ލައިފް ސްޓައިލް

ދުނިޔޭގެ ފުރަތަމަ ސެލްފީ މިއުޒިއަމް


ސެލްފީ އަކީ ކޮންއެއްޗެއްކަން ނޭނގޭނެ މީހަކު މަދުވާނެއެވެ. ނަމަވެސް ސެލްފީ މިއުޒިއަމެއް ނުވަތަ ސެލްފީ ދާރުލްއާޘާރު ހުޅުވުމަކީ ހަމަޤައިމުވެސް އާއްމު ކަމެއް ނޫނެވެ. މިގޮތުން އެމެރިކާގެ ލޮސް އެންޖަލިސްގައި ހުޅުވި "މިއުޒިއަމް އޮފް ދަ ސެލްފީސް" އަކީ މިފަދަ ފުރަތަމަ ދާރުލްއާޘާރެވެ.
ސެލްފީ ނެގުން ނުވަތަ އަމިއްލައަށް ފޮޓޯ ނެގުމަކީ 21 ވަނަ ޤަރުނުގައި ތަޢާރަފްވިކަމެއް ނޫނެވެ. މީގެ އެތައް ސަތޭކަ އަހަރެއްކުރިން ފެށިގެން އެކި ސިފަސިފައިގައި ސެލްފީ ނެގުމުގެ ކަންކަން ކުރިއަށްގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. ސެލްފީ މިއުޒިއަމް ހުޅުވި ފަރާތްތަކުންވެސް މި ކަންތައްތައް ސާބިތުކޮށްދިނުމަށްޓަކައި މިއުޒިއަމްގައި ވަނީ ބައިތަކެއް ހިމަނާފައެވެ.

މި މިއުޒިއަމްގައި ރޯމުގެ ރަސްގެފާނާއި، މަޝްހޫރު ފޮޓޯ މޮނަލީސާ އަދި އެންމެ ކުރީގެ ހުދާއި ކަޅުގެ ތަފާތު ފޮޓޯތަކެއް މިއުޒިއަމްގައި ފެންނަގޮތަށް ވަނީ ބަހައްޓާފައެވެ. މިހުރިހާ ކަމަކުންވެސް އިޝާރަތްކުރަނީ ސެލްފީ ނެގުމަކީ ޒަމާނުއްސުރެ ކުރަމުން އައިސްފައިވާކަމެއްކަމެވެ. ނަމަވެސް ހަމައެކަނި ބަދަލުވީ ފޮޓޯ ކުރެހުން ނުވަތަ ފޮޓޯ ނެގުމުގެ ޓެކްނޮލޮޖީއެވެ.
މިއަދު އަޅުގަނޑުމެންނަށް ފޮޓޮއެއް ނަގަން އެތައް ގަޑިއިރެއް ހޭދައެއް ނުވާނެއެވެ. ކޮންމެ މީހެއްގެ އަތުގައިވާ ސްމާޓް ފޯނުތަކުން އެންމެ ފަޅި ސިކުންތެއްގެ ތެރޭގައި އެތައް ފޮޓޯތަކެއް ރަނގަޅު ކޮލިޓީއެއްގައި ނަގާލެވެއެވެ. އަދި ނެގި ފޮޓޮއާއި މެދު ހިތްހަމަ ނުޖެހުނަސް ހާސްވާކަށް ނުޖެހެއެވެ. ކުރިން ނެގި ފޮޓޯ ޑިލީޓް ކޮށްލާފަ އަނެއްކާވެސް ބޭނުންވާ ފޮޓޮއެއް ނަގާލުމަކީ ހަމަ އެހާވެސް ފަޞޭޙަކަމެކެވެ.

ސެލްފީ މިއުޒިއަމަށް ބަލާލުމުން، ފެންނަނީ ސެލްފީ ނެގުމަށް ޚާއްސަ ތަންތަނެވެ. މިގޮތުން އެއްވެސް ލޯގަނޑެއް ނެތް ފާހަނައަކާއި، މަޝްހޫރު ބިނާތަކާއި ގޭމް އޮފް ތްރޯންސް ޓީވީ ސީރީޒްއިން ފެންނަ ޝާހީ ތަހުތާއި އެއްގޮތް ތަހުތެއްވެސް މިތަނުގައި ހުރެއެވެ. މިއުޒިއަމްގެ އެންމެ މަތީ ފަންގިފިލާގައި ދުނިޔޭގެ އެންމެ އިސް ޢިމާރާތްކަމަށްވާ ބްރިޖް ޚަލީފާގެ އެންމެ މަތި ރަމްޒުކޮށްދޭފަދަ ގޮތަކަށް ސެލްފީނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ސެލްފީ މިއުޒިއަމް ވެފައިވަނީ ސެލްފީ ނަގަން ބޭނުންވާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤުބޫލު ތަނަކަށެވެ.

އެންމެ ގިނަ ބަޔަކު ފޮޓޯ އަޕްލޯޑްކުރާ މަޝްހޫރު ސޯޝަލް ނެޓްވޯކް އިންސްޓަގްރާމުން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ސެލްފީ ނަގަނީ ޖިމްތަކުގައެވެ. ދެމިލިއަނަށް ވުރެ ގިނަ ފޮޓޯ ޖިމް ހޭޝް ޓެގް ޖަހާފައި މިހާތަނަށް އަޕްލޯޑް ކޮށްފައިވާކަން އިންސްޓަގްރާމުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ޖިމް ސެލްފީއާއި އެއްހަމައެއްގައި ދެން ހުރީ ކާރާއި ފާޚާނާތަކުގައި ނަގާ ސެލްފީއެވެ. އެގޮތުން ކާރާއި ފާޙާނާތަކުގައި 1.3 މިލިއަން ސެލްފީ ނަގައިފައިވާކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ.