ޚަބަރު

އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެއިން ކާމިޔާބު ކުރާނެ - މިނިސްޓަރ ޝައިނީ


އދ ގައި މާދަމާ ނަގާ ވޯޓު ކާމިޔާބުކޮށް، އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ދިވެހިރާއްޖެއަށް ލިބޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތްކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ނިއުޔޯކުގައި މިވަގުތު ހުންނެވި މިނިސްޓަރ ޝައިނީ ވިދާޅުވީ، އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް މިދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސް ޔާމީންގެ ބެއްލެވުމުގެ ދަށުން ވަރަށް ގިނަ މަސައްކަތް ކުރައްވާފައިވާކަމަށެވެ. މިގޮތުން ރައީސް ޔާމީންގެ މަންދޫބުންގެ ގޮތުގައި ސަރުކާރުގެ ވަޒީރުން އެކި ޤައުމުތަކަށް ޒިޔާރަތްކޮށް، ގިނަ މަޝްވަރާތަކެއް ކުރެއްވިކަން ޝައިނީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޝައިނީ ވިދާޅުވީ ރާއްޖެއިން ވާދަކުރާ ގޮނޑިއަށް އިންޑޮނޭޝިޔާއިން ވާދަކުރުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް މިކަމުގައި ހިތާމަކުރައްވަނީ ދިވެހިންގެ ބަޔަކު ރާއްޖެއާ ދެކޮޅަށް ކެމްޕެއިން ކުރާތީކަމަށް ޝައިނީ ވިދާޅުވިއެވެ. މިގޮތުން ކުރީގެ ފޮރިން މިނިސްޓަރ މުޙައްމަދު ނަސީމްއާއި ކުރީގެ ނައިބު ރައީސް މުޙައްމަދު ޖަމީލު އެކި ޤައުމުތަކަށް ގޮސް ރާއްޖެއާ ދެކޮޅަށް ކެމްޕެއިން ކުރިކަން ޝައިނީ ފާހަގަކުރެއްވިއެވެ. އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ރާއްޖެއަށް ލިބުމަކީ ހުރިހާ ދިވެހިންނަށް ލިބޭނެ ފަޚުރަކަށްވާއިރު، މިކަމުގައި އެންމެން އެކުގައި ޤައުމީ ރޫޙުގައި މަސައްކަތްކުރަންޖެހޭކަން ޝައިނީ ފާހަގަކުރެއްވިއެވެ.

މާދަމާ އދގައި ނަގާ ވޯޓުގައި އދގެ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ ތެރެއިން މިއަހަރުގެ ނިޔަލަށް މުއްދަތު ހަމަވާ 5 ގޮނޑިއަށް ޤައުމުތައް އިންތިޚާބުކުރާނެއެވެ. މީގެތެރެއިން ރާއްޖެއިން ކުރިމަތިލާފައިވަނީ އޭޝިޔާ ޕެސިފް ސަރަޙައްދުގެ ގޮނޑިއަށެވެ. މި ގޮނޑިއަށް އިންޑޮނޭޝިޔާއިންވެސް ވަނީ ކުރިމަތިލާފައެވެ. މީގެ އިތުރުން ދެން މެންބަރުން އައްޔަންކުރާނީ އެފްރިކާ، ލެޓިން އެމެރިކާ އެންޑް ކެރީބިއަން އަދި ވެސްޓަރން ޔޫރަޕް އެންޑް އަދަރ ގުރޫޕްސްގެ ގޮނޑިތަކަށެވެ. މިއިން ކޮންމެ ގޮނޑިއަކަށްވެސް ކުރިމަތިލާފައިވަނީ އެންމެ ޤައުމަކުންނެވެ.