ތަރައްްޤީ

ފަރުކޮޅުފުށީގައި ޕިކްނިކް ޞަރަޙައްދެއް ތަރައްޤީކުރަނީ


ފަރުކޮޅުފުށީގައި ޕިކްނިކް އޭރިއާ ތަރައްޤީކުރުމުގެ މަސައްކަތްތައް ފަށައިގެން ކުރިއަށްދާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ. އެޗްޑީސީން ބުނީ ޕިކްނިކްއޭރިއާގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފާޚާނާބަރިތައް ހެދުމާއި، ނަރުދަމާގެ ބައެއް މަރާމާތުކުރުމަށް ބަޔަކު ހޯދުމުގެ މަސައަކަތްކުރަމުންދާކަމަށެވެ. ޕިކްނިކް އޭރިއާގެގޮތުގައި  އެޗްޑީސީން ތަރައްޤީކުރަނީ  ފަސްހާސް އަކަމީޓަރުގެ ޞަރަޙައްދެކެވެ.

ހައުސިންގޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ޚަރަދުގައި ޕިކްނިކް އޭރިއާ ތަރައްޤީކުރަނީ ކޮޓަރިތަކާއި، ކެފޭ ރެސްޓޯރަންޓްތަކާއި، ސްވިމިންގ ޕޫލް ހިމެނޭގޮތަށެވެ. ޕިކްނިކް އޭރިއާގެ މަރާމާތުކޮށް ތަރައްޤީކޮށް، ދެވަނަ ފިޔަވަހީގެ މަގުތަށް ނިމުމުން ބަސް މެދުވެރިކޮށް ޕިކްނިކް އޭރިއާއަށް ދަތުުރުކުރެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް އެޗްޑީސީން ބުނެއެވެ.

ފަރުކޮޅުފުށީގައި ޕިކްނިކްއޭރިއާއެއް ތަރައްޤީކުރުމަށް ނިންމާފައިވަނީ ކުރިން ޢާއްމުކޮށް ދަތުރުގޮސްއުޅުނު ކުޑަބަނަޑޮހުގައި ރިސޯޓް ތަރައްޤީކުރުމަށް ބަންދުކުރުމާއި ގުޅިގެން، ދަތުރުދާނެ އިތުރު ތަނެއް ތަނަވަސްކޮށްދިނުމުގެ ގޮތުންނެވެ. 

ފަރުކޮޅުފިނޮޅު ހިމެނެނީ ހުޅުމާލޭ ދެވަނަފިޔަވަހީގައެވެ. ފަރުކޮޅުފިނޮޅުގައި ތަރައްޤީކޮށްފައިވާ ކްލަބްފަރުރިސޯޓުގައި ހެރިޓޭޖް އައިލެންޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އެޗްޑީސީންމިހާރު ދަނީ ކުރަމުންނެވެ.