ދުނިޔެ

ހޮހަޅައިން ކުދިން ސަލާމަތްކުރުމަށް ހިންގި ހިތްވަރުގަދަ އޮޕަރޭޝަން


މިދިޔަ ޖޫންމަހުގެ 23 ވަނަ ދުވަހު ތައިލެންޑުގެ ޒުވާން ފުޓްބޯޅަ ޓީމެއްކަމަށްވާ ވައިލްޑް ބޯސް ޓީމުގެ ކޯޗާއި 12 ކުޅުންތެރިން ތަމް ލުއާންގ ނޭންގނޮން ހޮހަޅައަށް ދިޔައީ އެދުވަހު ހެނދުނު އޮތް ޓީމުގެ ޕްރެކްޓިސް ނިންމާލުމަށްފަހުއެވެ. 11 އަހަރާއި 16 އަހަރާ ދެމެދުގެ ކުޅުންތެރިން ހިމެނޭ ޓީމުގެ ކޯޗަކީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. ތައިލެންޑުގެ އުތުރުން އޮންނަ ޕޮންގ ޕާ އަވަށް ކައިރީ އޮންނަ ހޮހަޅައަށް އެމީހުން ދިޔަ މައިގަނޑު ސަބަބަކީ އެޓީމުގެ ކުޅުންތެރިއެއްގެ އުފަންދުވަސް ފާހަގަކުރުމެވެ. ނަމަވެސް ހޮހަޅައިގެ ތެރޭގައި ތިއްބާ އެކުދިންނާއި ކޯޗަށް ދިމާވި ހާދިސާއަކީ ތައިލެންޑުގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަންވެސް އެކަމަށް ލިބިގެންދިޔަ ބޮޑު ހާދިސާއެކެވެ.

ފުޓްބޯޅަ ޓީމުގެ މެމްބަރުން ތަމް ލުއާންގ ނޭންގނޮން ހޮހަޅައަށް ވަނީ ވަރަށް ވިއްސާރަ ދުވަސްވަރެއްގައެވެ. ވިއްސާރަދުވަސްވަރު މިފަދަ ހޮހަޅަތަކަށް އާއްމުކޮށް މީހުން ވަދެއެއް ނޫޅެއެވެ. އެއީ ހޮހަޅައިގެ ތެރޭގައި ފެންބޮޑުވެ، ނުރައްކާތެރި ހާދިސާއެއް ކުރިމަތިވެދާނެކަމުގެ ބިރަށެވެ. ހޮހަޅައިގައި ވަގުތު ހޭދަކުރުމަށްފަހު ޓީމުގެ މެމްބަރުން އެނބުރި ހޮހަޅައިން ނިކުންނަން ބެލިއިރު، ބޯކޮށް ވިއްސާރަވެހި، ހޮހަޅައިން ނިކުންނަން އޮންނަ މަގުތައް ވަނީ ފެންބޮޑުވެފައެވެ. އެހާހިސާބުން ޓީމުގެ މެމްބަރުން ހޮހަޅައިގައި ތާށިވީއެވެ.

ޓީމުގެ މެމްބަރުންގެ ޚަބަރެއް ނުވެގެން ހަމަ އެދުވަހު ކުދިންނާއި ކޯޗު ގެއްލިގެން އުޅޭކަން ކަމާބެހޭ ފަރާތްތަކަށް ޢާއިލާތަކުން އެންގިއެވެ. އެހާހިސާބުން ޖޫން 23 ވަނަ ދުވަހުގެރޭ ގެއްލުނު ޓީމުގެ މެމްބަރުން ހޯދުމުގެ މަސައްކަތް ފެށިއެވެ. އަދި އެރޭ ހޮހަޅައަށް ވަންނަން އޮންނަ ސަރަޙައްދުން ޓީމު މެމްބަރުންގެ ބައިސްކަލުތައް ފެނުނެވެ. އަދި ޖެހިގެން އައި ދުވަހު ޓީމު މެމްބަރުންގެ ހޮހަޅައިގެ ބޭރުގައި ބަހައްޓާފައި ދިޔަ ބޫޓުތަކާއި ދަބަސްތައް މީހުން ހޯދުމުގައި ހަރަކާތްތެރިވަމުންދިޔަ މީހުންނަށް ފެނުނެވެ.
ތަމް ލުއާންގ ނޭންގނޮން ހޮހަޅައަކީ ފަރުބަދަތަކެއްގެ އަޑީގައި އޮންނަ ކޭވް ސިސްޓަމަކަށްވުމުން، ހޮހަޅައަށް ވަދެ ނިކުތުމަކީ އެހާ ފަސޭޙަކަމެއް ނޫނެވެ. ބައެއް ސަރަޙައްދުތައް އުސްކޮށް އޮންނައިރު، ބައެއް ސަރަޙައްދުތައް އޮންނަނީ ވަރަށް ފުންކޮށެވެ. އެހެންކަމުން ވާރޭވެހުމުން ފެނުގެ ކޯރުތައް އޮންނަނީ ހެދިފައެވެ. އަދި މިތަނުން ނިކުންނަން އޮންނަ މަގުތަކުގެ ހަނިކަމުން، މީހަކަށް އެގެއިން ދޭތެރެއަކުން ދެމިގަތުން ފަސޭޙަކަމަކަށް ނުވެއެވެ.

ގެއްލިގެން އުޅޭ ޓީމުގެ މެމްބަރުން ހޯދުމުގައި ތައިލެންޑުގެ ފުލުހުންނާއި ސިފައިންނާއި ބޭރުގެ ތަޖުރިބާކާރުން ހަރަކާތްތެރިވަމުންދިޔައިރު، އެމީހުންނަށް ދިމާވެފައި އޮތް ގޮންޖެހުމަކީ ހޮހަޅައިގެ އެކި ސަރަޙައްދުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ހުރުމެވެ. އަނެއްކޮޅުން ބޯކޮށް ވާރޭވެހެމުންދިއުމުން ޕަންޕުތައް ބޭނުންކޮށްގެން ފެން ހިންދުމަށްކުރި މަސައްކަތަށްވެސް މާބޮޑު ކުރިއެރުމެއް ނުލިބުނެވެ.
ފުޓުބޯޅަ ޓީމުގެ މެމްބަރުން ގެއްލިގެން ހަފްތާއެއްވީއިރުވެސް އެމީހުން ހޯދުމުގެ މަސައްކަތްކުރަމުންދާ ޓީމަށް އެގެއިން އެކަކުގެވެސް ނިޝާނެއް ނުފެއެވެ. އަނެއްކޮޅުން ދުނިޔޭގެ އެކިކަންކޮޅުތަކުން ތަޖުރިބާކާރު ޑައިވަރުން ދިޔައީ ގެއްލިގެން އުޅޭ ޓީމުގެ މެމްބަރުން ހޯދުމުގެ މަސައްކަތާ ގުޅެމުންނެވެ. އެގޮތުން އޮސްޓްރޭލިއާ، އިނގިރޭސިވިލާތް އަދި ޗައިނާގެ ތަޖުރިބާކާރުން އެކަމުގައި ހަރަކާތްތެރިވިއެވެ.

މީހުން ހޯދުމުގެ މަސައްކަތަށް ކިރިޔާވެސް ކުރިއެރުމެއް ލިބިގެންދިޔައީ ބޯކޮށް ވެހެމުންދިޔަ ވަރޭ ހުއްޓާލުމުންނެވެ. އެއާއެކު ހޮހަޅަތެރެއިން ފެން ހިންދުމުގެ މަސައްކަތް އަވަސްވިއެވެ. އަދި ޖުލައިމަހުގެ އެއްވަނަދުވަހު ޑައިވަރުންގެ ޓީމެއް ހޮހަޅައިގެ ތެރެއަށް ވަދެ، މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ޖައްސާލިއެވެ. އެއާއެކު ޖެހިގެން އައި ދުވަހު ޓީމު މެމްބަރުންގެ ޢާއިލާތަކަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބިގެންދިޔައީ ހޮހަޅައިގެ ތެރެއިން ޓީމު މެމްބަރުން ސަލާމަތުން ތިއްބާ ފެނުމުންނެވެ.
ކުދިން ގެއްލިގެން އުޅޭތާ 10 ވަނައަށްވީ ދުވަހު އެކުދިން ފެނުނީ، ހޮހަޅައިގެ ތެރޭގައި ޑައިވްކުރަން އުޅުނު އިނގިރޭސިވިލާތުގެ ތަޖުރިބާކާރު ދެ ޑައިވަރަކަށެވެ. ޖުލައިމަހުގެ 2 ވަނަ ދުވަހު ޓީމު މެމްބަރުން ފެނުނީ ހޮހަޅައަށް ވަންނަ އޮންނަ ސަރަޙައްދާއި ގާތްގަނޑަކަށް 2 ކިލޯމީޓަރު ދުރުންނެވެ. އަދި ބިމުގެ 800 މީޓަރު އަޑިންނެވެ. ޓީމު މެމްބަރުން ތިބީ ހޮހަޅަތެރޭގައި ފެންބޮޑުނުވެ އޮތް އުސް ހިސާބެއްގައެވެ. 10 ދުވަސްވަންދެން 12 ކުޅުންތެރިންނާ ކޯޗު ބުއީ ހޮހަޅަތެރެއަށް އެޅެމުންދިޔަ ވަރޭ ފެނެވެ. އެހެންކަމުން ހުރިހާ އެންމެންގެ ހާލު ހުރީ ވަރަށް ދެރަކޮށެވެ. އެކުދިންނަށް ވަގުތުން ކަނާއާއި ބޭސް ފޯރުކޮށްދިނެވެ.

ސަލާމަތުން ކުދިން ފެނުނު ނަމަވެސް، އެކުދިން ހޮހަޅައިން ނެރުމުގެ މަސައްކަތްވީ ބޮޑު ގޮންޖެހުމަކަށެވެ. ހޮހަޅައިން ނިކުންނަން އޮންނަ މަގުތައް ފެންބޮޑުވެފައި އޮތުމުން ގޭސް ފުޅިއާއެކު ޑައިވްކޮށްގެން ނޫނީ އެތަނުން ނިކުމެވޭކަށް ނެތެވެ. އެތަނުން ނިކުތުން ލަސްކޮށްފިނަމަ، ހޮހަޅައިގައި އިތުރަށް ފެންބޮޑުވެ، ނުރައްކާތެރިކަން ބޮޑުވާނެއެވެ. ވައި ފުޅި އަޅައިގެން ޑައިވްކުރަންޖެހޭއިރު ޓީމުގެ އެއްވެސް މެމްބަރަކަށް އެންމެ ކުޑަމިނުން ފަތާކަށްވެސް ނޭނގެއެވެ. އެހެންކަމުން ކުދިން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ފުރަތަމަ ޖެހުނީ ކުދިންނަށް ޑައިވްކުރަން ދަސްކޮށްދޭށެވެ.
ގެއްލުނު ކުދިން ޖުލައިމަހުގެ 2 ވަނަ ދުވަހު ހޮހަޅައިން ފެނުނު ނަމަވެސް އެކުދިންނަށް ޑައިވްކުރަން ދަސްކޮށްދިނުމަށްފަހު، ހޮހަޅައިން ނެރުމުގެ މަސައްކަތް ފެށީ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. ޑައިވްކޮށްގެން ކުދިން ނެރެންޖެހޭއިރު، ޑައިވްކުރަންޖެހޭ ބައެއް ދޭތެރެތަކުގެ ފުޅާމިނުގައި 15 އިންޗިވެސް ހަމަވަނީ ކިރިޔާއެވެ. މިދިޔަ އާދީއްތަދުވަހު އެމަސައްކަތް ފެށިއިރު، އެއީ ނުރައްކާތެރި އޮޕަރޭޝަނެއްކަމުން މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

ހޮހަޅަ ތެރޭގައި ކުދިން ތިބި ސަރަޙައްދުން، ހޮހަޅައިން ނިކުންނަން އޮންނަ ސަރަޙައްދަށް ދިއުމަށް 9 ގަޑިއިރެއްހާއިރު ހޭދަވާއިރު، އޭގެ ތެރެއިން 5 ގަޑިއިރެއްހާއިރު ފެނު އަޑީގައި ޑައިވްކުރަންޖެހެއެވެ. އެހެންކަމުން ކޮންމެ ކުއްޖަކާއެކު ދެ ޑައިވަރުން ހަރަކާތެރިވިއެވެ. އެކުދިންނަށް އެހީވުމަށް ވައިފުޅި އުފުލަދިނީ އެތަނުން އެއް ޑައިވަރެވެ. 2 ކިލޯމީޓަރުގެ ރާސްތާގެ ފުރަތަމަ ކިލޯމީޓަރަކީ އުނދަގޫ ބައެވެ. މިއީ އެންމެ ހަނި ދޭތެރެތަކުން ޑައިވްކުރަންޖެހޭ ސަރަޙައްދެވެ. އޮޕަރޭޝަން ކުރިއަށްދާއިރު ހޮހަޅައިގެ އެކި ހިސާބުތަކުގައި ޑައިވަރުންގެ ޓީމުތައް ހަރަކާތްތެރިވިއެވެ.
ހޮހަޅައިން ޓީމުގެ މެމްބަރުން ނެރުމަށް މަސައްކަތް ފެށި ފުރަތަމަ ދުވަހު 4 ކުދިން ހޮހަޅައިން ސަލާމަތްކުރިއެވެ. އަދި ޖެހިގެން އައި ދުވަހު އިތުރު 4 ކުދިން ސަލާމަތްކުރިއެވެ. އަދި ބާކީ ތިބި 4 ކުދިންނާއި ކޯޗު ހޮހަޅައިން ސަލާމަތްކުރީ އިއްޔެއެވެ.

ހޮހަޅައިން ސަލާމަތްކުރި 12 ކުޅުންތެރިންނާއި ކޯޗުގެ ހާލު ރަނގަޅުނަމަވެސް އެމީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ނުކައި ހުރުމުން ކޮންމެ ކުއްޖެއްގެ ބަރުދަނުން ދެ ކިލޯއެއް ލުއިވުން ނޫން އެހެން މައްސަލައެއް ނެތެވެ.
ހޮހަޅައިން އެންމެ ފުރަތަމަ ސަލާމަތްކުރި 4 ކުދިން، އެކުދިންގެ ޢާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތުވެސް ވަނީ މިހާރު ދީފައެވެ. ދެން ތިބި ކުދިންނަށްވެސް އެފުރުޞަތު ވަރަށް އަވަހަށް ލިބިގެންދާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ހޮސްޕިޓަލުން ހުރިހާ ކުދިން ދޫކޮށްލަނީ ހަފްތާއެއްވަރު ފަހުންނެވެ.

ދެހަފްތާއެއްހާ ދުވަހު ހޮހަޅައެއްގައި ތާށިވެފައި ތިބި ކުދިން ސަލާމަތްކުރުމުން، ތައިލެންޑުގެ ރައްޔިތުންނާއި ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ ކުދިން ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފަރާތްތަކުގެ ހިތްވަރުގަދަކަން ފާހަގަކޮށް، އެކަމަށް ތައުރީފްކުރަމުންނެވެ.
ކުދިން ސަލާމަތްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ތައިލެންޑުގެ އަސްކަރިއްޔާގެ ނޭވީ ސީލް ޓީމުގެ ކޮމާންޑަރު ބުނީ މަސައްކަތް ފެށިއިރު ޓީމު މެމްބަރު ސަލާމަތުން ފެންނާނެކަމުގެ އުއްމީދު އޮތީ ވަރަށް ކުޑަކޮށްކަމަށެވެ. ނަމަވެސް އެކުދިން ހޯދުމަށް ލިބުނު ހިތްވަރަކީ އެކުޑަ ކުޑަ އުއްމީދުކަމަށް އޭނާ ބުންޏެވެ.