ތަރައްްޤީ

ފެންފުށީ ނަރުދަމާ ނިޒާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި


އަރިއަތޮޅު ދެކުނުބުރީ ފެންފުށީގައި ސްޓެލްކޯއިން ޤާއިމްކުރާ ނަރުދަމާ ނިޒާމްގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފެންފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެރަށު ނަރުދަމާ ނިޒާމް ހެދުމަށް ޙަވާލުކޮށްފައިވަނީ އިންޑިޔާގެ ލަކީ އެކްސްޕޯޓް ކުންފުންޏާއެވެ. މިއީ ސްޓެލްކޯއިން 34 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ސްޓެލްކޯގެ ފަރާތުން ފެންފުއްޓަށް ދިޔަ ޓީމުގެ މެމްބަރުންނަށް، ފެންފުށީ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.

ފެންފުށީ ނަރުދަމާ ނިޒާމްގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަބްދުއްޝުކޫރު އަލީއެވެ. ލަކީ އެކްސްޕޯޓްސްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ލިނޭ ސިންގްއެވެ.

މާލެ ސަރަޙައްދާއި، ކ، އއ، އދ، އަދި ވ، އަތޮޅުގެ ހުރިހާ ރަށަކަށް ކަރަންޓްގެ ޚިދުމަތް ދެމުން އަންނަ ސްޓެލްކޯއިން އަންނަނީ މި ސަރަޙައްދުގައި ނަރުދަމާއާއި ފެނުގެ ނިޒާމް ނެތް ރަށްތަކަށް އަމާޒުކޮށް މަޝްރޫޢުތައް ހިންގަމުންނެވެ. އެގޮތުން ފެންފުށީގައި ޤައިމްކުރާ ނަރުދަމާ ނިޒާމަކީ ސްޓެލްކޯއިން މިގޮތަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢެވެ.

އާބާދީގައި 1040 މީހުން ދިރިއުޅޭ ފެންފުއްޓަކީ ފެނުގެ މައްސަލަ ކުރިމަތިވެ، ނަރުދަމާ ނިޒާމަކަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ރަށެކެވެ. ފެންފުށީގައި ޤާއިމްކުރާ ނަރުދަމާ ނިޒާމާއެކު، ރަށުގެ ފެންފަށަލަ ރަގަޅުވެ، ބިމުން ނަގާ ފެނަކީ ރައްކާތެރި ފެނަށް ވުމަކީ ފެންފުށީ ރައްޔިތުންގެ ބޮޑު އުންމީދެކެވެ.