ކުޅިވަރު

ޕްރިމިއަރ ލީގުގެ މޮޅު ކުޅުންތެރިއަކީ ބުރޫނޯ ފެނާންޑޭޒް


ޕްރެފެޝަނަލް ފުޓްބޯލް އެސޯސިއޭޝަނުން ހޮވި އިނގިރޭސި ޕްރެމިއާ ލީގުގެ ހުސްވި ސީޒަނުގެ މޮޅު ކުޅުންތެރިއަކަށް މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑޭޒް ހޮވައިފި އެވެ.

މިދިޔަ ސީޒަނުގައި ލީގުގެ ތިން ވަނަ ޔުނައިޓެޑަށް ހޯދައިދޭން މޮޅަށް ކުޅުނު އުމުރުން 31 އަހަރުގެ މިޑްފީލްޑަރު ވަނީ 21 ފަހަރު ލަނޑު ޖަހަން މަގު ފަހިކޮށްދީފަ އެވެ. ފެނާންޑޭޒް އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު މި މަގާމު ހޯދި ޕޯޗުގަލްގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ދިއުމުގެ ކުރިން ރޮނާލްޑޯ ވަނީ 2007 އަދި 2008ގައި މި މަގާމު ހޯދައިފަ އެވެ.

ކުޅުންތެރިން ވޯޓު ލައިގެން ހޮވާ މި މަގާމު އެންމެ ގިނައިން ހޯދާފައިވަނީ ވެސް ޔުނައިޓެޑްގެ ކުޅުންތެރިންނެވެ. މި ގޮތުން މިހާތަނަށް 12 ފަހަރު ޔުނައިޓެޑްގެ ކުޅުންތެރިންނަށް މި އެވޯޑް ވަނީ ލިބިފަ އެވެ. ފެނާންޑޭޒް އަށް މި އެވޯޑް ލިބުނުއިރު 2020 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑަށް ކުޅެމުން އަންނަ ކުޅުންތެރިޔާގެ ކޮންޓްރެކްޓް އާކުރަން މިހާރު ދަނީ އޭނާއާ ވާހަކަ ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ޔުނައިޓެޑަށް 314 މެޗު ކުޅެދީ 110 ގޯލު ޖަހައި 106 ފަހަރު ލަނޑު ޖަހަން އެހީތެރިވެދީފަ އެވެ.

ހުސްވި ސީޒަނުގެ އަންހެން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެންޗެސްޓާ ސިޓީގެ ފޯވަޑް ހަދީޖާ ޝޯ އެވެ. 2024 ވަނަ އަހަރު ވެސް މި މަގާމު ހޯދި ހަދީޖާ ވަނީ އަންހެނުންގެ ސުޕަ ލީގުގައި 21 ގޯލު ޖަހައިފަ އެވެ.
މިދިޔަ ސީޒަނުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ލިބުނީ މެންޗެސްޓާ ސިޓީގެ 21 އަހަރުގެ ޑިފެންޑަރު ނިކޯ އޯރެލީ އަށެވެ. އަންހެން އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ އާސެނަލްގެ 21 އަހަރުގެ ފޯވަޑް އޮލީވިއާ ސްމިތެވެ. މިއީ އޭނާ މި މަގާމު ވިދިވިދިގެން ހޯދި ދެ ވަނަ ފަހަރެވެ.

ޕްރޮފެޝަނަލް ޕްލޭޔާސް އެސޯސިއޭޝަނުން ހޮވި ޑްރީމް ޓީމުގެ ކީޕަރަކީ ޗެމްޕިއަން އަސެނަލްގެ ކީޕަރު ސްޕޭނުގެ ޑޭވިޑް ރާޔާ އެވެ. ޑިފެންޑަރުންނަކީ އާސެނަލްގެ ބްރެޒިލް ޑިފެންޑަރު ގަބްރިއަލް މަގަޅޭސް އާއި ނިކޯ އޯރެލީ އާއި އާސެނަލްގެ ފްރާންސް ޑިފެންޑަރު ވިލިއަން ސަލީބާ އާއި އެ ޓީމުގެ ހޫލިއަން ޓިމްބާ އެވެ.
މިޑްފީލްޑަރުންނަކީ ފެނާންޑޭޒް އާއި އާސެނަލްގެ ކެޕްޓަން ޑިކްލަން ރައިސް އާއި ބްރެންތް ފޯޑްގެ އިގޯ ތިއާގޯ އެވެ. ފޯވަޑުންނަކީ މެންޗެސްޓާ ސިޓީގެ ނޯވޭ ފޯވަޑް އާލިން ހާލަންޑާއި އެ ޓީމުގެ އެންޓޮއިން ސަމެންޔޯ އާއި ބްރެންޓް ފޯޑުގެ ތިއާގޯ އެވެ.