ލައިފް ސްޓައިލް

ކިޓްކެޓް ރޫބީ – ޗޮކްލެޓުގެ މުޅިން އާ ރަހައެއް


މަޝްހޫރު ނެސްލޭ ކުންފުނީގެ ޗޮކްލެޓް ބްރޭންޑެއްކަމަށްވާ ކިޓްކެޓަކީ އޭޝިޔާގެ އިތުރުން ޔޫރަޕްގެ ގިނަ ބަޔަކަށްވެސް ކަމުދާ، މަޤްބޫލު ޗޮކްލެޓް ބްރޭންޑެކެވެ. ކިޓްކެޓް ޗޮކްލެޓުގެ އެކި ވައްތަރު، އެކި ސައިޒުތަކުގައި ލިބެން ހުންނައިރު، ނެސްލޭއިން ވަނީ މިމަހު މުޅިން އާ ވައްތަރެއްގެ ޗޮކްލެޓެއް ކިޓްކެޓް ބްރޭންޑަށް ތަޢާރަފްކޮށްފައެވެ.

img:http://s1.psmnews.mv/images/660x400/15167868871098.jpg|ކިޓްކެޓް ޗޮކްލެޓަރީ ސަބްލައިމް ރޫބީ

މިދިޔަ ހުކުރުދުވަހު ނެސްލޭއިން ލޯންޗުކުރި "ކިޓްކެޓް ޗޮކްލެޓަރީ ސަބްލައިމް ރޫބީ" އަކީ މުޅިން އައު ވައްތަރެއްގެ ޗޮކްލެޓެއްކަމަށްވާ، ރޫބީ ޗޮކްލެޓުން ތައްޔާރުކޮށްފައިވާ ޗޮކްލެޓެކެވެ. ސްވިޓްޒަލޭންޑުގެ ޗޮކްލެޓް އުފައްދާ ކުންފުންޏަކުން ރޫބީ ޗޮކްލެޓް ތަޢާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުއެވެ. މިއީ ޑާކް ޗޮކްލެޓް، ވައިޓް ޗޮކްލެޓް އަދި މިލްކު ޗޮކްލެޓަށްފަހު، މިދިޔަ 10 އަހަރުތެރޭގައި ޗޮކްލެޓުގެ ޢާއިލާއަށް އިތުރު ފުރަތަމަ މެމްބަރެވެ.  

img:http://s4.psmnews.mv/images/660x400/15167868554320.jpg|ރޫބީ ޗޮކްލެޓް އަދި ރޫބީ ކޮކޯ ބީންސް

ފިޔާތޮށި ކުލައިގައި ހުންނަ ރޫބީ ޗޮކްލެޓަކީ ރޫބީ ނަމަކަށް ކިޔާ ކޮކޯ ބީންސްއިން ތައްޔާރުކުރާ ޗޮކްލެޓެކެވެ. ނެސްލޭއިން ބުނާގޮތުން ރޫބީ ޗޮކްލެޓުގައި ހުންނާނީ ފޮނި، ބެރީ ރަހައެކެވެ. އަދި ޗޮކްލެޓުގެ ކުލައަށް، ރަހައަށް ބަދަލު ގެންނަން އެއްވެސް އެއްޗެއް ބޭނުންކޮށްފައިނުވާކަމަށް ޗޮކްލެޓް އުފެއްދި ސުވިޓްޒަލޭންޑުގެ ކުންފުނިން ބުނެއެވެ.

img:http://s2.psmnews.mv/images/660x400/15167868317302.jpg|ރޫބީ ޗޮކްލެޓާއެކު، ކިޓްކެޓް ގިފްޓް ޕެކެއް

ރޫބީ ޗޮކްލެޓް ބޭނުންކޮށްގެން ނެސްލޭ ކުންފުނިން، "ކިޓްކެޓް ޗޮކްލެޓަރީ ސަބްލައިމް ރޫބީ" ލޯންޗުކޮށްފައިވާއިރު، މިއީ ރޫބީ ޗޮކްލެޓް ބޭނުންކޮށްގެން ބްރޭންޑަޑް ޗޮކްލެޓެއް ނެރުނު ފުރަތަމަ ފަހަރެވެ. މިދިޔަ ހުކުރުދުވަހުން ފެށިގެން ޖަޕާނާއި ކޮރެޔާގެ އިތުރުން، އޮންލައިން ފިހާރަތަކުގައިވެސް ކިޓްކެޓް ރޫބީ ދަނީ ވިއްކަމުންނެވެ.