ތަރައްްޤީ

ފ.ނިލަންދޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފި


ފ.ނިލަންދޫގައި ސަރުކާރުން ހިންގެވި ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފިއެވެ. 

ނިލަންދޫގައި އަލަށް ހިއްކި ބިމަކީ އެރަށުގައި އަލަށް ހަދާ ބަނދަރާއި ގުޅިގެން ހިއްކާފައިވާ ބިމެކެވެ. ފ.ނިލަންދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބަނދަރާއެކު، އެރަށުގެ އިރު އުތުރު ފަރާތުން ހިއްކާފައިވަނީ 13 ހެކްޓަރުގެ ބިމެކެވެ. 

ނިލަންދޫ ބިން ހިއްކުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން ކޮށްފައިވަނީ ސަބްކޮންޓްރެކްޓް އުޞޫލުން ވިލާ ކުންފުންޏާ ޙަވާލުކޮށްގެނެވެ. އެމް.ޓީ.ސީ.ސީން ބުނީ ބިން ހިއްކުމުގެ މަސައްކަތް ނިންމުމަށްފަހު މިހާރު ތައްޔާރުވަމުން ދަނީ ބިން ޙިމާޔަތް ކުރުމަށް ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުމަށް ކަމަށެވެ. އެކަމަށް ބޭނުންވާ ބޮޑުހިލައިގެ ޝިޕްމަންޓްތައް ރާއްޖެ ގެނެވުނުހާ އަވަހަކަށް ރިވެޓްމަންޓް ޖަހަން ފަށާނެ ކަމަށްވެސް އެމް.ޓީ.ސީ.ސީން ބުނެއެވެ.

ބިން ހިއްކުމާއި ރިވެޓްމަންޓް ޖެހުމާއެކު، ނިލަންދޫގައި އަލަށް ހަދާ ބަނދަރު ހެދުމަށް 60 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ނިލަންދޫގައި އަލަށް ހަދާ ބަނދަރަކީ މިހާރު އެރަށުގައި އޮތް ބަނދަރު ކުޑަވުމުގެ ސަބަބުން ނިލަންދޫގެ ރައްޔިތުންގެ އެދުމުގެ މަތިން ތަރައްޤީކުރާ ބަނދަރެކެވެ. އަލަށް ހަދާ ބަނދަރަކީ 800 ފޫޓްގެ ބަނދަރެކެވެ.

އެމް.ޓީ.ސީ.ސީން ބުނީ ނިލަންދޫ ބަނދަރުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. ބަނދަރު މަޝްރޫޢާ ގުޅުވައިގެން ނިލަންދޫގެ ބިމަށް އިތުރުކޮށްދެއްވި ބިމަކީ ރަށުގެ ތަރައްޤީއަށް ފަހިކޮށްދެއްވާ ކަމެއްކަމަށް ރަށުގެ ރައްޔިތުން ދެކެއެވެ.