ލައިފް ސްޓައިލް

އެންމެ ކުޅި މިރުސް ކައިގެން ހޮސްޕިޓަލަށް!


އެމެރިކާގައި އޮތް މިރުސް ކެއުމުގެ މުބާރާތެއްގެ ބައިވެރިވި މީހަކަށް ދިމާވި ހާދިސާއެއް ކިޔައިދީފިނަމަ، ކުޅިކޮށް އެއްޗެހި ކެއުމަށް ދެވި ހިފާފައި ތިބި މީހުން ކުޅިކޮށް ނުކާންވީ ސަބަބުތަކެއް ފެނިދާނެއެވެ،
މިހާދިސާ ދިމާވީ އެމެރިކާގެ ނިއުޔޯކް ސްޓޭޓްގައި އޮތް މިރުސް ކެއުމުގެ މުބާރާތެއްގެ ބައިވެރިވި އުމުރުން 34 އަހަރުގެ ފިރިހެނަކަށެވެ. އެމުބާރާތުގައި އޭނާ ކެއީ ދުނިޔޭގެ އެންމެ ކުޅި މިރުހުގެ ގޮތުގައި މަޝްހޫރުވެފައިވާ "ކެރޯލިނާ ރެޕާ ޗިލީ"އެވެ. މިއީ ޢާއްމުކޮށް ކާން ބޭނުންކުރާ މިރުހަށްވުރެ އެތައް ގުނައެއް ކުޅި މިރުހެކެވެ.
ގިތެޔޮ މިރުހެއްގެ ބައްޓަމަށް އޮންނަ "ކެރޯލިނާ ރެޕާ ޗިލީ" މިރުސް ކެއުމުން އޭނާގެ ބޮލުގައި ވަރަށް ބޮޑަށް ރިއްސަން ފެށިއެވެ. ފުރަތަމަ ރިއްސީ ބޮލުގެ ތަންކޮޅެއްގައި ނަމަވެސް، ފަހުން މުޅި ބޮލަށް ރިއްސުން ފެތުރިގެން ދިޔަކަމަށް އޭނާ ބުނެފައިވެއެވެ. އަދި ކެތްނުކުރެވޭ ވަރަށް ބޮލުގައި ރިއްސަން ފެށުމުން ޑޮކްޓަރަށް ދެއްކިއެވެ.

ޑޮކްޓަރަށް ދެއްކުމުން އޭނާއަށް ވެގެން އުޅޭ ގޮތެއް ޑޮކްޓަރުންނަކަށް ފުރަތަމަ ނޭނގުނެވެ. ބޮލުގެ ރިއްސުމަކަށްވުމުން ނާރުގެ އެއްވެސް މައްސަލައެއް އުޅޭތޯ ބެލުމަށް ޓެސްޓުތައް ހެދިއެވެ. ނަމަވެސް ސްޓްރޯކެއް ނުވަތަ ހާޓްއެޓޭކެއް ޖެހެން އުޅޭކަމުގެ ނިޝާނެއްވެސް ނެތްކަން ޑޮކްޓަރުން ފާހަގަކުރިއެވެ.
ވެގެން އުޅޭ ގޮތް ޑޮކްޓަރުންނަށް ސާފުވީ ސިކުނޑީގެ ސީޓީ އެންގިއޮގްރާމެއް ހެދުމުންނެވެ. އެންގިއޮގްރާމުން އެނގިގެންދިޔައީ ސިކުނޑިއަށް ލޭފޮނުވާ މައި-ނާރަކާއި، އެނާރާ ގުޅިފައިވާ އިތުރު ހަތަރު ނާރެއް ވަރަށް ބޮޑު ހިމަވެފައިވާތަނެވެ. އެހެންކަމުން ލޭ ދައުރުވުމަށް އުނދަގޫވެ، ނާރުތަކަށް ޕްރެޝަރު ބޮޑުވެއެވެ.

ޑޮކްޓަރުން ބުނާގޮތުން މިރުސް ކައިގެން ހާލުބޮޑުވި މީހާގެ ހާލު އޭގެ ފަސް ހަފްތާފަހުން ވަނީ ހަމައަކަށް އެޅިފައެވެ. އަދި ފަހުން ހެދި ސީޓީ ސްކޭނުން ސިކުނޑީގައިވާ ނާރުތައް އޭގެ އަސްލު ސައިޒަށް އައިސް، ލޭ ދައުރުވުމަށް މައްސަލަތަކެއް ނެތްކަން ޑޮކްޓަރުން ފާހަގަކުރެއެވެ. ނަމަވެސް ކުޅި ކެއުމުގެ ކުރިން މިފަދަ ކަންކަމަށް ވިސްނުމަށް ޑޮކްޓަރުން ލަފާދެއެވެ. އަދި ކުޅިކޮށް ކައިގެން ބޮލުގައި ރިއްސާ، އުނދަގޫވާނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަކަށް ދެއްކުމަށްވެސް ޞިއްޙީ މާހިރުން ލަފާދެއްވައެވެ.