ތަރައްްޤީ

ފެނުގެ ނިޒާމްގެ ގުޅާލުމުގެ މަޝްރޫޢު ޑިޒައިންކުރަން ޙަވާލުކޮށްފި


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މެދުވެރިކޮށް، މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅުވާލުމުގެ މަޝްރޫޢު ޑިޒައިން ކުރުމަށް، ބްރިޖްގެ ކޮންޓްރެކްޓަރ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ.

ބްރިޖް މެދުވެރިކޮށް، މާލެއާއި ހުޅުމާލޭގެ ކަރަންޓާއި، ފެނުގެ ނިޒާމާއި، އަދިވެސް އިތުރު ނެޓްވޯކްތައް ގުޅުވާލުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މީގެތެރެއިން ފެނުގެ ނިޒާމްގެ ކަންކަން ކުރިއަށްގެންދަނީ މާލޭ ވޯޓަރ އެންޑް ސްވްރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީންނެވެ. ބްރިޖްގެ ސްޕަރ ސްޓްރަކްޗަރ ނުވަތަ އޮނިގަނޑުގެ މަސައްކަތްތާއެކު، ފެނުގެ ވިއުގައިގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދާކަމަށް އެމް.ޑަބް.ލިއު.އެސް.ސީން ބުނެއެވެ. ބްރިޖްގެ ތެރޭގައި ފެންވިއުގަ ހަދާނެ ގޮތުގެ ޑިޒައިން ހެދުމަށް ޙަވާލުކޮށްފައިވަނީވެސް ބްރިޖްގެ ކޮންޓްރެކްޓަރ ކަމުގައިވާ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޯޕަރޭޝަނާއެވެ. ޑިޒައިނިންގެ މަސައްކަތަށް އެކަނިވެސް ދެ ލައްކަ ޑޮލަރު ޚަރަދުވާނެ ކަމަށް އެމް.ޑަބް.ލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14919183470292.jpg|ފެނުގެ ނިޒާމް ޑިޒައިންކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ފަޒުލް ވިދާޅުވީ، ޑިޒައިން ހަދާ ނިމުމުން، ފެނުގެ ވިއުގައަށް ދާނެ ޚަރަދާއި، މުއްދަތު އެނގިގެންދާނެ ކަމަށެވެ. މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅިގެން ދިއުމުން، ފެނުގެ ނިޒާމްގެ ރައްކާތެރިކަން އިތުރުވެ، ޚަރަދުކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ފެނުގެ ނިޒާމް ބައްޓަން ކުރެވޭނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

"އެމް.ޑަބްލިއު.އެސް.ސީގައި ކުރިން ހިނގާފައި ހުރި ހާދިސާތަކަށް ބަލާއިރު، ފެނުގެ ރައްކާތެރިކަން އާންމުންނަށް ލިބިދިނުމަށްޓަކައި ފެން ބިލްޑިންގ ފިޔަވާ އިތުރު ތަންތަނުގައި ފެން ޕްލާންޓްތައް ހަދަމުން މިދަނީ. އަދި ބްރިޖް މެދުވެރިކޮށް ހުޅުމާލެއާއި މާލޭގެ ފެނުގެ ނިޒާމް ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫޢާއެކު ހުޅުމާލޭގައި ބޮޑު ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމް ކުރެވޭނެ. ވީމާ ފެނުގެ ރައްކާތެރިކަން އެބަ އިތުރުވޭ. އަދި މިހާރު ޚަރަދުތައް ބޮޑުވި ނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު ޚަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ" ފަޒުލް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14919183655014.jpg|ފެނުގެ ނިޒާމް ޑިޒައިންކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ފެނުގެ ނިޒާމް ގުޅުވާލުމަށް ހަދަންޖެހޭ ޑިޒައިން ނިންމުމަށްފަހު ޢަމަލީ މަސައްކަތްވެސް ހަވާލުކުރާނީ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިންއާ އެކު ކަމަށް ފަޒުލް ވިދާޅުވިއެވެ. މި މަސައްކަތަށް ބޭނުންވާ ސާމާނުތައް ރާއްޖެ ގެނެސް މިއަހަރުގެ ތެރޭގައި މަސައްކަތް ފެށުމަށް ނިންމާފައިވާކަމަށްވެސް ފަޒުލް ވިދާޅުވިއެވެ.

ސީސީސީސީ ސެކަންޑް ހަބަރ އިންޖިނިއަރިންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރ މިސްޓަރ ހޫ ވަންގ ވިދާޅުވީ ބްރިޖާއެކު މާލެ ސަރަޙައްދަށް އިގްތިޞާދީ ބޮޑު ބަދަލެއް ގެނައުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތަކީ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު މަސައްކަތްތެއްކަމަށެވެ.

ފެނުގެ ނިޒާމުގެ އިތުރުން، މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ބްރިޖް މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސްޓެލްކޯއިންނެވެ. ސްޓެލްކޯއިން ވަނީ މިދިޔަ އަހަރު އެ މަސައްކަތުގެ ޑިޒައިނާއި ޓެންޑާ ޑޮކިއުމެންޓް ހެދުމަށް އިނގިރޭސިވިލާތުގެ ސީމަންސް ކުންފުންޏާ ޙަވާލުކޮށްފައެވެ. ފެނާއި ކަރަންޓް އެންމެ ގިނަ އަދަދަކަށް ބޭނުންކުރާ ސަރައްހައްދަކީ މާލެއެވެ. ފެނުގެ ނިޒާމަށް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، އަލަށް ޤާއިމްކުރާ މި ނިޒާމް މެދުވެރިކޮށް ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ފެން ޕަމްޕު ކުރެވޭނެއެވެ.