ޚަބަރު

މަޖިލީހުގެ ރައީސް، މެލޭޝިއާގެ ބޮޑުވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް


  • ކޮމަންވެލްތު ޕާލިމަންޓަރީ އެސޯސިއޭޝަންގެ ދަށުން ގުޅުން ބަދަހިކުރަން މަޝްވަރާކުރި

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ، މިއަދު ކުރުނބާ މޯލްޑިވްސްގައެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެދުގައި ދަތުރުފަތުރުތައް އިތުރުކުރުމާއި، ތަޖުރިބާ ހިއްސާކުރުމާއި، ކޮމަންވެލްތު ޕާލިމަންޓަރީ އެސޯސިއޭޝަންގެ ދަށުން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ދެބޭފުޅުން ވަނީ، ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމަށާއި، ކުރިމަގުގައި އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ އާ ގޮތްތައް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

ބައްދަލުކުރެއްވުމުގައި ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހިމް ފަލާހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމްގެ އަރިހުގައި ވަޑައިގެންނެވި ޑެލިގޭޝަންގެ އިސް ބޭފުޅުން އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމު، ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި، ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.