މިދިޔަ މަހާ ހަމައަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު 151އަށް އަރާފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މީގެ ތެރޭގައި ހިމެނެނީ 89 ފިރިހެން ކުދިންނާއި 62 އަންހެން ކުދިންނެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 91 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. މި ބާވަތުގެ 32 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ.
މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ޖިންސީ ހާނިއްކައިގެ 20 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 13 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 10 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ 08 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 04 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަން ނުވަތަ ބްލެކްމެއިލް ކުރުމުގެ 01 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 01 މައްސަލައާއި އެހެނިހެން 02 މައްސަލައެއް ވެސް ހިމެނެއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި ކުޑަކުދިންގެ އަޚްލާގާ ގުޅޭ 18 މައްސަލައެއް މިދިޔަ މަހު އާއިލާއާބެހޭ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 04 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ފިރިހެން ކުދިންނާއި ގުޅޭ 01 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 03 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން، ރުޅި އިސްކުރުމާއި ރުޅިގަދަވެގެން އުޅުމުގެ 03 މައްސަލައާއި، ސްކޫލަށްދާން ބޭނުން ނުވުމުގެ 03 މައްސަލަވެސް މިދިޔަ މަހު ރިޕޯޓްކޮށްފައިވެއެވެ.
އާއިލާއާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ ތެރޭގައި ކުޑަކުދިންގެ ހައްޤުތަކާއި ގުޅޭ 04 މައްސަލައެއް އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި، ކުދިންނަށް ވެކްސިންނުދިނުމާއި ގުޅޭ 01 މައްސަލަ، ޞިއްޙީ ފަރުވާއަށް ހުރަސްއެޅުން ނުވަތަ ނުދިނުމާ ގުޅޭ 01 މައްސަލަ، ކުދިން ސްކޫލަށް ނުފޮނުވުމުގެ 01 މައްސަލަ އަދި ތަޢުލީމަށް ހުރަސްއެޅުމުގެ 01 މައްސަލަ ހިމެނެއެވެ.
މިދިޔަ އޮގަސްޓް މަހު ޢާއިލީ މައްސަލައިގެ ގޮތުގައި 36 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ، ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ 19 މައްސަލަ، ހަޟާނާގެ 12 މައްސަލަ އަދި ކުދިން ބެލުމުގެ 05 މައްސަލައެވެ. ޢާއިލީ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެންކުދިންގެ 18 މައްސަލައާއި ފިރިހެން ކުދިންގެ 18 މައްސަލައެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އާއި ގެވެށި އަނިޔާގެ ޖުމްލަ 50 މައްސަލަވެސް ރިޕޯޓުކޮށްފައިވެއެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. މި ބާވަތުވެ 19 މައްސަލައެއް އޮގަސްޓް މަހު ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 16 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 03 މައްސަލައެކެވެ.
އަޅައިލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ 13 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވެއެވެ. މިބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްސަލަތައް ތަހައްމަލުކުރަމުންދާ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައެވެ. މި ބާވަތުގެ 05 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 03 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 02 މައްސަލައެކެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އޮގަސްޓް 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ޖުމްލަ 151 ކުދިން އެބަތިބިއެވެ. އެއީ 89 ފިރިހެން ކުދިންނާއި 62 އަންހެން ކުދިންނެވެ. އަދި، އޮގަސްޓް މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 02 ކުއްޖަކު ފޮސްޓަރިން ޢާއިލާތަކާއި ހަވާލުކުރެވިފައިވާއިރު، 02 ކުއްޖަކު ޢާއިލާތަކާއި ރީއިންޓަގްރޭޓް ކުރެވިފައިވެއެވެ.