ޚަބަރު

ވެމްކޯގެ މުވައްޒަފުން ފާހަގަވާނެ ގޮތަށް އާ ޔުނީފޯމެއް ތައާރަފުކޮށްފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަނުން އެކުންފުނީގެ އައު ޔުނީފޯމެއް ތަޢާރަފުކޮށްފިއެވެ. ވެމްކޯގެ އާ ޔުނީޕޯމް ފަރުމާކޮށްފައިވަނީ ވެމްކޯގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެއީ ވެމްކޯގެ މުވައްޒަފުންކަން ފަސޭހައިން ދެނެގަނެވޭނެ ފަދަ ގޮތަކަށެވެ. މި ޔުނީޕޯމް ތައާރަފުކޮށްފައިވަނީ "ސާފު ރާއްޖެ" ޝިއާރުގެ ދަށުން ކުނި މެނޭޖްކުރުމާއި ނައްތާލުމަށް މީހުން ހޭލުންތެރިކުރުމަށް ހާއްސަ ޕްރޮގްރާމްތަކެއް އުފެއްދުމަށް ޕީއެސްއެމްއާއި އެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ފާތިމަތު ޝަމްވީލާ ވިދާޅުވީ، އެކުންފުނިން އަަލަށް ތަޢާރަފްކުރި ޔުނީފޯމު ފަރުމާކޮށްފައިވަނީ އެހެން ޤައުމުތަކުގައި މި މަސައްކަތުގައި ހަރަކާތްތެރުވާ މީހުން ޔުނީފޯމުތައް ހުންނަހެން މުވައްޒަފުންގެ ރައްކާތެރިކަމަށް ބަލައިގެންކަމަށެވެ.

"ޔުނީފޯމު ޑިޒައިންކުރުމުގައި އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް މުވައްޒަފުންގެ ރައްކާތެރިކަމަށް ބަލާފައިވާނެ. އެހެން ގައުމުތަކުގައިވެސް ކުނި ނަގާ ފަރާތްތައް ބޭނުންކުރާ ޔުނިފޯމާ އެއް ގޮތަކަށް އަޅުގަނޑުމެން މި ޔުނިފޯމު ހަދާފައިވާނީ. ފުލް ޔުނިފޯމްގެ ތެރޭގައި ހިމެނޭނެ ޔުނިފޯރމާއި އަންގިއާއި ބޫޓާ. ދެން މާސްކް އަޅަންޖެހޭ ޙާލަތްތަކުގައި މާސްކް އަޅާނެ. ހުރިހާ ޕޮއިންޓްތަކުން ކަލެކްޓްކުރާއިރު މާސްކް އަޅަން ރިކުއަރ ނުކުރިކަމުގައި ވިޔަސް މާސްކް އަޅަންޖެހޭ ވަގުތު ތަކުގައި ނުރައްކާތެރި ކުނި ނެގުމުގައި އުޅޭ ވަގުތު މުވައްޒަފުން މާސްކް އަޅާނެ." ފާތިމަތު ޝަމްވީލާ ވިދާޅުވިއެވެ.

ވެމްކޯއިން ބުނީ އަލަށް ތައާރަފްކުރި ޔުނީފޯމުގެ ތެރެއިން ވެށިފާރަވެރިން ބޭނުން ކުރާ ޔުނީފޯމް ހުންނާނީ މަސައްކަތުގެ މާހައުލަށް އެންމެ އެކަށީގެންވާ ގޮތައް ގަދަ ފެހިކުލައިގައެވެ. އަދި އެ މުވައްޒަފުން ވިއްސާރާ ދުވަހު ބޭނުން ކުރުމަށް ކަޅު ކުލައިގެ ކޯޓެއްވެސް ޔުނީޕޯމްއާއި އެކު ދީފައިވާނެކަމަށް ވެމްކޯއިން ބުނެއެވެ.
ވެށިފާރަވެރިންގެ އެންމެ އިސްކޮށް މަސައްކަތް ކުރާ ޑިއުޓީ އޮފިސަރުންނާއި ޑްރައިވަރުން ބޭނުންކުރާނީ މަޑު ފެހިކުލައިގެ ޓީޝާޓެކެވެ. އަދި ޑިއުޓީ އޮފިސަރުން ޔުނީފޯމާއެކު ކަލެކްޝަން ޚިދުމަތަށް ޑާޓާ ނެގުމަށްޓަކައި ބޭނުންކުރާ ޓެބްލެޓަށް ހާއްސަ ކުރެވިފައިވާ ދަބަހެއްވެސް ބޭނުންކުރާނެއެވެ.
މީގެ އިތުރުން ޓްރާންސްފަރ ސްޓޭޝަންގައި މަސައްކަތްކުރާ ސަރަހައްދުގައި އުޅޭ މުވައްޒަފުން ބޭނުން ކުރާނީ އޮރެންޖް ކުލައިގެ ވެސްޓެކެވެ. އަލަށް ތައާރަފްކުރި ކޮންމެ ޔުނީފޯމަކާއެކު ތޮތްޕަކާއި އަތަށް ލައްވާ އަންގިއެއްގެ އިތުރުން ފައިވާނެއްގެ ގޮތުގައި ބޭނުންކުރާ ކްރޮކްސް އެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.