ކުޅިވަރު

ފުރުޞަތު ހަނިވެއްޖެ، އަދިވެސް މަސައްކަތް ކުރާނަން - ނަޒީހު


ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމަށް ދެން އޮތީ ވަރަށް ހަނި ފުރުސަތެއް ކަމަށް ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ މާޒިޔާ އަތުން 2-0 ލަނޑުން ބަލިވި މެޗަށް ފަހު ނަޒީހު ބުނީ ޕްރިމިއަރ ލީގުން ޖާގައެއް ހޯދުމަށް ކުރިއަށް އޮތް ތިން މެޗު ކާމިޔާބުކުރުން ވަރަށް މުހިއްމު ކަމަށާއި، އެކަމަކު އެ ތިން މެޗު ކާމިޔާބުކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށެވެ. ނަޒީހު ބުނީ ކާޑު ހަމަވުމުގެ ސަބަބުން ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިންނަށްކުރިއަށް އޮތް މެޗުގައި ނުކުޅެވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަދި ޓީމު މިހާރު މިދަނީ ރެލިގޭޝަން ޒޯނާ ދިމާލަށް ކަމަށާއި، އެކަމުން ސަލާމަތްވުމަށް ވަރަށް މަސައްކަތް ކުރާނެކަމަށެވެ. ލީގު ފެށިއިރު ޔޫވީގެ އަމާޒަކީ ގަދަ ހަތަރެއްގައި ހިމެނިގެން ޕްރިމިއަރ ލީގަށް ކޮލިފައިވުން ކަމަށާއި، އެހެންނަމަވެސް މިހާރު އެ ފުރުސަތު ބަންދުވުމުގެ ސަބަބުން ދެން އޮތް ޓާގެޓާކީ ގަދަ ހައެއްގައި ހިމެނުންކަމަށެވެ.

"ޕްރިމިއަރ ލީގަށް ކޮލިފައިވުމަށް ދެން މި އޮތީ ހިމަ ނަރެއް ހާ ހަނި ފުރުސަތެއް. އެކަމަކު ލީގުގައި ކުރިޔަށް އޮތް ތިން މެޗު ކާމިޔާބުކޮށްގެން ޕްރިމިއަރ ލީގަށް ކޮލިފައިވުމަށް ވަރަށް މަސައްކަތް ކުރާނަން. ދެން ވަރަށް އުނދަގޫ ވާނެ މި މެޗުތަށް ކާމިޔާބުކުރަންވެސް، އެއީ ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ކާޑު ހަމަވުމުގެ ސަބަބުން ކުރިޔަށްއޮތް މެޗުގައި ނުކުޅެވޭތީ." ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު ބުންޏެވެ.

ނަޒީހު ވަނީ މާޒިޔާ ދިވެހި ޕްރިމިއަރ ލީގަށް ކޮލިފައިވުމުން އެޓީމަށް މަރުހަބާ ކިޔާފައެވެ. އަދި ރޭގެ މެޗުގައި މާޒިޔާއިން ވަރަށް ރަނގަޅަށް ކުޅުނު ކަމަށާއި، ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް އެޓީމުން ކުރިކަން ނަޒީހު ފާހަގަކުރިއެވެ. ރޭގެ މެޗުން މޮޅުވެ މާލޭ ލީގު ތާލަވްގެ ދެވަނައަށް ޖެހިލި މާޒިޔާގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) މެޗަށް ފަހު ބުނީ ރޭގެ މެޗަށް ޓީމު ނިކުތީ ތިން ޕޮއިންޓް ހޯދަން ކަމަށާއި، އެކަން ވުމުން ހިތްހަމަޖެހޭކަމަށެވެ. އިންމަ ބުނީ ރޭގެ މެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް މާޒިޔާއިން ތަނަސްކުރި ކަމަށާއި، އެ ފުރުސަތުތަކުގެ ބޭނުން ނުކުރެވުމުން އެކަމާ ކޮންމެވެސް ވަރަކަށް މާޔޫސްވާކަމަށެވެ.

"މެޗަށް ނުކުތީ ހަމަ މޮޅުވެގެން ދަނޑުން ފޭބުމުގެ އަޒުމުގައި. އެކަން ވުމުން މިހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. ދެން މޮޅުވިކަމުގައިވިޔަސް މި މެޗަކީ ފަސޭހަ މެޗެއް ނޫން. ދެން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި އޭގެ ބޭނުން ނުކުރެވުން އެއީ މައްސަލައެއް. ޖުމްލަކޮށް ބަލާނަމަ ހަމަ ރަނގަޅަށް މެޗު ދިޔައީ" މާޒިޔާގެ ކޯޗު އިސްމާއިލް މަހުފޫޒް ބުންޏެވެ.