ލައިފް ސްޓައިލް

20 މިލިއަން ޑޮލަރުގެ އަގުހުރި ވޯލްޑް ކަޕް ޓްރޮފީ


ވޯލްޑް ކަޕަކީ ދުނިޔޭގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ކުޅިވަރު މުބާރާތެވެ. ހުރިހާ ކުޅިވަރެއް ހިމަނައިގެން ކުރިއަށްގެންދާ އޮލިމްޕިކް ގޭމްސްއަށް އޮތް ތަރުޚީބަށްވުރެ ހަމައެކަނި ފުޓްބޯޅައަށް ޚާއްސަކޮށްފައިވާ ވޯލްޑް ކަޕަށް އޮންނަ ތަރުޚީބު ބޮޑެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މުބާރާތާ ގުޅިފައިވާ ހުރިހާ ކަމަކީވެސް ގިނަ ބައެއްގެ ސަމާލުކަމާއި ޝައުޤުވެރިކަން ލިބިފައިވާ ކަންކަމެވެ. ވާދަކުރާ ޤައުމުތަކާއި ކުޅޭ ކުޅުންތެރިންނާއި ސްޓޭޑިއަމްތަކުން ފެށިގެން މުބާރާތަށް ކަނޑައެޅިފައިވާ އިނާމުތަކަކީ ޝައުޤުވެރިކަން ބޮޑު ކަންކަމެވެ. މިގޮތުން ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމަށް ދޭ ޚާއްސަ ޓްރޮފީއަކީވެސް ވަރަށް ޚާއްސަ އެއްޗެކެވެ. މީގެ އެންމެ ޚާއްސަ ކަމަކީ މިއީ ކޮންމެ ކޮންމެ މީހަކަށް އަތްލެވޭ އެއްޗަކަށް ނުވުމެވެ. ވޯލްޑް ކަޕްގެ ޓްރޮފީގައި އަތްވެސްލެވެނީ ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޓީމުތަކުގެ ކުޅުންތެރިންނަށާއި ޤައުމުތަކުގެ އެންމެ އިސް ވެރިންނަށް އެކަންޏެވެ.

1930 ވަނަ އަހަރު ފުރަތަމަ ވޯލްޑް ކަޕް ބާއްވަން ފެށިއިރު މުބާރާތް ކާމިޔާބުކުރާ ޓީމަށް ދެނީ މިހާރު ދޭ ޓްރޮފީއެއް ނޫނެވެ. އެންމެ ފުރަތަމަ ދެމުން ގެންދިޔައީ ފްރާންސްގެ ރައްޔިތެއްކަމަށްވާ އެބެލް ލެފްލުއަރ ނަމަކަށް ކިޔާ މީހަކު ޑިޒައިންކޮށްފައިވާ ޓްރޮފީއެކެވެ. މިއީ ރިހިން ތައްޔާރުކޮށްފައިވާ ރަން ޕްލެޓް ޓްރޮފީއެކެވެ. އޭރުވެސް ޓްރޮފީ މަޝްހޫރުވެފައި އޮތީ "ވޯލްޑް ކަޕް"ގެ ނަމުންނެވެ. އެހެން ނަންނަންވެސް ކިޔައި އުޅެނެވެ. ނަމަވެސް 1946 ވަނަ އަހަރު ފީފާއިން ވަނީ ޓްރޮފީއަށް ކިޔާ ރަސްމީ ނަމެއްގެ ގޮތުގައި "ޖޫލެސް ރިމެޓް" ހަމަޖައްސާފައެވެ. ފްރާންސްގެ ރައްޔިތެއްކަމަށްވާ ޖޫލެސް ރިމެޓްއަކީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އެއް ބާނީއެވެ.

ވޯލްޑް ކަޕް ޓްރޮފީގެ ތާރީޚަށް ބަލާލާއިރު ތަފާތު ހާދިސާތައް މެދުވެރިވެފައި އެބަހުއްޓެވެ. މިގޮތުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، 1938 ވަނަ އަހަރު މުބާރާތް ކާމިޔާބުރި އިޓަލީގެ ބެލުމުގައި ހުރި ޓްރޮފީ ނާޒީންގެ ބާރުގެ ދަށަށް ގޮސްފާނެތީ، އޭރު ފީފާގެ ނައިބު ރައީސަކަށް ހުންނެވި އިޓަލީގެ ބޭފުޅަކު ވަނީ އޭނާ ނިދާ އެނދު ދަށުގައި ޓްރޮފީ ފޮރުވައިގެން ގެންގުޅެފައެވެ.
1966 ވަނަ އަހަރު ޓްރޮފީ ދައްކާލުމަށް އިނގިރޭސިވިލާތުގެ މައުރަޒެއްގައި ބަހައްޓާފައިވަނިކޮށް ވަނީ ވަގަށް ނަގާފައެވެ. އޭރު ވޯލްޑް ކަޕް ފެށެން އޮތީ ހަތަރު މަހަށް ވެފައެވެ. އިނގިރޭސިވިލާތުގެ ހުރިހާ ފުލުހުންހެން ޓްރޮފީ ހޯދުމުގެ މަސައްކަތުގައި އުޅެނިކޮށް، ޓްރޮފީ ފެނުނީ ޕިކްލްސް ނަމަކަށް ކިޔާ ކުއްތާއަކަށެވެ.

ފީފާގެ ގަވާއިދުތައް ކުރިން އޮންނަ ގޮތުން ވޯލްޑް ކަޕް ފެށެންދެން ޓްރޮފީ ހުންނަނީ އެންމެފަހުގެ ޗެމްޕިއަނުންގެ ބެލުމުގެ ދަށުގައެވެ. އަދި މުބާރާތް 3 ފަހަރު ކާމިޔާބުކޮށްފިނަމަ އެޓީމަކަށް ޓްރޮފީ މިލްކުވާނެއެވެ. ވޯލްޑް ކަޕްގެ ފުރަތަމަ 4 މުބާރާތުގެ ތެރެއިން 2 މުބާރާތް އުރުގުއޭއިން ކާމިޔާބުކުރިއިރު، އިޓަލީންވެސް 2 މުބަރާތް ކާމިޔާބުކުރިއެވެ. އެއަށްފަހު ކާމިޔާބުކުރީ ހުޅަނގު ޖަރުމަނުންނެވެ. އެއަށްފަހު ބޭއްވި ހަތަރު މުބާރާތުގެ ތެރެއިން 3 މުބާރާތް ބްރެޒިލުން ކާމިޔާބުކުރިއެވެ. އެހެންކަމުން ފީފާގެ ޤަވާއިދުތައް އޮތް ގޮތުން ބްރެޒިލަށް ޓްރޮފީ މިލްކުވީއެވެ. ނަމަވެސް 1970 ވަނަ އަހަރު ބްރެޒިލަށް ގެންދިޔައި ޓްރޮފީ ވަނީ 1983 ވަނަ އަހަރު ވަގަށް ނަގާފައެވެ. އެކަމުގެ ތުހުމަތުގައި 4 މީހަކަށް އަދަބު ދީފައި ވީނަމަވެސް، މިއަދާ ހަމައަށްވެސް އެ ޓްރޮފީ ފެނިފައެއް ނުވެއެވެ. ބައެއް ފަރާތްތަކުން ބުނަނީ ވަގަށް ނެގި ބަޔަކު ވަނީ "ރަން ތަށި" ވިރުވައިގެން އެކި ބަޔަށް ކުދިކޮށްގެން ވިއްކާލާފައެވެ.

ފުރަތަމަ ބޭނުންކުރަމުންދިޔަ ވޯލްޑް ކަޕް ޓްރޮފީގެ ބަދަލުގައި އައު ޓްރޮފީއެއް ޑިޒައިންކުރުމަށް ފީފާއިން ނިންމީ 1970 ވަނަ އަހަރުއެވެ. އެކަމަށް ހުޅުވާލުމުން 7 ޤައުމަކުން 53 ފަރާތެއްގެ ފަރުމާތައް ހުށަހެޅިއެވެ. އޭގެތެރެއިން އެއްވަނައަށް ދިޔައީ މިހާރު މިފެންނަ ވޯލްޑް ކަޕް ތަށީގެ ޑިޒައިން ހުށަހަޅައިގެން އިޓަލީގެ އާޓިސްޓެއްކަމަށްވާ ސިލްވިއޯއެވެ. މި ޓްރޮފީ އެންމެ ފުރަތަމަ ދީފައިވަނީ 1974 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކުރި ހުޅަނގު ޖަރުމަނަށެވެ.
ފީފާއިން މިހާރު ދެމުންދާ ޓްރޮފީ ވަގަށް ނެގުމުގެ ހާދިސާއެއް ދިމާވެފައި ނުވިނަމަވެސް 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް ވޯލްޑް ކަޕްގެ ތެރެއިން ތަފާތު ކަމެއް ހިނގަން އުޅެނެވެ. ސްޕެއިންއާއި ނެދަލެންޑްސް ބައްދަލުކުރި ފައިނަލް މެޗު ކުޅުނު ދަނޑުގައި ބަހައްޓާފައި ހުރި ޓްރޮފީގައި ތޮއްޕެއް ކަހަލަ އެއްޗެއް އަޅުވަން އުޅުނު މީހަކު ވަނީ ސެކިއުރިޓީން ހިފަހައްޓާފައެވެ. އެނޫން ހާދިސާއެއް މިފަހުން ދިމާވެފައެއް ނުވެއެވެ.

ފީފާގެ ޤަވާއިދުތައް މިހާރު އޮތް ގޮތުން އެއްވެސް ޓީމަކަށް 6.14 ކިލޯ ރަނުން ތައްޔާރުކޮށްފައިވާ ވޯލްޑް ކަޕް ޓްރޮފީ މިލްކެއް ނުކުރެވޭނެއެވެ. އޭގެ ބަދަލުގައި މުބާރާތް ކާމިޔާބުކުރާ ޓީމަށް ދޭނީ އަސްލު ޓްރޮފީގެ ނަކަލެކެވެ. މިއީ ލޯއިން ތައްޔާރުކޮށް، ރަނުގެ ފަށަލައެއް ލާފައިވާ ޓްރޮފީއެކެވެ. ފީފާއިން ހަމަޖައްސާފައިވާ އުސޫލުތަކުގެ ދަށުން 20 މިލިއަން ޑޮލަރުގެ އަގުހުރި ވޯލްޑް ކަޕްގެ އަސްލު ޓްރޮފީ ހުންނަނީ އަބަދުވެސް ސްވިޓްޒަލެންޑްގައި ހުންނަ ފީފާ ވޯލްޑް ފުޓްބޯލް މިއުޒިއަމްގައެވެ. ޓްރޮފީގެ ފުލުގައި މުބާރާތް ކާމިޔާބުކުރި ޤައުމުތަކުގެ ނަންތައް ކަނޑާނަގާފައިވެއެވެ.