ލައިފް ސްޓައިލް

ފަތުރުވެރިންނަށް ޖައްވުގައި ހޮޓަލެއް ހުޅުވަނީ!


ފަތުރުވެރިކަމުގެ ދާއިރާއަކީ އަބަދުވެސް ތަރައްޤީއާއި ކުރިއެރުން އަންނަމުންދާ ދާއިރާއެކެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް އައު ކަންކަން ތަޢާރަފްވަމުންދަނީ ބާރު ސްޕީޑުގައެވެ. މީގޮތުން ފަތުރުވެރިންނަށް ޚިދުމަތްދިނުމަށް ބޮޑެތި ކަނޑު އުޅަނދުން ފެށިގެން، ތަފާތު އެކި ވަޞީލަތްތައް ދަނީ ޤާއިމްވަމުންނެވެ. ކަނޑުއަޑީގެ ރެސްޓޯރަންޓްތަކާއި ހޮޓާތަކުން ފެށިގެން، މީހުން ނޫޅޭ ހަނަފަސް ސަހަރާތަކުގެ ތެރޭގައިވެސް ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތަފާތު ތަންތަން ވަނީ ހުޅުވާފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއަށް ތަފާތުކަންކަން ތަޢާރަފްވަމުންދާއިރު، އަނެއްކާވެސް މިވަނީ ތަފާތު ޙަބަރެއް އިވިފައެވެ. އެގޮތުން ޖައްވުގައި ހުރެގެން ދުނިޔެ، ނުވަތަ ހަނދާއި ތަރިތައް ބަލާލުމުގެ ފުރުޞަތު އުޅެނީ ހުޅުވެންށެވެ.
އޮރިއަން ސްޕޭން ނަމަކަށް ކިޔާ އެމެރިކާގެ ކުންފުނިޏަކުން ވަނީ ފުރަތަމަ ފަހަރަށް ތަރައްޤީކުރާ ލަގްޒަރީ ސްޕޭސް ހޮޓެލް ތަރައްޤީކުރުމަށް ތައްޔާރުވަމުންދާކަން އިއުލާންކޮށްފައެވެ. މިކަން އިއުލާންކުރީ އެމެރިކާގެ، ކެލިފޯނިއާގެ ސޭން ހޯޒޭގައި ކުރިޔަށްދިޔަ ސްޕޭސް 2.0 ސަމިޓްގެ ތެރެއިންނެވެ.
އޮރިއަން ސްޕޭސުން ފުރަތަމަ ލަގްޒަރީ ސްޕޭސް ހޮޓެލް ތަރައްޤީކުރާނީ އަރޯރާ ސްޓޭޝަންގެ ނަމުގައެވެ.

2022ގައި ފުރަތަމަ ފަހަރަށް ފަތުރުވެރިންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ޖައްވީ ހޮޓާ ތަރައްޤީކުރާނީ 6 މީހުންގެ ޖާގައިގެ މޮޑިއުލަރ ސްޕޭސް ސްޓޭޝަނެއްގެ ގޮތަށެވެ.
ހަމަޤައިމުވެސް މިފަދަ އިންޤިލާބީ ޚިދުމަތެއްގެ އަގު، ކުޑަ ނުވާނެކަން ޔަޤީނެވެ. އެގޮތުން ޖައްވުގައި ޗުއްޓީ ހޭދަކޮށްލަން ބޭނުންނަމަ 9.5 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. އަދި އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ވަނީ 80 ހާސް ޑޮލަރުގެ ޑިޕޮސިޓަކާއެކު ރިޒެވޭޝަން ހެދުމަށް ފުރުސަތު ހުޅުވާލާފައެވެ. މިތަނުގައި ޗުއްޓީ ހޭދަކުރުމަކީވެސް އެހާ ފަޞޭޙަކަމެއް ނޫނެވެ. "އަރޯރާ ސްޓޭޝަން"ގައި ޗުއްޓީއެއް ހޭދަކުރުމުގެ ކުރިން ކޮންމެ މީހަކުވެސް 3 މަހުގެ ތަމްރީނެއް ފުރިހަމަކުރަންޖެހެއެވެ.
މި ޓްރެއިނިން ދެ ބަޔަކަށް ބެހިގެންވާއިރު، އެއްބައި ފުރިހަމަ ކުރަންޖެހޭނީ އޮންލައިންކޮށް އަދި އަނެއްބައި ފުރިހަމަކުރަންޖެހޭނީ އެމެރިކާގެ ޓެކްސަސްގައެވެ.
އަނެއްކޮޅުން "އަރޯރާ ސްޓޭޝަން"ގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ޖައްވުގައި ދަނޑު ގޮވާންކުރުމާއި، ތަފާތު އެކި ކަހަލަ ކުދި އެކްސްޕެރިމަންޓުތަކުގައިވެސް ބައިވެރިވެވޭނެއެވެ. އަދި އާއިލާއާ ރައްޓެހިންނާ ހައި ސްޕީޑް އިންޓަރނެޓް މެދުވެރިކޮށް މުވާސަލާތުވެސް ކުރެވޭނެއެވެ.
އަރޯރާ ސްޓޭޝަންގެ އިތުރުންވެސް ކުރިއަށް އޮތްތަނުގައި ޖައްވުގައި އެކި އެކި ހަރަކާތްތައް ހިންގުމަށް ބޮޑެތި ކުންފުނިތަކުން ދަނީ ތައްޔާރުވަމުންނެވެ.