ޚަބަރު

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ ފަށައިފި


  • މިއީ ޓީޓީއެމްގެ 10ވަނަ އެޑިޝަން

  • މިފެއާގައި 130އަށްވުރެ ގިނަ ރިސޯޓުން ބައިވެރިވޭ

  • 250އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވޭ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސް ޓީޓީއެމްގެ 10 ވަނަ އެޑިޝަން ފަށައިފިއެވެ. މި ފެއާ ކުރިއަށްދާނީ، މާދަމާގެ ނިޔަލަށެވެ.

ދެ ދުވަހުގެ މުއްދަތަށް މާލޭގެ ބާސެލޯ ނަސަންދުރާގައި ކުރިއަށްގެންދާ މި ފެއާގައި 130 އަށްވުރެ ގިނަ ރިސޯޓާއި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު 30 މާކެޓަކުން 250 އަށްވުރެ ގިނަ ޓްރެވަލް އޮޕަރޭޓަރުންނާއި އެޖެންޓުން ބައިވެރިވެއެވެ.

ވީއެމްސީން ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކާއި ބައިނަލްއަޤްވާމީ މާހިރުން އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ ފުރުޞަތުތައް ފަހިކުރުމަށާއި ގުޅުންތައް ބަދަހިކުރުމަށް ލިބޭ އަގުހުރި މަންސައެއް ކަމަށެވެ. އަދި މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ޙަރަކާތްތެރިންނަށް ޕްރޮފެޝަނަލް ގުޅުންތައް ޤާއިމުކުރުމަށާއި، ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް އުފެއްދުމުގެ އިތުރުން ދުނިޔޭގެ ފަތުރުވެރިކަމުގެ ޓްރެންޑުތަކަށް އަންނަ ބަދަލުތަކާ ގުޅޭ މަޢުލޫމާތު ޙިއްޞާ ކުރުމަށް ފަހިވެގެންދާ މުހިންމު ފުރުޞަތެެއް ކަމަށް ވީއެމްސީން ވިދާޅުވެއެވެ.

މި ފެއާގެ އެގްޒިބިޓަރެއްގެ ގޮތުގައި ޓީޓީއެމްގެ ގޯލްޑް ސްޕޮންސަރު އަދި ޑެސްޓިނޭޝަން ޕާޓްނަރުގެ ހައިސިއްޔަތުން، ވިޒިޓް މޯލްޑިވްސްއިން ބައިވެރިވެއެވެ. މި ހަރަކާތުގެ ތެރެއިން ޚާއްޞަ ލައުންޖެއް މެދުވެރިކޮށް ބައިނަލްއަޤްވާމީ ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް އެޖެންޓުން، ޑީއެމްސީތައް، އެއާލައިންތައް އަދި މީޑިއާތަކާއެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެއާ ނިންމާލުމުގެ ގޮތުން ބާއްވާ 'ޓީޓީއެމް އެވޯޑްސް އެންޑް ގާލާ' ބޭއްވުމަށް ހަމަޖެހިފައިވަނީ، މި ބުރާސްފަތި ދުވަހުގެ ރޭ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. މި ޙަފުލާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދާފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑު ދިނުން އޮންނާނެ ކަމަށް ވީއެމްސީން ވިދާޅުވިއެވެ.

މީގެ އިތުރުން ޓީޓީއެމްގެ 10 ވަނަ އެޑިޝަނަކީ ބައިނަލްއަޤްވާމީ ބާޒާރުތަކާ ރާއްޖެ ގުޅުވައިދިނުމުގައާއި، ސިނާޢަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް ފަތުރުވެރިކަމުގެ ދާއިރާގައި އަދާކުރާ މުހިންމު ދައުރު ރަމްޒުކޮށްދޭ ހަރަކާތެއް ކަމަށްވެސް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީން ވިދާޅުވިއެވެ.