ލައިފް ސްޓައިލް

ރަމަޟާންް އަމަން / އެކްސިޑެންޓްތައް މަދުކުރުމަށް ޚާއްސަ ރޯދަވީއްލުން


ރޯދާ ވީއްލާ ވަގުތު ކައިރިވަމުންދާއިރު، ޔޫއޭއީގެ މަގުތަކުން ފެންނަނީ އަވަސް އަރުވާލާފައި ގެއަށް ދެވޭތޯ އުޅޭ މީހުންނެވެ. ސައިކަލްތަކާއި ކާރުތަކުގައި ބާރު ސްޕީޑުގައި ދުއްވާފައި ދަނީ ރޯދަ ވީއްލާ ވަގުތައް ގެއަށް ދެވޭތޯއެވެ. ނަމަވެސް އެހެންކަމެއްވެސް މިތަނުން އެބަ ފާހަގަވެއެވެ. ރޯދަ ވީއްލާ ވަގުތައް ގެއަށް ނުދެވިދާނެތީ ކަންބޮޑުވެގެން އުޅޭ މީހުންނަށް ރޯދަ ވީއްލާނެ ތަކެތި ފޯރުކޮށްދިނުމަށް ޚާއްސަ ބަޔަކު ޔޫއޭއީގެ އެންމެ ކާރޫބާރޫ ބޮޑެތި މަގުތަކުގައި ކޮންމެ ދުވަހަކުވެސް ހަރަކާތްތެރިވެއެވެ.
ރަމަޟާން އަމަން، ނުވަތަ ރައްކާތެރި ރަމަޟާން ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަކީ ޔޫއޭއީގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ އަލް އިހްސާން ޗެރިޓީ އެސޯސިއޭޝަނުން ކޮންމެ ރަމަޟާންމަހަކު ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ރޯދަ ވީއްލާ ވަގުތާއި ދިމާކޮށް ހިނގާ އެކްސިޑެންޓްތައް މަދުކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް އިރުއޮއްސޭ ވަގުތާ ދިމާކޮށް ޔޫއޭއީގެ އެކި ސަރަޙައްދުތަކުގައި ރޯދަ ވީއްލަން ބޭނުންވާ ތަކެތި ފޯރުކޮށްދެއެވެ. އަދި މިކަމުގައި އެކި އުމުރުފުރާތަކުގެ މީހުން ޝާމިލްވެއެވެ. އަދި ތަކެތި ބެހުމުގައި ކުޑަކުދިންގެ މެދުގައި ވާދަވެރިކަމެއްވެސް އޮވެއެވެ.
"އަހަރެން ވަރަށް ގިނައިން މިތަނަށް އައިސް ތަކެތި ބަހަން، އަހަރެންގެ ބޭބެއަށް ވުރެ ގިނައިން މިތަނަށް އަންނަން. މިހާރު 4 ދުވަހު މިމަސައްކަތުގައި އުޅެފިން" 6 އަހަރުގެ ސައީދު ސަލީމް ބުންޏެވެ.

ކާބޯތަކެތި ބެހުމުގައި ހަރަކާތްތެރިވާ މީހުން ބުނާގޮތުން ރޯދަ ވީއްލަން ގެއަށް ދާން އަވަސްކުރުމަށް ބާރު ސްޕީޑުގައި ވެހިކަލްތައް ނުދުއްވުމަށް އެމީހުން އިލްތިމާސްކުރާކަމަށެވެ.
ޚާއްސަ ރޯދަވީއްލުން ލިބޭ މީހުން ބުނާގޮތުން މިއީ ވަރަށް މުހިއްމު މަސައްކަތެކެވެ. އެގޮތުން ބައެއް ފަހަރު ލަހުން މަސައްކަތް ނިމުމުން ގެއަށް ދާން ގިނަ ވަގުތުތަކެއް ހޭދަވާއިރު، މިފަދަ ރޯދަ ވީއްލުންތަކުގެ ސަބަބުން ގެއަށް ދެވެންދެން ކާލާނެ އެއްޗެއް ލިބޭކަމީ އެމީހުން އުފަލާއެކު ފާހަގަކުރާ ކަމެކެވެ.
ރޯދަ ވީއްލަން ބަހާ ތަކެތި ބަންދުކުރުމުގެ މަސައްކަތް ކުރަނީ ޔޫއޭއީގެ ޒައިދު ޔުނިވަރސިޓީގައެވެ. ރޯދަ ވިއްލަން ބަހާތަކެތީގެ ތެރޭގައި ހިމެނެނީ ކަދުރާއި ފެނާއި ކަޕްކޭކާއި ޓީޝޫފަދަ ތަކެއްޗެވެ. ޒައިދު ޔުނިވަރސިޓީގައި މިތަކެތި ބަންދުކުރުމަށްފަހު، މިތަކެތި ބެހުމުގެ މަސައްކަތްކުރަނީ ސްކޫލް ބަސްތަކުގައެވެ.
މިދިޔަ އަހަރު ފަސް ސަތޭކަ ހާސް މީހުންނަށް ބޭނުންވާ މިންވަރަށް ރޯދަ ވީއްލާނެ ތަކެތި ބަހާފައިވާއިރު، މިއަހަރުގެ އަމާޒަކީ ހަ ސަތޭކަ ހާސް މީހުންނަށް ބޭނުންވާ މިންވަރަށް ރޯދަ ވީއްލާނެ ތަކެތި ބެހުންކަމަށް އިހްސާން ޗެރިޓީ އެސޯސިއޭޝަނުން ބުނެއެވެ. އަދި މިދިޔަ އަހަރު 17 ހާސް މީހުން ތަކެތި ބެހުމުގައި އެހީތެރިކަން ފޯރުކޮށްދިންއިރު، މިއަހަރު 25 ހާސް މީހުން މިކަމުގައި ހަރަކާތްތެރިވާނޭކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
2012 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މިޕްރޮގްރާމް ޔޫއޭއީގެ އިތުރުން އެހެން ބައެއް ޤައުމުތަކުގައިވެސް ކުރިއަށްގެންދެއެވެ. މިގޮތުން ސަޢުދީ ޢަރަބިއާ، އުރުދުން، ބަޙްރެއިން އޮމާން، ކުވެއިތުގެ އިތުރުން ބޮސްނިއާގައިވެސް މިޕްރޮގްރާމް ކުރިއަށްގެންދެއެވެ.