ތަރައްްޤީ

ރަސްމީ ދަތުރުފުޅެއްގައި ހައުސިންގ މިނިސްޓަރ ޗައިނާއަށް


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މައި 4 ތަނބުގެތެރެއިން، އެއްތަނބު އަނެއް ތަނބާއި ގުޅުވާލުމަށް އަޅާ "ސްޓީލް ބޮކްސް ގަރޑަރ ބީމް"ގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

މި ދަތުރުފުޅުގައި "ސްޓީލް ބޮކްސް ގަރޑަރ" ޕްރީފެބްރިކޭޓްކުރާ ކުންފުންޏަށް ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވުމާއި މަސައްކަތުގައި ހަރަކާތްތެރިވާ އިންޖިނިއަރުންނާ މިނިސްޓަރ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި ޖުމްލަ 3 "ބޮކްސް ގަރޑަރ ބީމް" ހެދުމަށް ހަމަޖެހިފައިވާއިރު، 50 މީޓަރުގެ ދެ ބީމްއާއި 22 މީޓަރުގެ އެއް ބީމް ހެދުމަށް ހަމަޖެހިފައިވެއެވެ.

ހައުސިން މިނިސްޓަރ ވިދާޅުވީ ބީމްތަކުގެ ސްޓްރަކްޗަރ ގެނައުމަށް ހަމަޖެހިފައިވަނީ އޭގެ ހުރިހާ މަސައްކަތެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށެވެ. މި ބީމްތަކުގެ މަސައްކަތް ނިންމައި ޑިސެމްބަރ މަހު ރާއްޖެއަށް ގެނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ތަނބުތަކާ ގުޅުވައިގެން ކުރަންޖެހޭ ކޮންކްރީޓް މަސައްކަތްތައްވެސް މިހާރު ކުރިއަށްދާކަމަށެވެ. އެގޮތުން އެއްތަނބު އަނެއްތަނބާ ގުޅުވާލުމަށް ކުރާ ކޮންކްޓީޓް މަސައްކަތް، އެއް ތަނބުގައި ނިމިފައިވާކަމަށާއި، އަނެއް ތިން ތަނބުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.