ލައިފް ސްޓައިލް

ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ ފިރިހެނާ!


ދުނިޔޭގައި މިވަގުތު ހުރި އެންމެ މުސްކުޅި ފިރިހެނަކީ ޖަޕާނުގެ ރައްޔިތެއްކަމަށްވާ މަސާޒޯ ނޮނަކާކަމަށް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ހާމަކޮށްފިއެވެ.
ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ބުނާގޮތުން 1905 ވަނަ އަހަރުގެ ޖުލައިމަހުގެ 25 ވަނަ ދުވަހު އުފަންވި މަސާޒޯގެ އުމުރަކީ 112 އަހަރާއި 259 ދުވަހެވެ.
އުމުރުން އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް ކުރިން އޮތީ ސްޕެއިންގެ ނުނޭޒް އޮލިވޭރާގެ އަތުގައެވެ. އޭނާ މަރުވީ މިއަހަރުގެ ޖެނުއަރީމަހުގެ 29 ދުވަހުއެވެ. މަރުވިއިރު އުމުރަކީ 113 އަހަރާއި 47 ދުވަހެވެ.
ދުނިޔޭގައި މިވަގުތު ހުރި އުމުރުން އެންމެ ދުވަސްވީ ފިރިހެނާއަށް މަސާޒޯވުމުން ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއިން ވަނީ އޭނާއަށް އެކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްފައެވެ.
1905 ވަނަ އަހަރު އުފަންވި މަސާޒޯގެ އެއްބަނޑު އެއްބަފާ 7 ފިރިހެން ކޮއްކޮއާއި 1 އަންހެން ކޮއްކޮ ހުއްޓެވެ. އަދި ކައިވެންނަށް 5 ކުދިން ލިބިފައިވެއެވެ. ނަމަވެސް މީގެ ތެރެއިން އެއްބަނޑު އެއްބަފާ އެއްވެސް މީހަކު ދުނިޔޭގައި މިހާރު ނެތް އިރު، ފަސް ދަރިންގެ ތެރެއިންވެސް ދުނިޔޭގައި ތިބީ 3 ކުދިންނެވެ. އަނބިމީހާވެސް ވަނީ މަރުވެފައެވެ.

112 އަހަރު ވެފައިވީ ނަމަވެސް މަސާޒޯ އަކީ ހަރަކާތްތެރި މީހެއްކަމަށް އޭނާގެ ޢާއިލާއިން ބުނެއެވެ. އެގޮތުން ފުރޮޅުލީ ގޮނޑީގައި އަމިއްލައަށް ހެލިފެލިވެ އުޅޭކަމަށް މަސޯޒޯގެ ޢާއިލާއިން ބުނެއެވެ. މީގެ އިތުރުން ޓީވީ ބެލުމާއި ފޮނި ކާތަކެއްޗަށްވެސް އޭނާގެ ޝައުޤުވެރިކަން ވަރަށް ބޮޑެވެ.
ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ ފިރިހެނާގެ ރެކޯޑް ޖަޕާނުގެ ފިރިހެނަކަށް ލިބިފައިވާއިރު، ދުނިޔޭގައި ހުރި އުމުރުން އެންމެ ދުވަސްވީ މީހާއަކީ ޖަޕާނު އަންހެނެކެވެ. ޖަޕާނުގެ ނަބީ ތަޖިމާގެ އުމުރަކީ 117 އަހަރެވެ.
އުމުރުން އެންމެ ދުވަސްވީ އަންހެނާއި ފިރިހެނާއަކީ ޖަޕާނު ރައްޔިތުންނަށްވާއިރު، ޖަޕާނަކީ ދުނިޔޭގެ އެވްރެޖް ލައިފް އެކްސްޕެކްޓެންސީ އެންމެ މަތީ ޤައުމެވެ. އެޤައުމުގެ ރައްޔިތުންގެ ތެރެއިން ފިރިހެނުންގެ އެވްރެޖް އުމުރަކީ 80.98 އަހަރެވެ. އަންހެނުންގެ އުމުރަކީ 87.14 އަހަރެވެ. އެޤައުމުގައި މިހާރުވެސް 100 އަހަރުވެފައިވާ 67800 މީހުން އެބަތިއްބެވެ.