ތަރައްްޤީ

ތިނަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް މިއަހަރު ނިމޭނެ


ގދ.ތިނަދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް، އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

މި އިމާރަތުގައި މިހާރު ކުރިއަށްދަނީ ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށްވާ ކަރަންޓް ވަޔަރިންގގެ މަސައްކަތްތަކާއި، ސީލިންގއާއި ކުލަލުމުގެ މަސައްކަތްތައް.

ހުވަދުއަތޮޅު ދެކުނުބުރީގައި ސަރުކާރުން މިހާރު ހިންގަމުންދާ އެންމެ މުހިންމު އެއް މަޝްރޫޢުއަކީ ތިނަދޫގައި ޤާއުމުކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތެވެ. ތިނަދޫ އިސްލާމީ މަރުކަޒަކީ މާލޭ އިސްލާމީ މަރުކަޒާއި އެއްވިސްނުމެއްގައި ފަރުމާކޮށްފައިވާ މަރުކަޒެކެވެ. 60 ހާސް އަކަފޫޓު ބިމެއްގައި އަޅާ މި މަރުކަޒު އަޅަނީ މިސްކިތުގެ މަލަމަތި ރީތިވާގޮތަށް ތިނަދޫ ހުޅަނގު ފަރާތުގައެވެ. 

އިސްލާމީ މަރުކަޒު ފަރުމާކޮށްފައިވަނީ އެއްފަހަރާ ސަތާރަސަތޭކަ މީހުންނަށް ނަމާދުކުރެވޭގޮތަށެވެ. މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން މަޢުލޫމާތުދޭގޮތުގައި، މިހާރު ކުރަމުންދަނީ މަރުކަޒު ނިންމުމަށް ކުރަންޖެހޭ ކުދިކުދި މަސައްކަތްތަކެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ކަރަންޓް ވަޔަރިންގގެ މަސައްކަތާއި، ސީލިންގާއި، ކުލަލުން ފަދަ މަސައްކަތްތައްކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

ތިނަދޫ އިސްލާމީ މަރުކަޒު ފަރުމާކޮށްފައިވަނީ ދެ ފަންގިފިލާއަށެވެ. އެގޮތުން ފުރަތަމަ ފަންގިފިލާ ފަރުމާކޮށްފައިވަނީ ކޮންފަރެންސް ހޯލަކާއި، ހަތަރު ކްލާސް ރޫމާއި، ލައިބްރަރީއަކާއި، އެޑްމިން އޮފީހެއްގެ އިތުރުން އަންހެނުންނާއި ފިރިހެނުންނާއި، ނުކުޅެންދުންތެރިކަން ހުންނަ މީހުންނަށް ވުޟޫޢުކުރެވޭނެ އިންތިޒާމްތަކާއިއެކުއެވެ. މީގެއިތުރުން ޕޭންޓްރީ ރޫމަކާއި، ދެ ސްޓޯރޫމާއި، އިކުއިޕްމެންޓް ރޫމެއްވެސް މި ފަންގިފިލާގައި ހިމަނާފައިވެއެވެ. 

އިމާރާތުގެ ދެވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ނަމާދުކުރުމަށެވެ. މީގެއިތުރުން އިދާރީ މަސައްކަތްތަކަށް ޚާއްސަ އޮފީހަކާއި، އިކުއިޕްމަންޓް ރޫމެއް މި ފަންގިފިލާގައި ހުންނާނެއެވެ. މި މަރުކަޒުގެ ސަބަބުން ދެކުނުގެ ހުރިހާ އަތޮޅަކަށްވެސް ޢިލްމީގޮތުން ގިނަ ފައިދާތަކެއް ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ގ.ދ ތިނަދޫ އިސްލާމީ މަރުކަޒަކީ ސަޢުދީޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްގެ ހިލޭ އެހީއާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ތިނަދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް އެމްއާރްޑީސީއާ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.

އިސްލާމީ މަރުކަޒުގެ އިތުރުން ތިނަދޫ މިއުޒިއަމް ޕާކްގެ ލޭންޑް ސްކޭޕިންގއާއި ޕޭވިންގ މަސައްކަތްކޮށްފައިވަނީވެސް އެމްއާރްޑީސީންނެވެ. މިމަސައްކަތްވެސް މިހާރު އެއްކޮށް ނިމިފައިވާކަމަށް ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.