ތަރައްްޤީ

1500 ޔުނިޓް ނިންމާ ސަރުކާރާ ހަވާލުކޮށްފި


ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްގެން ޢިމާރާތްކުރި 1500 ހައުސިންގ ޔުނިޓް ނިންމާ، ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

މި އެއްހާސް ފަސްސަތޭކަ ފްލެޓް ޢިމާރާތްކޮށްފައިވަނީ ހުޅުމާލެއާއެކު، ދެކުނުގެ 4 އަތޮޅުގެ 8 ރަށެއްގައެވެ.

ޗައިނާގެ އެގްޒިމް ބޭންކްގެ އެހީގައި ރާއްޖޭގައި ކުރިއަށްގެންދިޔަ މި މަޝްރޫޢަކީ، ސަރުކާރުގެ ގެދޮރުވެރި ކުރުވުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޢިމާރާތްކުރި ފްލެޓްތަކެކެވެ. މި މަޝްރޫޢުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަޅުއްވައިދެއްވީ 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. ފްލެޓްތަކުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަނުންނެވެ.

މާލޭގެ ތޮއް ޖެހުން ކުޑަކޮށް، މާލޭގައި ދަތި ހާލުގައި ދިރިއުޅޭ ފަރާތްތަކަށް އަމާޒުކޮށް މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގައި 704 ފްލެޓް ޢިމާރާތްކުރިއިރު،  ދެކުނުގެ 4 އަތޮޅުތަކުގެ ތެރެއިން އައްޑޫސިޓީ ހިތަދޫގައި 264 ފްލެޓް، ހުޅުމީދޫގައި 48 ފްލެޓް، ފުވައްމަލައް ސިޓީގައި 200 ފްލެޓް، ގދ.ތިނަދޫގައި 120 ފްލެޓް، ގދ ގައްދޫގައި 50 ފްލެޓް، ގދ،ހޯޑެއްދޫގައި 40 ފްލެޓް،  އަދި ގއ.ވިލިގިލީގައި 52 ފްލެޓް ޢިމާރަތްކޮށްފައިވެއެވެ. އަދި ގދ.މަޑަވެލީގައިވެސް ހައުސިން ޔުނިޓް ޤާއިމް ކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން އިމާރާތްކުރި ފްލެޓްތައް ދިވެހި ސަރުކާރާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ހުޅުމާލެގައި އިމާރާތްކުރި 704 ފްލެޓް އިމާރާތްކޮށްފައިވާ ސަރަހައްދުގައެވެ. މި ރަސްމިއްޔާތުގައި ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންގެ ފަރާތުން، ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒުއާ ވަނީ ފްލެޓް ހަވާލުކުރި ކަމުގެ ރަސްމީ ލިޔުން ހަވާލުކޮށްފައެވެ.

ސަރުކާރުން ވަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ހައްޤުވެރިން އިއުލާންކޮށް، އެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި 6000 ރުފިޔާ ނެގުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ.

ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއްވެސް ސަރުކާރަކުން މިހާތަނަށް ހިންގާފައިނުވާވަރަށް މި ސަރުކާރުން ބޯހިޔާވަހިކަމުގެ މަޝްރުޢުތައް ހިންގާފައިވާކަމަށެވެ. އަދި މިއީ ރާއްޖޭގެ ތާރީޚްގައި މިހާތަނަށް އެއްފަހަރާ 1500 ޢާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި ފްލެޓްތައް ޢިމާރާތްކޮށްފައިވަނީ ވަރަށް ތަނަވަސްކޮށް ކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރ ވިދާޅުވީ މާލެއަކީ އެންމެންގެ ތަނެއް ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މި މަޝްރޫޢު ނިމި، ހަމައެކަނި ހުޅުމާލެއަށް ބެލިނަމަވެސް، އެތައް ރައްޔިތެއްގެ ދިރިއުޅުން ބަދަލުވެގެންދާނެ ކަމަށެވެ.

ހުޅުމާލެއިން ފްލެޓް ލިބުނު ބައެއް ފަރާތްތަކުން ބުނީ، ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ހޯދާއިދޭނެ ކަމުގެ ޔަޤީންކަން މިއަދު ލިބިގެން ގޮސްފިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ދެކުނުގެ ހަތަރު އަތޮޅުގައި ޤާއިމްކުރި ފްލެޓްތައްވެސް ހައްޤުވެރިންނަށް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.