ޓުއަރިޒަމް

ބަޔޮސްފިޔަރ ރިޒާވްއާ ބެހޭ ގެސްޓްހައުސް ކޮންފަރެންސެއް ބާއްވަނީ


ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލުތަނަކަށް ހެދުމަށް ބ.އަތޮޅުގައި ހިންގާ ގެސްޓު ހައުސްތަކަށް އަމާޒުކޮށްގެން ގެސްޓުހައުސް ކޮންފަރެންސެއް ބޭއްވުމަށް ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުން ނިންމައިފިއެވެ.

މިކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު އޭދަފުށީގައެވެ. ގެސްޓު ހައުސް ކޮންފަރެންސްގައި ބ.އަތޮޅުގެ އެކި ރަށްތަކުގައި ހިންގާ 23 ގެސްޓު ހައުސަކުން 50 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ބަޔޮސްފިއަރ ރިޒާވް އޮފީހުން ވިދާޅުވެއެވެ. މީގެއިތުރުން ބ.އަތޮޅުގެ ރިސޯޓުތަކުންވެސް މި ކޮންފަރެންސްގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ބަޔޮސްފިއަރ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ، މި ކޮންފަރެންސް ބޭއްވުމުގެ ބޭނުމަކީ ބަޔޮސްފިއަރ ރިޒާވަކީ ފަތުރުވެރިންގެ މެދުގައި މަޤްބޫލުތަނަކަށް ހަދައި އެތަނާބެހޭ މަޢުލޫމާތު ގެސްޓު ހައުސް ހިންގާ ފަރާތްތަކާ ޙިއްސާކުރުން ކަމަށެވެ. ޝާފީ ވިދާޅުވީ، ކޮންފަރެންސްގެ ނަތީޖާއަށް ބަލައި އަންނަ އަހަރު މުޅި ރާއްޖެއަށް ހުޅުވާލައިގެން މިފަދަ ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައެޅީ 2011 ވަނަ އަހަރުއެވެ. އެތަން ޚާއްސަވަނީ އެންމަޑިއާއި ފެހުރިހި ފެންނަ ދުނިޔޭގެ އެންމެ މަޤްބޫލު ތަނުގެ ގޮތުގައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުން މިތަނަށް ފަތުރުވެރިން ޒިޔާރަތްކުރަމުންދެއެވެ.