ޚަބަރު

މި ސަރުކާރަކީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމައިގެން ކުރިއަށްދާ ސަރުކާރެއް - ޠާރިޤު


މި ސަރުކާރަކީ ވަކިކަމަކަށް ޙާއްސަވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމައިގެން ކުރިއަށްދާ ސަރުކާރެއްކަމަށް މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކ މާފުށީ ގޮނޑުދޮަށް ހިމާޔަތްކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކ. މާފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ ޙަރަދުކޮށްގެން ކުރިއަށްގެންގޮސްފައިވާ މަޝްރޫޢެކެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮންޕެނީ، އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށް ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފަށާފަވަނީ 29 ނޮވެންބަރ 2015 ގައެވެ. އަދި މި މަޝްރޫޢު ނިންމާލާފައިވަނީ 15 ސެޕްޓެމްބަރ 2016 ގައެވެ. މި މަޝްރޫއުގެ ދަށުން، މާފުށީ ގިރާ ސަރަހައްދަށް 5000 ކޮޑިމީޓަރ ވެލިއަޅައި، 440 މީޓަރު ދިގުމިނުގެ ބޮޑުހިލައިގެ 4 ގޮރޮއިން ޤާއިމްކޮށް، އެ ސަރަހައްދުވަނީ ހިމާޔަތްކޮށްފައެވެ. މާފުށީގައި ކުރިއަށްގެންދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައި ވަނީ ކ. އަތޮޅުގެ 3 ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

ކ. މާފުށީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫޢުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައިވަނީ މާފުށީ ރައްޔިތުން ބޭނުންވާ ގޮތައްކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރަށުގެ ގިރާ ސަރަޙައްދުގެ ވެލިގަނޑު ހިމާޔަތްކޮށްފައިވަނީ ރަށުގެ ފަތުރުވެރިކަމަށް އެކަމުގެ ސަބަބުން ގެއްލުންނުވާގޮތަށް ވިސްނައިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޠާރިޤު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރަކީ ވަކިކަމަކަށް ޙާއްސަވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި ތަރައްޤީގެ ތެރެއިން، ހުރިހާކަމެއްވެސް ގުޅިލާމެހިގެން ރަށްރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާ ސަރުކާރެއްކަމަށެވެ. އެގޮތުން ފާއިތުވި 4 އަހަރުގެ ތެރޭގައި 30 ކިލޯ މީޓަރުގެ ސަރަޙައްދެއްގެ ގޮނޑޮދޮށް މި ސަރުކާރުން ހިމާޔަތްކޮށްފައިވާއިރު، މާފުށީގައި މި ހިންގި މަޝްރޫޢިން އެކަނިވެސް އެރަށަށް އެކި ގޮތްގޮތުން ތަރައްޤީ އައިސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކ. މަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންކޮށްފަވާ ނިޒާމަކީ ރާއްޖޭގެ ހާލަތަށް ބަލާ، ދިރާސާކޮށް، އެންމެ އެކަށީގެންވާ ނިޒާމެއްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ. އަދި މި މަޝްރޫޢުއަކީ މޫސުމަށް އަންނަ ބަދަލުތަކުން މާފުއްޓާއި، މާފުށީގެ ރައްޔިތުން ރައްކާތެރިކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަކީ އޭގެ ސަބަބުން އެރަށްތަކުގައި ދިރިއުޅޭ އާބާދީއާއި، އާއްމު ފަރުދުންގެ މުދަލާއި ގޯތި ގެދޮރުގެ ރައްކާތެރިކަމަށް އަސަރުކުރާ ކަމެކެވެ. އަދި ދެމެހެއްޓެނެވި ތަރައްގީއަށް ރާއްޖެ ކުރަމުން ގެންދާ މަސައްކަތަށް ކުރިމަތިވެފަވާ ނުހަނު ބޮޑު ގޮންޖެހުމެކެވެ. އެހެންކަމުން، މިމައްސަލައަކީ މިސަރުކާރުގެ ފަރާތުން ޚާއްޞަ އަހައްމިޔަތުކަމެއް ދެމުންގެންދާ މައްސަލައެކެވެ. އަދި މިކަމަށް އެދެވޭ ޙައްލެއް ހޯދުމަށް މި ސަރުކާރުން މުހިއްމު މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.