ތަރައްްޤީ

މާލެ ހުޅުމާލެ ކަރަންޓް ކޭބަލް އަޅަން ޗައިނާގެ ޑޮންގފަންގ އަށް


ބްރިޖް މެދުވެރިކޮށް މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލުމަށް އަޅާ ގްރޭޓަރ މާލޭ ގްރިޑް ކަނެކްޝަންގެ ޢަމަލީ މަސައްކަތް ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގްރިޑް ކަނެކްޝަންގެ ޢަމަލީ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ޑޮންގފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެވެ. މި މަޝްރޫޢުގެދަށުން ބްރިޖް މެދުވެރިކޮށް 132 ކިލޯވޯޓްގެ ހައި ވޯލްޓޭޖް ކަނެކްޝަނަކުން މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ވިއުގަ ގުޅާލެވޭނެއެވެ.

ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢުއަކީ ހުޅުމާލޭގައި ކުރިއަށްގެންދާ ފިފްތް ޕަވަރ ޕްރޮޖެކްޓް. 50 މެގަވޯޓްގެ މި ޕަވަރ ޕްލާންޓް އެޅުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާއިރު  ގުޅިގެން ކުރުމަށް ނިންމާފައިވާ އެކިއެކި މަސައްކަތްތައް ހިމެނެއެވެ. އޭގޭތެރެއިން އެެންމެ މުހިންމު އެއް މަސައްކަތަކީ މާލޭއާއި ހުޅުމާލެއާއި ހުޅުލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމެވެ. ޗައިނާގެ ޑޮންގފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާއެކު މި މަސައްކަތް ކުރުމަށް ސޮއިކޮށްފައިވާއިރު، ހުޅުމާލޭގައި އަޅާ 50 މެގަވޯޓްގެ ޕަވަރ ޕްލާންޓްގެ މަސައްކަތްވެސް ކުރަމުންގެންދަނީ އެ ކުންފުނިންނެވެ.

ކޮންޓްރެކްޓަރާއި މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ ސީއީއޯ އަޙްމަދު ޒުހޫރު ވިދާޅުވީ މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިގެން ދިއުމަކީ ސަރުކާރުން ވޭތުވެދިޔަ ދެ އަހަރުދުވަހު ކުރި މަސައްކަތުގެ ނަތީޖާކަމަށް. ޒުހޫރު ވިދާޅުވީ ކަރަންޓު ގުޅާލުމުގެ މަސައްކަތް ފިފްތް ޕަވަރ ޕްރޮޖެކްޓްގެ މަސައްކަތާއިއެކު ނިމޭނެކަމަށެވެ.

މާލެއަށް ހަކަތަ ފޯރުކޮށްދިނުމަށް މިހާރުވެސް 70 މެގަވޯޓްގެ ކަރަންޓު ބޭނުންކުރަމުންދާއިރު، މި ޢަދަދު ކޮންމެ ދެއަހަރަކުން އިތުރުވަމުންދާކަމަށް ޒުހޫރު ވިދާޅުވިއެވެ.

"ކޮންމެ ދެއަަހަރަކުން މިދަނީ އިންޖީނު އިތުރުކުރަމުން. މިފަދަ މަޝްރޫޢުތައް ނުހިންގާ ތަރައްޤީއަށް ބޭނުންވާ ހަކަތައެއް ނުލިބޭނެ. މި އަޅަނީ 100 މެގަވޯޓްގެ ކަރަންޓު ހިފެހެއްޓޭކެޕޭސިޓީގެ ދެ ކޭބަލް" ޒުހޫރު ވިދާޅުވިއެވެ.

ހަކަތައިގެ މަޝްރޫޢުގެ ފުރަތަމަ ފިޔަހަހީގެ މަސައްތައް ކުރިއަށްދާއިރު، ކަރަންޓުގެ ދާއިރާއިން އިތުރު މަޝްރޫޢުތަކެއް ފެށުމަށްވެސް ރާވަމުންދާކަމަށް ޒުހޫރު ވިދާޅުވިއެވެ.

"ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްޤީކުރަމުން އަންނައިރި، ފިފްތް ޕަވަރ ޕްރޮޖެކްޓަށް އިތުރު ފަންސާސް މެގަވޯޓް އިތުރުކުރާނެ. މީގެއިތުރުން މިރީޖަންގެ ގިނަ ރަށްތައް ހިމެނޭގޮތަށް ތިލަފުށީގައިވެސް ހަކަތައިގެ ބޮޑު މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްދަނީ މަޝްވަރާތައްކުރަމުން" ޒުހޫރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، މާލެ ނުވަތަ ހުޅުލޭގެ ކަރަންޓަށް މައްސަލައެއް ދިމާވެއްޖެނަމަ، ހުޅުމާލޭ 50 މެގަވޯޓްގެ ޕަވަރ ޕްލާންޓް މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދެވޭނެއެވެ. އަދި ހުޅުލެއަށް ކަރަންޓުގެ މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ޕަވަރ ޕްލާންޓް މެދުވެރިކޮށް އެ މައްސަލަވަގުތުން ހައްލުކުރެވޭނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

މި މަޝްރޫޢުއަށް 44.6 މިލިއަން ޑޮލަރު ޚަރަދުވާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. މާލެއާއި ހުޅުލެއާއި ހުޅުމާލޭގެ ކަރަންޓު އެއްވިއުގައަކުން ގުޅާލުމަށް ހިންގާ މަޝްރޫޢުގެ މަސައްކަތް އެއްއަހަރު ދުވަހުގެ ތެރޭގައި ނިންމުމަަށް ކޮންޓްރެކްޓރަ ވަނީ އެއްބަސްވެފައެވެ.