ތަރައްްޤީ

މައުމޫންގެ ޕާސަނަލް އެސިސްޓެންޓުގެ މައްސަލަ ޕީޖީއަށް


ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ޕާސަނަލަ އެސިސްޓެންޓް އަދި އެމަނިކުފާނުގެ ސެކިއުރިޓީގެ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާ އަޙްމަދު ޞަފްވާން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވުމުންވެސް ފުލުހުންގެ އިދާރާއަށް އޭނާ ހާޒިރުނުވި މައްސަލަ ތަޙްޤީގުކޮށް ނިންމައި އެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުއްވައިފިއެވެ. 

ފުލުހުންގެ ހެޑް އޮފް ސްޓްޓެޖީ އެންޑް ލީގަލް ޑިޕާޓްމަންޓުގެ ހެޑް ސުޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ ޞަފްވާން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގައި ޗިޓް ފޮނުވަމުން ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތިބާރު ނެތްކަމުގެ ވޯޓު ނެގި ދުވަހު އެ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދިންކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ. 

ޞަފްވާންގެ މައްސަލަ ފުލުހުން ޕީޖީއަށް ފޮނުއްވިއިރު ތަޙްޤީގަށް އެއްބާރުލުން ދީފައި ނުވާ މައްސަލައާ ގުޅިގެން އިމިގްރޭޝަން މެދުވެރިކޮށް ސޮފްވާންގެ ޕާސްޕޯޓުވެސް ފުލުހުން ވަނީ މީގެކުރިން ކެންސަލްކޮށްފައެވެ. އަދި ސޮފްވާން ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަމަށްވެސް ފުލުހުން މީގެކުރިން އެދިފައިވެއެވެ.