ތަރައްްޤީ

4 އަހަރުގެ ތެރޭގައި ބަނދަރު ހެދުމަށް 1.6 ބިލިއަން ރުފިޔާ!


ވޭތުވެދިޔަ ހަތަރު އަަހަރުގެ ތެރޭގައި ބަނދަރުހެދުމުގެ އެކި މަޝްރޫޢުތަކަށް 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ނ އަތޮޅާއި ބ އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން. ރައީސުލްޖުމްހޫރިއްޔާވަނީ ހޮޅުދުއަށް ވަޑައިގެން، އެރަށުގެ ބަނދަރުގެ މަސައްކަތް ނިމުން އިފްތިތާޙްކޮށްދެއްވާފައެވެ.

ރަޢީސުލްޖުމްހޫރިއްޔާ ނ އަތޮޅާއި ބ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ހޮޅުދުއްއަށް ވަޑައިގެން ވަނީ އެރަށުގެ ބަނދަރު އިފްތިތާހްކޮށްދެއްވައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. ދެހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ހޮޅުދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބަނދަރުގެ ދަތިކަން ހައްލުކޮށް ސަރުކާރުން ވަނީ އެރަށުގެ ބަނދަރު ތަރައްޤީކުރުމަށް ހިންގި މަޝްރޫޢުގެދަށުުން، ބަނދަރަށް 300 ފޫޓު އިތުރުކޮށްފައި. މި މަޝްރޫޢުއަށް ސަރުކާރުންވަނީ 61 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައެވެ.

ބަނދަރުގެ މަސައްކަތް ނިމުން އިފްތިތާޙްކޮށްދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރުގެތެރޭގައި ބަނދަރު ހެދުމުގެ މަޝްރޫޢުތަކަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް. އަދި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އަގު 900 މިލިއަނަށްއަރާކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ތަރައްޤީގެ މަޝްރޫއުތަކަށް މި ސަރުކާރުން ކޮށްފައިވާ މަސައްކަތާ އަޅާ ބަލާއިރު، ކުރީގެ ސަރުކާރުތަކުން އެއާ ގާތްކުރާ މިންވަރަށްވެސް މަސައްކަތް ކޮށްފައި ނުވާކަމަށެވެ. އަދި މިސަރުކާރުން މިހާރުވެސް ކުރީގެ ސަރުކާރުތަކުގެ ދަރަނި އަދާކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ހައުސިންގ މިނިސްޓާރ ޑރ. މުޙައްމަދު މުޢިއްޒު " ހޮޅުދޫގެ ބަނދަރު ތަރައްޤީކޮށްފައިވަނީ ރައްޔިތުން ބޭނުންވާ ބަދަލުތަކާއިއެކު ރައްޔިތުން ބޭނުންވިގޮތަށް. އެގޮތުން ކުރިން ބޭނުންކުރަމުންއައި ބަނދަރަށްވަނީ އިތުރު 300 ފޫޓު އިތުރުކޮށްފައި. ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކުުރުމުގެ މަޝްރޫޢުގެދަށުން، ބަނދަރުގެ ބޭރު ތޮށި ލުމާއި، ދޯނި އެހެލާ ސަރަޙައްދެއްވެސްވަނީ ހޮޅުދޫގައި ތަރައްޤީކޮށްފައި." ހައުސިންގ މިނިސްޓަރ ޑރ.މުއިއްޒު ވިދާޅުވިއެވެ.

ހޮޅުދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކޮށްފައިވަނީ އެމްޓީސީސީއާއި ހަވާލުކޮށްގެން. 900ފޫޓުު ދިގު 200ފޫޓު ފުޅާ މި ބަނދަރުގެ ޢަމަލީ މަސައްކަތް ނިިމިފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.