ލައިފް ސްޓައިލް

ލެގޯ ބޭނުންކޮށްގެން އުފައްދާފައިވާ އެންމެ ބޮޑުބޯޓު ވެރިޔަކީ 10 އަހަރުގެ ކުއްޖެއް


20 ވަނަ ޤަރުނުގެ ކުރީކޮޅު ދުނިޔޭގެ އެންމެ ބޮޑުބޯޓް، ޓައިޓޭނިކާއި ދާދި އެއްވައްތަރަކަށް ލެގޯއިން ހަދާފައިވާ އެންމެ ބޮޑުބޯޓު ހަދާފައި ވަނީ ޢުމުރުން 10 އަހަރުގެ އޯޓިސްޓިކް ކުއްޖެއްކެވެ.
އައިސްލޭންޑްގެ ބްރިނިއަލް ކާރލްސް މިބޮޑު ބޯޓު ބިނާކޮއްފައިވަނީ 700 ގަޑި އިރުގެ ތެރޭގައެވެ. މިބޯޓު މިހާރު ވަނީ އެމެރިކާގެ ޓެނެސީގެ ޓައިޓޭނިކް މިއުޒިއަމްގައި ބަހައްޓާފައެވެ. މިލެގޯ ބޯޓު އައިސްލޭންޑުން އެމެރިކާއަށް ގެންގޮސްފައިވަނީ ތިން ބަޔަކަށް ބަހައިލައިގެންނެވެ.
މިހާރު ޢުމުރުން 15 އަހަރުގެ ބްރިނިއަލް ކާރލްސް މި "ލެގޯ ޓައިޓޭނިކް" ހަދައިފައިވަނީ 56 ހާސް ލެގޯ ބްލޮކް ބޭނުންކޮށްގެންނެވެ. މިބޯޓަކީ 26 ފޫޓު ދިގު އަދި 15 ފޫޓު އުސް ކޮށް ހަދާފައިވާ ބޯޓެކެވެ.
ބްރިނިއަލް ބުނާގޮތުގައި އެންމެ ފުރަތަމަ އޭނާގެ ޢުމުރުން 5 ވަރަކަށް އަހަރުގައި އޭނާމިކަން ފެށީ ފޫހިވެގެން ފޫހި ފިލުވާލުމުގެ ގޮތުންނެވެ. އެގޮތުން އެފަހަރަކު ގަޔާވާގޮތަކަށް ލެގޯ ބްލޮކްތަށް އެއްކުރިކަމަށް އޭނާ ބުނޭއެވެ.
ބްރިނިއަލް ބުނާގޮތުން އޭނާ ފުރަތަމަ ހަދާ އުޅުނީ ކުދި ރޭލާއި ކާރު ފަދަ ތަކެއްޗެވެ. އެހެންނަމަވެސް އޭނާގެ މިޚިޔާލު ބަދަލުވީ އޭނަގެ ކާފަ އޭނާގޮވައިގެން މަހަށް ދިއުމުންނެވެ. އެއަށްފަހު ބްރިނިއަލް މިފަދަ ބޯޓުތަށް ފެނި އާޝޯޚުވެ އެތަށް އިރަކު އިންކަމަށް އޭނާގެ ކާފަ ބުނޭއެވެ. އަދި ޢުމުރުން 10 އަހަރުގައި އޭނާއަށް ޓައިޓޭނިކްގެ ވާހަކަ ކިޔައިދިނުމާއިއެކު އޭނާ މިބޯޓަށް ވަރަށް ބޮޑަށް ޝައުޤުވެރިވިއެވެ. އަދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި ޓައިޓޭނިކާބެހޭ ހުރިހާ މަޢުލޫމާތުތަކެއް ހޯދިއެވެ.

"
"އަަހަރެން އަސްލު ތަންތަނަށް މަންމައާއިއެކު ދާއިރު ފެންނަ މީހުންނާއި، ޢިމާރާތްތަކާއި، ޝިޕްތަށް ފެނުނީމަ ވަރަށް ހައިރާންވޭ، އަހަރެން އަބަދުވެސް ބޭނުންވޭ އަހަރެން އަމިއްލައަށް މިކަހަަލަ އެއްޗެއް އަހަރެންގެ ލީގޯ ބްލޮކްސްއިން ހަދަން، އެގޮތުން އިންސާނަކާއި އެއްވަރު ލީގޯ ޓައިޓޭނިކް ބޯޓެއްހަދަން އަހަރެން ވަރަށް ބޭނުންވި. އޭރު އަހަަރެންނަށް އެންމެ ދިހަ އަހަރު އަދި"
ބްރިނިއަލް ކާރލްސް

10 އަހަރުގެ ބްރިނިއަލްގެ މި މަސައްކަތުގައި އޭނާއަށް އެންމެބޮޑަށް އެހީތެރިވީ އޭނާގެ ޢާއިލާގެ މެމްބަރުންނެވެ. އެގޮތުން އޭނާ މިޓައިޓޭނިކް ބޯޓު ހަދާގަޑި ވެގެންދަނީ ޢާއިލާއެންމެން އެއްކޮށް އެންމެ މަޖާކޮށް އުޅޭ ވަގުތުތެއްގެ ގޮތުގައެވެ. އެގޮތުން ބްރިނިއަލްގެ ކާފައާއި މަންމަ އޭނާއަށް ވަރަށް ބޮޑަށް އެހީވިކަމަށް ބްރިނިއަލް ބުނެއެވެ. އޭނާގެ ކާފަ މިބޯޓުގެ ބްލޫ ޕްރިންޓް ހަދައިދީ ޓައިޓޭނިކްގެ މިބޯޓްހެދުމަށް ބޭނުންވާ ބްލޮކްތަށް ހިޔާރުކުރުމަށް އެހީތެރިވެދިންކަމަށް އޭނާ ބުނެއެވެ. ބްރިނިއަލް ބުނީ އޭނާ އެންމެ ހަދާހިތްވަނީ ރަތް އަދި ކަޅުކުލައިގައި ޓައިޓޭނިކްގައި ހުންނަ ބައިތަކަށްކަމަށެވެ.

"
"މަންމަ އަކީ އަހަރެންގެ ޗިއަރ ލީޑަރ.. ކާފަ ހަމަ އެންމެ ސަޅީ. އެއީ އަހަންނަށް އެންމެ އެހީތެރިވި މީހާ."
ބްރިނިއަލް ކާރލްސް

މިއޮއް ބޮޑު ބޯޓު ހެދުމަށް މިހާ ބައިވަރު ލީގޯ ބްލޮކްސް އެއްކުރީ ކިހިނެއްތޯ ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ މިހުރިހާއެއްޗެއް ގަތުމުގައި އޭނާގެ އެކުވެރީންނާއި އާއިލާގެ ދީލަތި އެހީ ވަރަށް ބޮޑަށް ލިބުނުކަމަށެވެ. އަދި މިހުރިހާ ކަމެއްގެ ތެރެއިންވެސް އޭނާއަކީ އޯޓިސްޓިކް ކުއްޖެއްކަން އިހުސާސްވެސް ނުވާކަމަށް އޭނާ ބުނެއެވެ.
އެންމެ ފުރަތަމަ މި މަސައްކަތް ފެށިއިރު ކުޑަކޮށް އުނދަގޫވިނަމަވެސް މިހާރު އޭނާގެ ކުރީގެ އެކަނިވެރިކަން މުޅިންްފިލައިފިކަމަށް އޭނާ ބުނެއެވެ. އަދި މިހާރު އޭނާއަކީ ވަރަށް ކޮންފިޑެންޓް ކުއްޖަކަށް ވެއްޖެކަމަށްވެސް ބްރިނިއަލްގެ އާއިލާއިން ބުނެއެވެ. މިކަން އޭނާ ދެމުން އަންނަ އިންޓަވިއުތަކުންވެސް އެނގިގެން ދޭއެވެ.
ބްރިނިއަލްގެ މަންމަ ބުނާގޮތުން އޭނާގެ ދަރިފުޅު އެންމެ ކުޑައިރު އޭނާ ދެރަވަނީ ދަރިފުޅަށް ޢާންމު ދިރިއުޅުމެއް ހޯދައިނުދެވިދާނެތީކަމަށެވެ. އެގޮތުން އާންމުކޮށް ކުދިން އުޅޭގޮތަށް ނޫޅެދިވިދާނެތީ އެތަށް ރެއަކު ނުނިދާ އޮތްކަމަށް އޭނާ ބުނެއެވެ. އެހެންނަމަވެސް ބްރިނިއަލް މިއަދު ހޯދާފައިވާ ކާމިޔާބީއަށް ފަޚުރުވެރިވާކަމަށް އޭނާގެ މަންމަ ބުނެއެވެ.
ބްރިނިއަލް ބުނާގޮތުގައި އޭނާ ދެން ބޭނުންވަނީ ލެގޯ ބްލޮކްސް ބޭނުންކޮށްގެން އެމިއުސްމެންޓް ޕާކެއް ހަދަންކަމަށެވެ.
ބްރިނިއަލްގެ މި މަސައްކަތާއި އޭނާގެ ވާހަކަތަކުން އެނގެނީ ކޮންމެ ކުއްޖަކުވެސް ގަދައަޅައި މަސައްކަތް ކޮށްފިނަމަ އެކުއްޖަކު ޙާސިލުކުރަން ބޭނުންވާކަމެއް ޙާސިލްކުރެވިދާނެކަމެވެ.