ތަރައްްޤީ

ހުޅުމާލެ-ހުޅުލެ ލިންކު ރޯޑަށް ބޭނުންވާ ބިން ހިއްކަން ފަށައިފި


ހުޅުލެއާއި ހުޅުމާލެ ގުޅާލާ ލިންކް ރޯޑްގެ މަސައްކަތަށް ބޭނުންވާ ޑްރެޖަރުތައް ގެނެސް ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

މި ލިންކް ރޯޑް ތަރައްޤީކުރުމުގެ މަސައްކަތަކީ މާލެ-ހުޅުލެ ބްރިޖާއި ގުޅިގެން ކުރިއަށްގެންގާ މުހިންމު މަޝްރޫޢުއެކެވެ. އެޗްޑީސީން ބުނީ މި މަސައްކަތް ވަރަށް ހަލުވިކަމާއިއެކު، ކުރިއަށްދާކަމަށާއި އަންނަ ހަފްތާގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލެވޭނެކަމަށެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ސައިމަން ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް ނިމުމާއިއެކު އެ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި ތޮށިލުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަމާޒަކީ، ބްރިޖްގެ މަސައްކަތް ނިމުމުގެކުރިން މި ހައިވޭގެ މަސައްކަތް ނިންމުންކަމަށް ސައިމަން ވިދާޅުވިއެވެ. އަދި ބްރިޖް ބޭނުންކުރަން ފެށުމާއިއެކީ އެއްވެސް ދަތިކަމެއްނެތި ހުޅުމާލެއަށް އަރައި ފޭބުމުގެ ފަސޭހަ މި ހައިވޭއިން ރައްޔިތުންނަށް ހޯދައިދިނުމަކީ ސަރުކާރުގެ އަމާޒުކަމަށްވެސް ސައިމަން ވިދާޅުވިއެވެ.

މި މަގަކީ ބައިންލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް، ހަތަރު ލޭނަށް ފަރުމާކޮށްފައިވާ 4 ކިލޯމީޓަރުގެ މަގެކެވެ. މި ހައިވޭ ޕޭވް ކުރެވި ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތްތައްވެސް ފުރިހަމަ ކުރެވިގެންދާނެކަމަށް އެޗްޑީސީން ބުނެއެވެ.