ޚަބަރު

އިންޑިއާގެ ޓައިމްސް ނެޓްވޯކުން ހޮވާ އެންމެ މޮޅު ރެސިޑެންޝަލް ޢިމާރާތަކަށް ރާއްޖޭގެ "ރެނާޓަސް އިތާމުތް"


އިންޑިއާގެ ޓައިމްސް ނެޓްވޯކުން ހޮވާ ނެޝެނަލް އެވޯޑްސް ފޯރ މާކެޓިން އެކްސަލެންސްގެ ޤައުމުން ބޭރުގައި ހިންގާ އެންމެ މޮޅު ރެސިޑެންޝަލް އިމާރާތަކަށް "ރެނާޓަސް އިތާ މުތް" ހޮވިއްޖެއެވެ.

މިއީ އިންޑިއާގައި ފުޅާ ދާއިރާގައި ކޮންސްޓްރަކްޝަންގެ މަސައްކަތް ކުރަމުން އަންނަ އާރު.ޕީ.ޕީ ގްރޫޕުގެ ސަބްސިޑަރީ ކުންފުނި ރެނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޑެޓުން އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއި، ޚިދުމަތްތަކާއެކު ހުޅުމާލޭގައި ތަރައްގީކޮށްފައިވާ މަތީފެންވަރުގެ އެޕާޓްމެންޓްތަކެކެވެ.

ހުޅުމާލޭގެ ވޯޓަރ ފްރަންޓުގައި އަޅާފައިވާ މި އެޕާޓްމެންޓް އިމާރާތުގެ އެންމެ ތިރީ ފްލޯއާއި، ފުރަތަމަ ފްލޯ ޚާއްސަކޮށްފައިވަނީ ހައި އެންޑް ޝޮޕިންގް ފެސިލިޓީތަކަށެވެ. އަދި މި އިމާރާތުގައި ޖިމަކާއި، ސިނަމާ ހޯލެއްގެ އިތުރުން ކުޑަކުދިން ކުޅޭ ސަރަހައްދަކާއި، ކާރާއި ސައިކަލު ޕާކު ކުރަން ޚާއްސަ ޕާކިންގް އޭރިއާތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.

8 ބުރިއަށް ތަރައްޤީކޮށްފައިވާ ރެނާޓަސް އިތާމުތުގައި 4 ޕެންޓްހައުސްގެ އިތުރުން، އެއް ކޮޓަރި، ދެ ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭހެން ޖުމްލަ 72 އެޕާޓްމަންޓް ހިމެނެއެވެ. މި ޢިމާރާތުގެ މަސައްކަތް ނިންމާ އެޕާޓްމަންޓްތައް ގަތް ފަރާތްތަކާއި، ވަގުތީ ތަޅުދަނޑިތައް ހަވާލުކޮށްފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 27 ވަނަ ދުވަހެވެ.

"ދަ ނެޝެނަލް އެވޯޑްސް" އަކީ ރިއަލް އެސްޓޭޓް ވިޔަފާރިތަކާއި، މާކެޓިން އަދި އެވްޑަޓައިޒްމަންޓް ދާއިރާގައި މަސައްކަތްކުރާ އިންޑިއާގެ މަޤްބޫލު ކުންފުނިތަކާއި، ބްރޭންޑްތަކާއި، ވަކި ވަކި ފަރުދުންގެ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ދެވޭ ޝަރަފުވެރި އެވޯޑެކެވެ. އަދި މިއީ އިންޑިއާގައި އެންމެ ހަލުވި މިނުގައި ކުރިއަރަމުން އަންނަ އަދި އެންމެ ވާދަވެރި އެއް ސިނާޢަތް ކަމަށްވާ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުގެ ޙާއްސަ ސަމާލުކަމެއް ލިބިފައިވާ އެވޯޑެއްވެސްމެއެވެ. އެގޮތުން މި އެވޯޑު ޙަފްލާގައި މިދެންނެވި ދާއިރާތަކުގައި މަސައްކަތް ކުރާ މާކެޓިންގ ޕްރޮފެޝަނަލުންނާއި، އެޖެންސީތަކާއި، ކޮންސަލްޓަންޓުން އެއްތަނަކުން ބައްދަލުވެ، އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމުގެ ފުރުޞަތު ފުޅާ ދާއިރާއެއްގައި ލިބިގެންދެއެވެ. މިއީ މި އެވޯޑް ދިން 4 ވަނަ އަހަރުއެވެ.