ތަރައްްޤީ

ލ.ގަމުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ


ލ.ގަމުގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ޢުމުރުން 66 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

މި އެކްސިޑެންޓްގައި މަރުވެފައިވަނީ ލ.ގަމު މުކުރިމަގު އަބްދުއްސައްތާރު ނަމަކަށް ކިޔާ މީހެއް ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އަބްދުއްސައްތާރު، ދުއްވަން އިން ސައިކަލް، މަގުގެ އަރިމަތީގައި ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ޖެހިގެން ކަމަށް ފުލުހުންނާ ހަވާލާދީ ގަމު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ގަމު މުކުރިމަގު އަވަށުގައެވެ.

މި އެކްސިޑެންޓްގައި މަރުވި އަބްދުއްސައްތާރު، މިރޭ 8:30 އެހާއިރު ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެނެވުނުއިރުވެސް މަރުވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ގަމު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އަދި އޭނާގެ ބޭރުފުށުން މާބޮޑު އަނިޔާތަކެއް ފެންނަން ނެތްކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ. ގަމުގައި ތިބި ފުލުހުން ދަނީ މި މައްސަލަ ތަޙްޤީޤު ކުރަމުންނެވެ.