ތަރައްްޤީ

"އެއަރޕޯޓް މަޝްރޫޢަކީ ޖަޒީރާ ޤައުމުތަކަށް ބަލާއިރު ނަމޫނާއެއް"


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ 1 ބިލިއަން ޑޮލަރުގެ މަޝްރޫއަކީ، ޖަޒީރާ އެހެން އެއްވެސް ޤައުމެއްގައި ކުރިއަށް ނުދާފަދަ ބިޔަ މަޝްރޫއެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ސިފަކުރައްވައިފިއެވެ. ރާއްޖޭގެ ޤައުމީ އެއަރޕޯޓަށް 51 އަހަރު ފުރުމާގުޅިގެން ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވަނީ އެއަރޕޯޓް މަޝްރޫއާއެކު، ޤައުމުން ފެންނަމުންދާ ބިޔަ މަޝްރޫޢުތައް ބަލައި ނުގަންނަ އެއްވެސް ރައްޔިތަކު ނެތް ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއަކީ ޖަޒީރާ ޤައުމެއް ނަމަވެސް، ރާއްޖޭގެ ރައްޔިތުންގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގައި ހިންގަމުންދާ އިޤްތިޞާދީ ބިޔަ މަޝްރޫޢުތަކަކީ ދުނިޔޭގެ އެހެނިހެން ޖަޒީރާ ޤައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގެ ހެއްކެކެވެ. ރާއްޖޭގެ ޤައުމީ އެއަރޕޯޓްގެ 51 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދުވަނީ ކުދި އެހެން ޖަޒީރާ ޤައުމުތަކާއި، ރާއްޖެއާ ދެމެދު އޮތް ތަފާތު ޙިއްސާކުރައްވާފައެވެ. މިނިސްޓަރ ސަޢީދު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރުމަށް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްގެންދަވާ ބިޔަ މަޝްރޫއަކީ، ޖަޒީރާ އެހެން އެއްވެސް ޤައުމެއްގައި ކުރިއަށް ނުދާފަދަ ބިޔަ މަޝްރޫއެއް ކަމަށެވެ. އަދި އެއަރޕޯޓްގައި އަލަށް ހެދޭ 3400 މީޓަރުގެ ދިގު ރަންވޭއާއި، އާ ޓަރމިނަލާއި، އަދި ފިއުލް ފާރމްގެ އިތުރުން ކާގޯ ކޮމްޕްލެކްސްއާއެކު، ޤައުމުގެ އިޤްތިޞާދަށް ހައިރާންވާވަރުގެ ބަދަލެއް އަންނާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އިގްތިޞާދީ ސިޔާސަތުގެ އެންމެ ބޮޑު އަމާޒަކީ ބޮލަކަށް ޖެހޭ މިންވަރު 10،000 ޑޮލަރަށް ބަދަލު ކުރުން ކަމަށާއި، އެ އަމާޒަށް ވާސިލްވަމުންދާ މަންޒަރު ޤައުމުގެ ހުރިހާ ދިމާއަކުން ފެނިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރައީސް ޔާމީންގެ ދުރު ވިސްނުންފުޅާއެކު ކުރިއަށްގެންދަވާ އެއަރޕޯޓް މަޝްރޫޢު ފަދަ ބިޔަ މަޝްރޫއުތައް ރައްޔިތުން ބަލައިގަންނަ ކަމަށާއި، އެ މަންޒަރު ފެނުމުން ހިތްވަރު އާވެގެންދާ ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.

މިނިސްޓަރ ސަޢީދުގެ ވާހަކަފުޅުގައި އެއަރޕޯޓަށް އަންނަމުންދާ ތަރައްޤީގައި އެއަރޕޯޓްގެ މުވައްޒަފުންގެ ޙިއްސާ ބޮޑުކަން ފާހަގަކުރައްވާ އެ މަސައްކަތުގެ އަގު ވަޒަން ކުރައްވާކަން ފާހަގަކުރެއްވިއެވެ.