ތަރައްްޤީ

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ޕްރޮގްރާމް ލ.އަތޮޅުގައި


އެންމެން ގުޅިގެން އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމުގެ މަޤްސަދުގައި ހޯމް މިނިސްޓްރީން ކުރިއަށްގެންދަވާ ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ޕްރޮގްރާމް ލ.އަތޮޅުގައި ފަށައިފިއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިލްސިލާކޮށް ބާއްވަމުން އަންނަ މިޕްރޮގްރާމްގެ ތެރެއިން ބާއްވާ މިފަދަ 8 ވަނަ ޕްރޮގްރާމެވެ. 

ސަރުކާރުގެ ގިނަ މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މުއައްސަސާތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި، ސިޔާސަތުތަކާއި، ޤާނޫނަށް އަހުލުވެރިކޮށް، ޒިންމާދާރު ޖީލެއް ބިނާ ކުރުމާއި ގުޅޭގޮތުން ބައިވެރިން ތަމްރީން ކުރާނެއެވެ. ލ.އަތޮޅުގެ ކައުންސިލްތަކާއި، މަދަރުސާތަކާއި، ފުލުހުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އަދި ޖަމްޢިއްޔާތަކުން މި ބައްދަލްވުމުގައި ބައިވެރިވެއެވެ.

ޒިންމާދާރު ރައްޔިތުން ބިނާކުރުމުގެ ޕްރޮގްރާމްގެ 8 ވަނަ ޕްރޮގްރާމް ހައްދުންމަތީގައި ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޔޫސުފް ޢަބްދުލްޣަފޫރު ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި ހުރި މައްސަލަތައް ޙައްލުކުރުމަކީ ވަކި މީހަކު އެކަނި ކުރާ ކަމެއްގެ ބަދަލުގައި އެންމެން ގުޅިގެން ކޮށްފިނަމަ ނަތީޖާ ނެރެވޭނެ ކަމެއް ކަމަށެވެ. ޤާނޫނުތައް ހަދާ އަދަބުތައް ކަނޑއަޅަނީ ބަޔަކަށް އަދަބު ދިނުމަށް ނޫން ކަމަށާއި، އެއީ މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތެއްކަން އޭނާ ފަހަގަކުރެއްވިއެވެ.

ޒިންމާދާރު ރައްޔިތުން ބިނާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން، މިހާތަނަށް ބާއްވާފައިވާ 7 ބައްދަލުވުންވެސް ވަރަށް ކާމިޔާބު ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ. އެންމެ ފަހުން މި ޕްރޮގްރާމް ބޭއްވީ މ.އަތޮޅުގައެވެ. 8 ވަނަ ބައްދަލުވުން ލ.އަތޮޅުގައި ކުރިއަށްދާއިރު، މިއަދާއި، މާދަމާ ސެޝަންތައް ކުރިއަށްދާނެއެވެ.