ތަރައްްޤީ

ފެނަކައިން އަޅާ ޓަވަރުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ


ހިޔާ މަޝްރޫއުގެ ދަށުން ފެނަކަ ކޯޕަރޭޝަނުން އަޅާ 15 ބުރީގެ ޓަވަރުގެ އިމާރާތްކޮށްދޭން ޝައުގުވެރިވާ ބަޔަކު ހޯދަން އެކުންފުނިން އިޢުލާންކޮށްފިއެވެ.

ސަރުކާރުން ކުރިޔަށް ގެންދާ އެންމެ ބޮޑު ހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފެނަކައިން އިމާރާތްކުރުމަށް ހަމަޖެހިފައިވަނީ 15 ބުރީގެ އެއް ޓަވަރުއެވެ. 12000 އަކަފޫޓްގެ ބިމެއްގައި އިމާރާތްކުރާ މި ޓަވަރުގައި ޖުމުލަ 168 އެޕާޓުމެންޓް ހުންނާނެއެވެ. އަދި މިޓަވަރުގެ ހުންނާނީ 1 ކޮޓަރީގެ އެޕާޓްމަންޓުތަކާއި ޓޫ ޕްލަސް ވަން ރޫމްގެ އެޕާޓުމަންޓުތައްކަމަށް ފެނައިކައިން ބުނެއެވެ.

ހިޔާ މަޝްރޫޢޫގެ ދަށުން ފެނަކަ ޓަވަރުގެ ޢަމަލީ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިއަދު އިއުލާންކުރި އިރު މި މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކުރި މީ ދެވަނަ ފަހަރުއެވެ. ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަމްޢާން ވިދާޅުވީ ކުރިން ކުރި އިޢުލާން ބާތިލްކުރީ ކުރިން ހުށައެޅި އަގުތައް އިވެލުއޭޓްކުރި އެކަށީގެންވާ ވަރަށް ވުރެ މާ ބޮޑުވުމުންކަމަށެވެ. އަދި ކުރިން ހުރި އަގުތަކުގެ ސަބަބުން ފްލެޓްތަކަށް މުޢައްޒަފުންނަށް ފައިސާ ދެއްކުމުގައި ދަތިތައް ކުރިމަތިވާނެތީކަމަށާއި ފެނަކައިން މަަސައްކަތް ކުރަމުންދަނީ ފްލެޓަށް ފައިސާ ދެއްކުމުގައި މުޢައްޒަފުންނަށް އެންމެ ފަސޭހަވާނެ ގޮތްތައް ބަލައިގެންކަމަށްވެސް ލަމްޢާން ވިދާޅުވިއެވެ.

ފެނަކައިގެ 15 ބުރީގެ ޓަވަރުގެ މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތަކުން އަންނަ ބުދަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށައަޅަންޖެހެއެވެ. ފެނަކައިން ބުނީ އެކުންފުނިން އިމާރާތްކުރާ ޓަވަރުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ފަށާނެކަމަށެވެ. އަދި މަސައްކަތް ފަށާތާ ދެ އަހަރު ދުވަހުގެ ތެރޭ ގައި މުޅި އިމާރާތުގެ މަސައްކަތް ނިންމާނެ ކަމަށްވެސް ފެނަކައިން ބުނެއެވެ.

ހިޔާ މަޝްރޫޢުއަކީ ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން އެމްޕީއެލް އައިލެންޑް އޭވިއޭޝަނާއި ސްޓެލްކޯ އާއި އެމްޓީސީސީގެ އިތުރުން ކަސްޓަމްސްއިން ޓަވަރުތައް އިމާރާތްކުރާނެއެވެ.