ތަރައްްޤީ

ޖީ.ސީ ފަންޑުގެ އެހީގައި 4 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރަނީ


ގްރީން ކްލައިމެޓް ފަންޑުން ދިވެހި ސަރުކާރަށް ދީފައިވާ ހިލޭ އެހީގެ ދަށުން 4 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިޢުލާންގައި ބުނެފައިވަނީ ގްރީން ކްލައިމެޓް ފަންޑުގެ އެހީގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ހދ.ނޮޅިވަރަމްފަރާއި، ށ.ފޯކައިދޫ، ރ.މަޑުއްވަރި އަދި ބ.ދަރަވަންދޫގައެވެ. މި ރަށްތަކުގައި ފެނުގެ ނިޒާމް ޤާއިމް ކުރުމަށް ފެނުގެ ވިޔުގަ އެޅުމާއި، ބޯ ހޯލް ހެދުމާއި، ފެން ރައްކާކުރާ ޓޭންކްތައް ހެދުމާއި ލޮނުފެނުން މީރުފެން އުފައްދާ ނިޒާމާއި، އިދާރީ ކަންކަމަށް ޢިމާރާތެއް އެޅުމަަށް ހަމަޖެހިފައިވެއެވެ.

ފިނޭންސް މިނިސްޓްރީން މިހާރުވަނީ މި މަޝްރޫޢު ބީލަމަށްވެސް ލާފައެވެ.

2018 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ އާބާދީގެ 70 އިންސައްތަ މީހުންނަށް ފެނާއި، ނަރުދަމާ ޔަޤީންކޮށްދިނުމަށް ސަރުކާރުން އަންނަނީ ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 180 ވަރަކަށް ރަށުގެ ތެރެއިން 2013 ވަނަ އަހަރުގެ ނިޔަލަށް ފެނާއި ނަރުދަމާގެ ޚިދުމަތް ދެމުން އައީ 30 ވަރަކަށް ރަށުގައެވެ. އެގޮތުން ދަޢުލަތުގެ ބަޖެޓުންނާއި، ބޭރުގެ ހިލޭ އެހީ އަދި ލޯން އެހީގައި ފެނާއި ނަރުދަމާގެ ގިނަ މަޝްރޫޢުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ކުރިއަށްދާ ކަމަށް ސަރުކާރުން ބުނެއެވެ.