ލައިފް ސްޓައިލް

އެންމެ ޖޫސްތަށްޓަކުން ސިއްޙީގޮތުން އެތައް ފައިދާއެއް!


ފިހާރަތަކުން ގަންނަން ލިބޭ ޖޫސް ޕެކެޓާއި ޖޫސް ފުޅިތަކަށްވުރެ، މޭވާއާއި އެހެނިހެން ތަކެތި ބޭނުންކޮށްގެން ގޭގައި އަމިއްލައަށް ތައްޔާރުކުރާ ބުއިންތަކަކީ ޞިއްޙީގޮތުން ގިނަ ފައިދާތަކެއް ލިބޭ ބުއިންތަކެއްކަން ކަށަވަރެވެ. އެއީ ތައްޔާރީ ބުއިންތަކުގައި ރަހައާއި ކުލަ ގެންނަން ބޭނުންކުރާ ތަފާތު އެކި ކެމިކަލް މާއްދާތައް މިފަދަ ބުއިންތަކުގައި ނުހިމެނޭތީއެވެ.
މިގޮތުން ހަމައެކަނި މޭވާގެ ބަދަލުގައި، މޭވާއާއި ތަރުކާރީ އެއްކޮށްގެން ތައްޔާރުކުރާ ޖޫސްތަކާއި ބުއިންތަކަކީ ޞިއްޙީގޮތުން ގިނަ ފައިދާތަކެއް ލިބޭ ތަކެއްޗެވެ. މިފަދަ އެއް ބުއިމަކީ ކެރަޓާއި، އާފަލާއި ބީޓްރޫޓްް އެއްކޮށްގެން އަމިއްލައަށް ގޭގައި ތައްޔާރުކޮށްލެވޭ ޖޫހެކެވެ. މި 3 ބާވަތް އެއްކޮށްގެން ތައްޔާރުކުރާ ޖޫހުން އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން އިންސާނާގެ ހަށިގަނޑަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ.

އާފަލަށް ބަލާލާއިރު، މިއީ ވިޓަމިން - ސީ އާއި ފައިބަރއިން ފުރިފައިވާ މޭވާއެކެވެ. ކެލޮރީ ދަށް، ކޮލެސްޓްރޯލްއާއި ފެޓް އެއްވެސް ވަރަކަށް ހިމެނޭ މޭވާއެއް ނޫނެވެ. އިންސާނާގެ ހަށިގަނޑަށް ބޭނުންވާ ހަކަތަ އިތުރު ކުރުމަށް ބޭނުންވާ ފުރުކްޓޯސް އާއި ގުލްކޯސްއިން އާފަލު ވަނީ މުއްސަނދިވެފައެވެ. މީގެ އިތުރުން އާފަލަކީ ބަރުދަން ލުއިކުރުމަށާއި ލޮލުގެ ފެނުން ރަނގަޅުކުރުމަށްވެސް އެހީތެރިވެދޭ މޭވާއެކެވެ.
ބީޓްރޫޓްއަށް ބަލާލާއިރު، ޞިއްހަތަށް ފައިދާކުރާ އެތައް މާއްދާތަކެއް މީގައި ހިމެނެއެވެ. އޭގެ ތެރޭގައި ކެލްސިއަމް، ވިޓަމިން - އޭ، ވިޓަމިން - ސީ، ފައިބަރ، ޕޮޓޭސިއަމް، ފޮލިކް އެސިޑް އަދި ދަނގަޑުގެ ބައިތައް ހިމެނެއެވެ.
ކެރެޓަށް ބަލާލާއިރު، ބަރުދަން ލުއިކުރުމަށް މިއީ އެހީތެރިވެދޭ އެއްޗެކެވެ. ލޮލުގެ ފެނުން ރަނގަޅުކޮށް، ކޮލެސްޓްރޯލް ދަށްކުރުމަށް ކެރެޓްގައި ހިމެނޭ މެގްނީޒިއަމްއާއި ސެލީނިއަމް، ޕޮޓޭސިއަމް އަދި ވިޓަމިން އޭ،ބީ،ސީ،އީ، އަދި ކޭ އެހީތެރިވެދެއެވެ. އަދި ބީޓްރޫޓްގައި ހިމެނޭ ކެރޮޓީން އެންޓިއޮކްސިޑަންޓްގެ ސަބަބުން ކެންސަރުން އިންސާނާ ރައްކާތެރިކޮށްދެއެވެ.

އާފަލާއި ކެރެޓާއި ބީޓްރޫޓުން ޞިއްޙީގޮތުން އެތައް ފައިދާތަކެއް ލިބޭއިރު، މިތިން ބާވަތް އެއްކޮށްގެން ތައްޔާރުކުރާ ބުއިމަކުން ލިބޭނެ ފައިދާތައް އުޅޭނީ އެތައް ގުނައަކުންކަން ޔަޤީނެވެ.
މިތިން ބާވަތް އެއްކޮށްގެން ތައްޔާރުކުރާ ބުއިމުން ލިބޭ ފައިދާތަކުގެ ތެރޭގައި، މައްސަރުގެ ދުވަސްތަކުގައި އަންހެނުންނަށް އަޅާ ވޭން ކުޑަކޮށް، ވަރުބަލިކަމުން ދުރުކޮށްދެއެވެ.
ހިތާއި ނާރުތަކަށް ލިބޭ ފައިދާތަކުގެ ތެރޭގައި، މިޖޫހުގައި ހިމެނޭ އާފަލުން ބްލަޑް ޕްރެޝަރ އެއްހަމައެއްގައި ހިފަހައްޓައި، ކޮލެސްޓްރޯލް ދަށްކުރެއެވެ. އަދި ބީޓްރޫޓްގެ ސަބަބުން ނާރުތަކުގައި ލޭ ދައުރުވުމަށް ފަޞޭހަވެގެންދެއެވެ.
އިންސާނާގެ ހަންގަނޑަށް ލިބޭ ފައިދާތަކުގެ ތެރޭގައި މޫނުމަތީގައި ނަގާ އެކި ކަހަލަ ބިހިތަކަށް މިޖޫހުން ފަރުވާ ލިބެއެވެ. އެލާޖިކްވުމާއި ހަންގަނޑުގެ އެކި ބަލިތަކުން ރައްކާތެރިކޮށްދޭ މާއްދާތައް މިޖޫހުގައި ގިނައެވެ. އެހެންކަމުން ހަންގަނޑުގައި ރޫޖެހުން ހުއްޓި، ހަންގަނޑު ވާންކޮށް ބެހެއްޓުމަށް މިޖޫސް އެހީތެރިވެދޭނެއެވެ.
ހަންގަނޑުގެ އިތުރުން، ލޮލުގެ ފެނުމަށްވެސް މިޖޫހުން ފައިދާތަކެއް ކުރާނެއެވެ. ލޯ ރަތްވުމާއި، ލޯ ހިކުންފަދަ ކަންކަމަށް މީގެއިން އެހީތެރިވާއިރު، ލޮލުގެ ފެނުންވެސް މިޖޫހުގެ ސަބަބުން ރަނގަޅުކޮށްދެއެވެ.

ކެރަޓާއި އާފަލާއި ބީޓްރޫޓް ބޭނުންކޮށްގެން ތައްޔާރުކުރާ މިޖޫސް ތައްޔާރުކުރަންޖެހޭ ގޮތަށް ބަލާއިރު، އޭގެ ފައިދާ އެންމެ ރަނގަޅަށް ހޯދުމަށްޓަކައި ޖޫސް ތައްޔާރުކުރަންޖެހޭނީ ކެމިކަލް ބޭނުންނުކޮށް ހައްްދާފައިވާ މޭވާއާއި ތަކުރާރީއެވެ. ޖޫސް ތައްޔާރުކުރުމަށް އާފަލާއި ކެރަޓާއި ބީޓްރޫޓް ބޭނުންކުރަންޖެހޭނީ އެއް މިންވަރަކަށެވެ. ކުދިކޮށް ކޮށާފައި، މިކްސަރުގައި ރަނގަޅަށް ގިރާލުމަށްފަހު ފުރާނާލުމުން ރަނގަޅުވާނެއެވެ. އެއަށްފަހު ފިނިކޮށްލުމަށްފަހު، ކޮންމެދުވަހަކުވެސް ހެނދުނު ހުސްބަނޑާ ހުރެ ތަށްޅެއް ބޯލާށެވެ. ހެނދުނުގެ ނާސްތާ އޭގެ ގަޑިއިރެއްފަހުން ނެގުމުން ރަނގަޅުވާނެއެވެ. މެންދުރުވެސް މީގެ ޖޫސްތަށްޓެއް ބޯލާށެވެ. މިގޮތަށް ގަވާއިދުން 3 މަސްވަންދެން މިޖޫސް ބޭނުންކުރާށެވެ. ޞިއްޙީގޮތުން ހީވެސް ނުކުރާހާ ފައިދާތައް މީހާއަށް ކުރާތަން ފެނިގެންދާނެއެވެ.

ބޮލި މުލައް

ހަކުރު އަޅަންޖެހޭތަ؟