ކުޅިވަރު

މާޒިޔާއިން ވާދަވެރި ނިއު ބަލިކޮށްފި


ޕްރިިމިއަރ ލީގުގައި ވާދަވެރި މާޒިޔާ އަދި ނިއުރޭޑިއަންޓްގެ ފުރަތަމަ ކުރިމަތިލުން މާޒިޔާ ކާމިޔާބުކޮށްފިއެވެ.  

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ވާދަކުރި މެޗް މާޒިޔާ ކާމިޔާބުކުރީ ދޭއް ސުމަކުންނެވެ.

މެޗުގައި މާޒިޔާއިން ދެ ގޯލްވެްސް ޖަހާފައިވަނީ ފުރަތަމަ ހާފްގައެވެ. ފުރަތަމަ ލަނޑު ޖަހައިދިނީ ބޯޔާން މިޚަލޮވިޗެވެ. އޭނާ މި ލަނޑު ޖެހީ މުޙައްމަދު އާރިފް ބޮލުން ފޮނުވާލި ބޯޅައެއް ކީޕަރު ފައިސަލް އަތުގައި ޖެހިފައި ނިކުތް ވަގުތު މުޅިން ހުސްކޮށްހުރެއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާއަށް ލީޑް ފުޅާކޮށްދިނީ މިޑްފިލްޑަރ މުޙައްމަދު އުމެއިރު. އޭނާ މި ލަނޑު ޖެހީ ޕެނަލްޓީ އޭރިއާ ރޮނގުމަތިން ލިބުނު ހިލޭ ޖެހުމަކުންނެވެ.

ވަރުގަދަ އެޓޭކިންގ ލައިނެއް އޮތް ނިއުރޭޑިއަންޓަށް މިއަދުގެ މެޗުގައި މާ ގިނަ ހަމަލާތަކެއް ނުއުފެއްދުނެވެ. އެހެންނަމަވެސް އެޓީމުން މެޗުގައި ދެ އޮފްސައިޑް ލަނޑު ޖެހިކަން ފާހަގަކޮށްލެވެއެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާގެ އަމްދާން އަލީއެވެ. 

މެޗަށްފަހު މާޒިޔާގެ ކޯޗް ބުނީ ކުޅުންތެރިން މެޗުގައި ކުރި ހިތްވަރަށް ސާބަސް ދޭ ކަމަށާއި، މެޗުން މޮޅުވީ ރޭވުންތަކާ އެއްގޮތައް ކުޅުމުން ކަމަށް

"މިމެޗަށް ނިކުތީ ވަކި ގޮތަކަށް ރާވައިގެން. މެޗު ދިޔައީ ރޭވުން ތަކާ އެއްގޮތަކަށް" މާޒިޔާގެ ކޯޗް މަރްޔާން ސެކްލޯސްކީ ބުންޏެވެ.

ނިއުރޭޑިއެންޓްގެ ކޯޗް އޮސްކާ ބްރޫޒަން ބުނީ ކުޅުން ގޯސް ނޫން ކަމަށާއި، ކުރިއަށް އޮތް މެޗް ކާމިޔާބުކޮށްފިނަމަ އަދިވެސް ލީގުގައި ކުރިއަށްދެވޭނެ ކަމަށެވެ.

"ކުރިއަށް އޮތީ ފައިނަލެއް. ގްރީން ސްޓްރީޓް މެޗަކީ ނަގަން މަޖުބޫރު މެޗެއް. މާލޭގެ އެއްވެސް ކްލަބެއް ފަސޭހައެއް ނުވާނެ" އޮސްކާ ބްރޫޒަން ބުންޏެވެ. 

މިއަދުގެ މެޗުން މޮޅެވެ މާޒިޔާ ވަނީ ހަ ޕޮއިންޓާއެކު ލީގުގެ އެއްވަނައަށް ޖެހިލާފައެވެ.