ލައިފް ސްޓައިލް

ވޯލްޑްކަޕްގެ ޗެމްޕިއަނުންނަށް 38 މިލިއަން ޑޮލަރު


ވޯލްޑްކަޕަކީ ދުނިޔޭގެ ޤައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތެވެ. ހަތަރު އަހަރުން އެއް އަހަރު އަންނަ ފުޓްބޯޅައިގެ ޢީދެކެވެ. އެތައް ބިލިއަން ޑޮލަރެއް ޚަރަދުކުރާ އަގުބޮޑު މުބާރާތެކެވެ. އެހެންކަމުން މިވަރުގެ މުބާރާތެއްގެ ވަނަ ވަނައަށްއަށް ދާ ޓީމުތަކަށް ދޭ ފައިސާގެ އިނާމުވެސް ކުޑައެއް ނުވާނެކަން ޔަޤީނެވެ.
މިއަހަރުގެ މުބާރާތް ރަޝިޔާގައި އޮންނައިރު، މިއަހަރުގެ މުބާރާތުގެ އެކި ވަނަ ވަނަތަކަށް ދާ ޓީމުތަކަށް ދޭ ފައިސާގެ އިނާމު ކުރީ އަހަރުތަކަށްވުރެ ބޮޑުވާނެއެވެ.
މުބާރާތް ކާމިޔާބުކުރާ ޓީމަށް ލިބޭ އިނާމަށް ބަލާއިރު، 2014 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ޖަރުމަންވިލާތަށް ފައިސާގެ އިނާމުގެ ގޮތުގައި 35 މިލިއަން ޑޮލަރު ލިބުނެވެ. ނަމަވެސް މިއަހަރުގެ މުބާރާތް ކާމިޔާބުކުރާ ޓީމަށް ދޭ ފައިސާގެ އިނާމު ވަނީ 38 މިލިއަން ޑޮލަރަށް ބޮޑުކޮށްފައެވެ.



ރަނަރަޕް ޓީމަށް 2014 ވަނަ އަހަރު ދީފައިވަނީ 25 މިލިއަން ޑޮލަރެވެ. މިއަހަރު މިއަދަދު ވަނީ 28 މިލިއަން ޑޮލަރަށް ބޮޑުކޮށްފައެވެ. 3 ވަނައަށްދާ ޓީމަށް 2014 ވަނަ އަހަރު 22 މިލިއަން ޑޮލަރު ދީފައިވާއިރު، މިއަހަރު އިނާމުގެ ގޮތުގައި ވަނީ 24 މިލިއަން ޑޮލަރު ކަނޑައަޅާފައެވެ. 4 ވަނައަށްދާ ޓީމަށް 20 މިލިއަން ޑޮލަރު ކުރިން ދީފައިވާއިރު، މިއަހަރު މިއަދަދުވެސް ވަނީ 22 މިލިއަން ޑޮލަރަށް ބޮޑުކޮށްފައެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކަށް ދޭ ފައިސާގެ އިނާމުތަކަށް ބަލާލާއިރު، ކޮންމެ ޓީމަކަށްވެސް މުބާރާތަށް ތައްޔާރުވުމަށް 1.5 މިލިއަން ޑޮލަރު ފީފާއިން ދިނެވެ. މީގެ އިތުރުން މުބާރާތުގެ ފުރަތަމަ ބުރުން ކަޓާ ކޮންމެ ޓީމަކަށް 8 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. ދެވަނަ ބުރުން ކަޓާ ޓީމުތަކަށް 12 މިލިއަން ޑޮލަރު ލިބޭއިރު، ކުއާޓާރ ފައިނަލާ ހިސާބުން ކަޓާ ޓީމުތަކަށް 16 މިލިއަން ޑޮލަރު ލިބޭނެއެވެ.
ފީފާއިން ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، ފައިސާގެ އިނާމާއި ޤައުމުތަކުގެ އެސޯސިއޭޝަންތަކާއި ކްލަބްތަކަށް ދޭ ފައިސާގެ އަދަދު 709 މިލިއަން ޑޮލަރަށް އަރައެވެ.