ޚަބަރު

އިސްލާހިއްޔާ ހުރި ބިން މާފުށީ ކައުންސިލަށް ދޭން ނިންމައިފި


ކުޑަކުދިންގެ އިސްލާހިއްޔާ ހިންގަމުން ދިޔަ ބިން މާފުށީ ކައުސިލަށް މިއަދުން ފެށިގެން ދޫކޮށްލަން ނިންމާ މާލެ އަތޮޅުން އިތުރު ފަސްފަޅެއް ފަތުރުވެރިކަމަށް ދޫކުރަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއުލާންކުރައްވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކ. މާފުށީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކ. މާފުށީގެ ގޮނޑޮދޮށް ހިމާޔަކުތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގައި މާފުއްޓަކީ ވަރަށް ބޮޑު ހިއްސާއެއް އަދާކުރާ ބައިވެރިއެއްކަމަށެވެ. އެގޮތުން އަމްދާނީ ހޯދުމަށާއި، އިޤްތިޞާދީގޮތުން މާފުއްޓަކީ މުހިއްމު މަސައްކަތްތަކެއް ކުރާ ރަށެއްކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދެވަނަ ދަޢުރަކަށް ރައްޔިތުން ފުރުޞަތު ދެއްވައިފިނަމަ މާފުށީގެ ބިން ބޮޑުކުރުމުގެ މަޝްރޫޢު ހިމަނުއްވާނެކަމަށެވެ. ރާއްޖެއަކީ ބިން މަދު ޤައުމެއް ނޫންކަމަށާއި، ބިން އިތުރުކޮށް އޭގެން މަންފާ ހާސިލުކުރެވިދާނެކަން މި ސަރުކާރުން ސާބިތުކޮށްދީފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މާފުށީ ބިން އެންމެ ފައިދާ ހުރިގޮތުގައި ބޭނުންކުރެވޭނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކުޑަކުދިންގެ އިސްލާޙިއްޔާ ހުރީ ބިމުގެގޮތުން ބޮޑު ސަރަޙައްދެއްގައިކަމަށެވެ. އެހެންކަމުން އާމްދަނީ ހޯދުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުންނަށް އެ ބިން ދައުލަތުން ދޫކޮށްލެވިކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ. މީގެ އިތުރުން މާފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ތިލަފުށީ އިންސިނިރޭޓަރު ޤާއިމުކުރެވުނުހާ އަވަހަކަށް ހައްލުކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ހުރިހާ ކަމަކީވެސް އެއްވެސް ގިންތިއެއް، އެއްވެސް ދާއިރާއެއް އެކަހެރިނުކޮށް ވަށާޖެހޭ ތަރައްޤީގެ ތެރެއިން ސަރުކާރުން ކުރާ މަސައްކަތްތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ކުރިއަށްގެންދާ އިޤްތިޞާދީ އެހެނިހެން މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ރައީސް ޔާމީން ވިދާޅުވީ، ފަތުރުވެރިކަން ފުޅާވެގެން ދިއުމަކީ މުޅި ރާއްޖޭގެ ދަތުރުފަތުރާއި، ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިވެގެންދިއުންކަމަށެވެ. މިގޮތުން ހއ އަދި ހދ. އަތޮޅަކީ ފަތުރުވެރިކަން އެންމެ ބޮޑަށް ފުޅާކުރަންޖެހިފައިވާ ސަރަޙައްދުކަމަށާއި، އެކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ދަތިކަންކަމަށެވެ. އެހެންކަމުން އެ ދެ ސަރަޙައްދުގައި މި އަހަރު އެއަރޕޯޓުތައް ތަރައްޤީކޮށް ނިމޭނެކަމަށާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ 1 ބިލިއަން ޑޮލަރުގެ ސަރަޙައްދީ ބޮޑު މަޝްރޫޢު ނިމުމުން، ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރަށްވުރެ 7 ގުނަ އިތުރުވެގެންދާނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މާލެ އަތޮޅުން 5 ފަޅެއް ފަތުރުވެރިކަމުން ނަފާ ހޯދުމަށްޓަކާ ދޫކޮށްލާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ސަރުކާރުން އިޤްތިޞާދީ މަޝްރޫޢުތައް ހިންގުމަށް ނަގާ ދަރަންޏާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ކިޔާ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރު އައިއިރު ދިވެހި މާލިއްޔަތުގައި 29 ހާސް މިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށެވެ. އަދި މި ސަރުކާރުން އެ ދަރަނި އަދާކުރުމަށްފަހު އިތުރު ދަރަނި ނަގަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެ ދަރަނި އަދާކުރުމުގެ ޤާބިލުކަން ސަރުކާރުގައި އެބަހުރިކަމަށާއި، 4 އަހަރުގެ ތެރޭގައި މިގެނެވުނީ ފާއިތުވި އެތައް އަހަރެއްގެ ތަރައްޤީކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.