ތަރައްްޤީ

ކުޅުދުއްފުށީ ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރު ފަށަނީ


ކުޅުދުއްފުށީ ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. ބަނދަރު ހެދުމުގެ މަޝްރޫޢަށް ބޭނުންވާ ފައިސާވެސް މިހާރު ހަމަޖެހިފައިވާ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.

ކުޅުދުއްފުށީގައި އަލަށް ހިއްކާފައިވާ ސަރަޙައްދުގެ ބަނދަރު ހެދުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށަން ހައުސިންގް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ. ބަނދަރުގެ މަސައްކަތަށް ބޭނުންވާ ފައިސާ، އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުން ވަނީ ހަމަޖައްސައިދީފައެވެ. އެ ބޭންކުގެ ހިލޭ އެހީ ލިބިފައިވާއިރު، ބަނދަރު ހެދުމަށް ބޭނުންވާ ފައިސާގެ އެއްވެސް މައްސަލައެއް ނެތްކަށް ހައުސިންގް މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ބަނދަރުގެ މަސައްކަތަށް ގާތްގަޑަކަށް 12 މިލިއަން ޑޮލަރު ޚަރަދު ވާނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިއަހަރުގެ ފަހުކޮޅު ބަނދަރު ހެދުމަށް މިނިސްޓްރީން ތައްޔާރުވެވަޑައިގެންނަވާއިރު، މިކަމަށް ބޭނުންވާ އީ.އައި.އޭ މިހާރު ވަނީ ހަދާ ނިމިފައެވެ. ކުޅުދުއްފުށީގައި އަލަށް ހިއްކާފައިވާ ޞަރަޙައްދުގައި ހަދާ ބަނދަރު ނިމުމުން އެ ޞަރަޙައްދުގެ ބިންގަނޑު ހިމާޔަތް ކުރެވިގެންދާނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. ސަރުކާރުން ގެންދަވަނީ ކުޅުދުއްފުށީގައި ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ރާވާ ހިންގަމުންނެވެ.