ތަރައްްޤީ

މާފަރު އެއަރޕޯޓްގެ އެއްބަސްވުމުގައި ސޮއިކުރުން އަންނަ ހަފްތާގައި


ނ.މާފަރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓަށް އިންވެސްޓް ކުރާ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިންވެސްޓަރުން އަންނަ ހަފްތާގައި ރާއްޖެ އައިސް، އެއަރޕޯޓްގެ އެޅުމަށް ބޭނުންވާ ކަންކަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެފިއެވެ. ރީޖިނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ޖެނެރަލް ސާމީ އަގީލް ވިދާޅުވީ އަބޫދާބީން އަންނަ އިންވެސްޓަރުން ރާއްޖެ އައުމުން މާފަރު އެއަރޕޯޓް ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، އެހާ ހިސާބުން އެއަރޕޯޓާއި ގުޅޭ ގިނަ މައުލޫމާތުތައް ލިބިގެންދާނެ ކަމަށެވެ.

މާފަރުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ހެދުމަށް ނިންމާފައިވާކަން ރައީސް ޔާމީން ޢިއުލާންކުރެއްވީ މިދިޔަ މަހު މަހު ޔޫ.އޭ.އީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހުއެވެ. އެ ދަތުރުފުޅަށްފަހު، ރ.އަތޮޅު މީދޫގައި ވާހަކަދައްކަވަމުން ރައީސް ޔަމީން ވިދާޅުވެފައިވަނީ .މާފަރުގައި ތަރައްޤީކުރާ ބައިނަލްއަޤްވާމީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފަށާތާ ހަމަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާނެކަމަށެވެ. އަދި މި އެއަރޕޯޓްގެ މަޝްރޫޢު އެއްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ. 

އިންވެސްޓަރުން ރާއްޖެ އައިސް، ރަސްމީކޮށް އެއަރޕޯޓް މަޝްރޫޢު ފަށާފައިނުވި ނަމަވެސް، މަސައްކަތަށް ބޭނުންވާ ބައެއް ސާމާނު މާފަރަށް ގެންގޮސް، އެއަރޕޯޓް ހަދާ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މާފަރު ކައުންސިލްގެ ޒިންމާދާރު ވެރިޔާ، އަޙްމަދު ބަދީޢު ވިދާޅުވީ ބިން ސާފުކުރުމަށް ފަސް އެކްސްކެވޭޓަރާއި، ތިން ލޮރީ އެރަށަށް ގެންގޮސް، ސާފުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށެވެ.

މާފަރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ދެހާސް ދުއިސައްތަ މީޓަރު ދިގު، އަދި ސާޅީސް ފަސް މީޓަރު ފުޅާ ރަންވޭއެއް ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެއަރޕޯޓްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.