ލައިފް ސްޓައިލް

އުމުރުން 4 އަހަރުގެ ކުޅަދާނަ އާޓިސްޓެއް


މަޝްހޫރު ކުރެހުންތެރިންގެ ކުރެހުންތައް އެކި މަޢުރަޒުތަކުގައި ބޮޑު އަގުގައި ވިއްކާ ވާހަކައަކީ އަބަދުވެސް މީހުން ޝަޢުޤުވެރިވާ ވާހަކަތަކެކެވެ. އެހެންނަމަވެސް ކުޑަކުއްޖަކު މިފަދަ ކުރެހުންތަކެއް ކުރަހާ އެގްޒިބިޓް ކުރެއޭ ބުނެފިއްޔާ ކޮންމެ މީހަކުވެސް ޝައުގުވެރިވާނެއެވެ.
މިއީ އިންޑިއާއަށް ނިސްބަތްވާ އުމުރުން އެންމެ 4 އަހަރުގެ އަދުވައިތު ކޮލަރުކާރުއެވެ. އަދުވައިތަކީ މޮޅު އެބްސްޓްރެކްޓް ކުރެހުންތައް ކުރަހާ ކުއްޖެކެވެ. އަދުވައިތު ކުރަހާފައިވާ ކުރެހުންތަކުގެ ޕްރޮފެޝަނަލް ކަމުން އޭނާގެ ކުރެހުންތައް އިންޑިއާ އާއި ކެނަޑާގެ އާރޓް ގެލަރީތަކުގައި އެގްޒިބިޓްކޮށް، ވިއްކަމުންވެސް އެބަދެއެވެ.
އޭނާގެ ބައެއް ކުރެހުންތައް 2،293 ޕައުންޑަށްވެސް ވިކިފައިވެއެވެ. މިއަހަރުގެ އޭޕްރިލް މަހު އަދުވައިތުވަނީ ރެކޯޑެއް މުގުރާލާ ނިއުޔޯކްގެ އާރޓް އެކްސްޕޯގައި އެގްޒިބިޓްކުރި އެންމެ ހަގު އާރޓިސްޓުގެ ލަގަބުވެސް ހޯދާފައެވެ.
ބީބީސީއާ ވާހަކަދައްކަމުން އަދުވައިތުގެ މަންމަ ޝްރޫތީ ކޮލަރުކާރު ބުނީ އޭނާގެ ދަރިފުޅު ފުރަތަމަ ކުރަހަން ފެށީ އެންމެ 8 މަހުގައި އޭނާގެ ދައްތަ ގެންގުޅޭ ފެންކުލަ ބޭނުންކޮށްގެންކަމަށެވެ. އަދި އޭނާގެ މި ޚާއްޞަ ހުނަރު ބޮޑަށް ފާހަގަކުރެވުނީ އޭރު އެހާ ކުޑައިރު އެހާ ޝައުގުވެރިކަމާއެކު އެކަން ކުރާތަން ފެނުމުން ކަމަށްވެސް އޭނާގެ މަންމަ ބުންޏެވެ.
އަދުވައިތުގެ މި ހުނަރު ތަރައްޤީކުރުމަށް އޭނާގެ މަންމަ ދަނީ އެކި ގޮތްގޮތުން އޭނާއަށް އެހީތެރިވެދެމުންނެވެ.

އަދުވައިތުގެ އާދަޔާ ޚިލާފު މި ހުނަރު އާންމު ވެގެންދިޔައީ އޭނާގެ އުމުރުން 2 އަހަރުގައި އިންޑިއާގެ ޕޫނާގެ އާރޓް-ޓޫ-ޑޭ ގެލަރީގައި އޭނާގެ ކުރެހުންތައް ދައްކާލުމަށް ޚާއްސަ ޝޯވ ބޭއްވި ހިސާބުންނެވެ. އެޝޯވގައި އަދުވައިތު ކުރަހާފައިވާ 30 އެބްސްޓްރެކްޓް ކުރެހުން ވަނީ ދައްކާލާ ނީލަމުގައި ވިއްކާފައެވެ.
އޭނާގެ އާއިލާ ކެނަޑާގެ ބްރަންސްވިކްއަށް ދިރިއުޅުން ބަދަލްކުރި ހިސާބުންވެސް އަދުވައިތުގެ މަންމަވަނީ އޭނާގެ ހުނަރު ކުރިއެރުވުމަށް މަގުފަހިކުރުމުގެ ގޮތުން ބްރަންސްވިކްގެ ކަލްޗަރަލް އެފެއަރޒް އޮފިސަރ ބޭނާޑް ކޮމިއަރއަށް އަދުވަތުގެ ކުރެހުންތައް ދައްކާލާފައެވެ. ކޮމިއަރވެސް އަދުވަތުގެ ކުރެހުންތައް ބަލާފައި މިކަމަށް ތައުރީފްކުރިއެވެ. އަދި އެހާ ކުޑަކުއްޖަކު މިހާ މޮޅުކޮށް ކުރަހާތީ އެކަމާ ހައިރާންވާކަމަށް ބުނެފައިވެއެވެ.
ކެނެޑާގައިވެސް އަދުވަތު ދަނީ އޭނާގެ ކުރެހުންތައް އެކިއެކި ގޮތްގޮތުން އާންމުނަށް ދައްކާލަމުންނެވެ. މިގޮތުން މިއަހަރުގެ ފެބްރުއަރީ މަހު އޭނާގެ 4 ވަނަ އުފަންދުވަހު، ކެނަޑާގެ ބްރަންސްވިކްގެ ލޯކަލް އާޓް ސެންޓަރުގައި އަދުވަތުގެ 30 ކުރެހުމާއެކު "ކަލާ ބްލިޒާޑު"ގެ ނަމުގައި އޭނާ ވަނީ މައުރަޒެއްވެސް ކުރިޔަށް ގެންގޮސްފައެވެ.
އޭނާގެ ކުރެހުންތައް މަޝްހޫރު އާރޓިސްޓުންގެ ކުރެހުންތަކާއެކު ނިއު ޔޯކް އާޓް ފެއަރފަދަ ތަންތަނުގައިވެސް ދަނީ ދައްކާލަމުންނެވެ.
ކޮންމެއަކަށް އަދުވައިތަކީ ވަރަށް ހުނަރުވެރި ކުއްޖެއްކަން ޔަގީނެވެ. ކޮންމެ މީހަކަށްވެސް އެމީހެއްގެ ކިބައިގައި ހުންނަ މިފަދަ ހުނަރެއް ތަރައްޤީކުރަން މަސައްކަތްކޮށްފިނަމަ އެކަން ކާމިޔާބުވާނެކަންވެސް އަދުވައިތު މިވަނީ ސާބިތުކޮށްދީފައެވެ.