ތިމާވެށި

ވެމްކޯގެ މަސައްކަތަށް އައްޑޫ ސިޓީން ބޮޑު ތަރުހީބެއް!


ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯގެ ޚިދުމަތް ރަސްމީކޮށް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައެވެ. މާލޭގެ ކުނި މެނޭޖްކުރުމުގެ މަސައްކަތާއި އެކު، ވެމްކޯއިންވަނީ އެކުންފުނީން ދޭ ޚިދުމަތް އަތޮޅުތެރެއަށް ފުޅާކޮށް އަތޮޅުތެރޭގައިވެސް އެ މަސައްކަތް ފަށާފައެވެ. 

މި މަސައްކަތުގެ ދަށުން މިމަހުގެ ދެވަނަ ދުވަހު އައްޑު ސިޓީގައި ވޭސްޓް ކަލެކްޝަން ސެންޓަރެއް ހުޅުވާ ކުނި އުކާލުމަށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ޢާއްމުކޮށް ހުޅުވާލިއެވެ. މި ފުރުސަތާއިއެކު ގިނަ އަދަދެއްގެ ގޭބީސީން އެ ގެތަކުގެ ކުނި އުކާލުމަށް އެދި ރަޖިސްޓްރީން ކުރަން ފެށިއެވެ.

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯގެ ބިޒްނަސް ޑިވޮލޮޕްމެންޓް މެނޭޖަރ މުޙައްމަދު އިޤްބާލް ވިދާޅުވީ 13 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ 15 ހާހެއްހާ ގޭބިސީތަކުން ކުނި އުކާލުމަށް ރަޖިސްޓްރީކޮށްފައިވާކަމަށެވެ. އަދި ގުޅިފައިވާ ރަށްރަށުން އެކަނިވެސް 13 ހާހަށްވުރެ ގިނަ ގޭބިސީތަކުން ރަޖިސްޓްރީ ވެފައިވާކަމަށް ވެމްކޯއިން ބުނެއެވެ.

އިޤްބާލު ވިދާޅުވީ އައްޑޫ ސިޓީގައި ކުނިއުކާލުމުގެ ހިދުމަތަށް އެދި ގިނަ ބަޔަކު ރަޖިސްޓްރީކޮށްފައިވާތީ އެކަމަށް ބޭނުންވާ އިތުރު ވެހިކަލްތައް އެ ސިޓީއަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އަލަށް ގެންދާ ވެހިކަލްތަކާއި އެކު އައްޑޫ ސިޓީގައި ވެމްކޯއިން ދެމުންދާ ޚިދުމަތް އިތުރަށް ފުޅާކުރައްވާނެކަމަށްވެސް އިޤްބާލު ވިދާޅުވިއެވެ.

ވެމްކޯއިން ބުނީ އެކުންފުނީގެ އަމާޒަކީ އައްޑޫ ސިޓީގެ ހުރިހާ ގޭބިސީތަކެއްގައި އުފައްދާ ކުނި ރައްކާތެރިކަމާއިއެކު ނައްތާލުންކަމަށެވެ. އަދި ކުންފުނީގެ އަމާޒަށް ވާސިލުވުމަށް އައްޑޫ ސިޓީގެ ރައްޔިތުންދެއްވާ އެއްބާރުލުން އެކުންފުނިން ފާހަގަކުރެއެވެ. އައްޑޫ ސިޓީގައި ކުނި އެއްކުރުމަށް ވެމްކޯއިން ބޭނުންކުރަމުންދަނީ ދެ ކޮމްޕެކްޓަރ ޓްރަކްއެވެ. ވެމްކޯއިން ކުނި އުކާލުމަށް ހަމަޖެހިފައިވަނީ މަހަކު 100 ރުފިޔާގެ ރޭޓުން ހަފްތާއަކު 3 ދުވަހުއެވެ.