ޚަބަރު

ބްރިޖުގެ އިތުރު 2 ތަނބެއް ގުޅާލުމުގެ މަސައްކަތް ފަށައިފި


މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖުގެ ތެރެއިން އިތުރު 2 ތަނބެއް ގުޅާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރަސްޓަރކްޗަރ ޑރ.މުޙައްމަދު މުޢިއްޒް ވިދާޅުވެއްޖެއެވެ.
ބްރިޖްގެ މަސައްކަތް ހިގަމުންދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ހައުސިން މިނިސްޓަރ ޑރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގެ ހުރިހާ ތަނބުތައް ގުޅާލުމުގެ މަސައްކަތް އަންނަމަހުގެ 9 އަކަށް ނިންމާލެވޭނެކަމަށެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މާލެ އާއި ވީކޮޅުން 540 މީޓަރުގެ ރާސްތާއެއް ގުޅާލުމުގެ މަސައްކަތް އެކޮށްވަނީ ނިންމާލާފައެވެ.

ބްރިޖްގެ ސުޕަރސްޓްރަކްޗަރގައި މިހާރު އެންމެ ބާރަށް ކުރަމުންދާ މަސައްކަތީ އެއްތަނބު އަނެއްތަނބާއި ގުޅާލުމުގެ އަޅާ ސްޓީލް ބޮކްސް ކަރޑަރ ބީމްތައް އެޅުމުގެ މަސައްކަތާއި ޑެކްއެޅުމުގެ މަސައްކަތްތަކެވެ. ބްރިޖްގެ ތަނބުތައް ގުޅާލުމުގެ މަސައްކަތުގެ ދަށުން ސުޕަރ ސްޓްރަކްޗަރގެ އެންމެ ފުރަތަމަ ދެ ތަނބު ގުޅާލާފައިވަނީ އޭޕްރީލް މަހުގެ ކުރީކޮޅުގައެވެ.
މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖަކީ 1.39 ކިލޯމީޓަރ ދިގު 20.3 މީޓަރު ފުޅާ ބްރިޖެކެވެ، ބްރިޖް ޑިޒައިންކޮށްފައިވަނީ ހަތަރު ލޭނަކަށް ބަހާލައިގެންނެވެ. އެގޮތުން ކާރާއި ޕިކަޕުފަދަ ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވުމަށް 2 ލޭން ޚާއްސަކޮށްފައިވާއިރު ސައިކަލާއި ހިނގާފައިއުޅޭ މީހުންނަށްވެސް ބައެއް ޚާސްކޮށްފައިވެއެވެ.