ދައުރު ބޮޑު - މިނިސްޓަރ ނާޡިމް


މިހާރުގެ ސަރުކާރުން އިސްނަންގަވައިގެން ރާއްޖޭގައި ފަށްޓަވާފައިވާ "ސީ އެމްބިއުލާންސް"ގެ ނިޒާމަކީ މުހިންމު ނިޒާމެއްކަމަށާ، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާވުމުގައި މީގެ ދައުރު ވަރަށްބޮޑުކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ހަދިޔާ ކުރި ސީއެމްއެމްބިއުލާންސާ ޙަވާލުވެވަޑައިގަތުމަށް ޢިއްޒުއްދީން ފާލަމު ސަރަޙައްދުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ނާޡިމް ވިދާޅުވީ އުރީދޫއިން ހަދިޔާކުރި ސީއެމްބިއުލާންސްއާއެކު، ރާއްޖޭގެ ސީއެމްބިއުލާންސްގެ ޢަދަދު 29އަށް އިތުރުވީ ކަމަށާ، ސީ އެމްބިއުލޭންސާއި ނުލައި ދިވެހި ރާއްޖޭ ގެ ޞިއްޙީ ދާއިރާ އެންމެ ފުރިހަމަގޮތުގައި ކުރިއަށް ނުގެންދެވޭނެކަމަށެވެ.

ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ފެންވަރު ރަނގަޅު ޞިއްޙީ ނިޒާމެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ގޮންޖެހުން ތަކަކާއި ދިމާވާކަމަށާ، މިފަދަ ޤައުމަކަށް އެންމެ އެކަށޭނަ ފުރިހަމަ ސިއްޙީ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން މިހާތަނަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެގޮތުން 2015 ވަނަ އަހަރު މިހާރުގެ ސަރުކާރުން ރާއްޖޭގައި އިފްތިތާޙް ކުރި ސީ އެމްބިއުލޭންސް ގެ ޙިދުމަތަކީ ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ކޮންމެހެން ބޭނުންތެރި މުހިންމު ޚިދުމަތެއްކަމަށާއި މި ކަމަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އުރީދޫއިންވަނީ 2 ސީ އެމްބިއުލާންސެއް ސަރުކާރާ ޙަވާލުކޮށްފައެވެ. މިއުޅަނދުތަކަކީ އެންމެ ފަހުގެ ޒަމާނީ ވަޞީޢްލަތްތަކާއެކު، ފެންވަރު ރަނގަޅު ޙިދުމަތްތަކެއް ފޯރުކޮށްދެވޭ ފެންވަރުގެ އުޅަނދުތަކެއްކަން ފާހަގަ ކޮށްލެވޭ. އެ ގޮތުން "ސްޓޭޓް އޮފް ދަ އާރޓް" ނެވިގޭޝަން ނިޒާމާއި، 2 އޮކްސިޖަން ޓޭންކް މި އުޅަނދުތަކުގައިވެއެވެ.

މިއަދު ހަދިޔާކުރި ސީއެމްބިއުލާންސްތަކުގެ އިތުރުން، އިތުރު 2 ސީ އެމްބިއުލާންސް، ކައިރި މުސްތަޤުބަލެއްގައި ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާކަމަށް އޫރީދޫއިންވަނީ މިރަސްމިއްޔާތުގައި ޢިއުލާންކޮށްފައެވެ. މުޖުތަމަޢަށް ފައިދާކުރާ މިފަދަ ކަންކަމަކީ އުރީދޫއިން އަބަދުވެސް އިސްކަންދޭ ކަމެއްކަން އެކުންފުނީގެ ޗެއާމަން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދުގެ އިތުރުން އުރީދޫ މޯލްޑިވްސް ގެ ސީ.އީ.އޯ ނަޖީބް ޚާން ބައިވެރިވެވަޑައިގަތެވެ.