ތަރައްްޤީ

ހުޅުމާލޭގައި ސްޓެލްކޯގެ މުވައްޒަފުންނަށް ފްލެޓް އަޅަނީ


ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯގެ މުވަައްޒަފުންނަށް އަމާޒުކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އަޅައިދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދުމަށް އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން ސްޓެލްކޯއިން ކޮށްފައިވާ އިޢުލާންގައި ބުނެފައިވަނީ ފްލެޓް އެޅުމުގެ މި މަޝްރޫއު ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ "ސްޓެލްކޯ ހިޔާ މަޝްރޫއު"ގެ ނަމުގައި ކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން، ސްޓެލްކޯއަށް ލިބިފައިވާ ބާރަ ހާސް އަކަފޫޓްގެ ބިމެއްގައި 15 ބުރީގެ ދެ ޓަވަރު ޢިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށް ސްޓެލްކޯގެ އިއުލާންގައި ބުނެފައިވެއެވެ. މަޝްރޫއު ކުރިއަށްގެންދިއުމަށް ޝައުގުވެރިކަން ފާޅުކުުރުމުގެ ސުންގަޑިއަކީ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަސްކަމަށް ސްޓެލްކޯއިން ބުނެއެވެ. މަޝްރޫޢާ ގުޅޭ އިތުރު ތަފްސީލް ސްޓެލްކޯއިން އަދި ހާމަކޮށްފައެއް ނުވެއެވެ. 

ސްޓެލްކޯގެ މުވައްޒަފުންނަށް އަމާޒުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފެށުމަށް ތައްޔާރުވަމުންދާއިރު، ސަރުކާރުން މިދިޔަ ހަފްތާގައި ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއިން ރާއްޖޭގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢު " ހިޔާ" އިފްތިތާޙްކޮށްފައެވެ.